ރައީސް ޔާމީން، މާއެނބޫދޫ ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށް ދެއްވަނީ. - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
01 ނޮވެމްބަރ 2017 - 16:18
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން، އިދިކޮޅު ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދ. މާއެނބޫދޫގެ ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށް ދެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ގާނޫނުގެ ފައި ހަމަކުރަން ނުޖެހޭ މީހުން ތިބި ކަމަށް ބަޔަކު ގަބޫލު ކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ސަރުކާރާއި އެމަނިކުފާނާ ދޭތެރޭގައި އިދިކޮޅު މީހުންގެ ކުރިމަތީގައި މައްސަލަތަކެއް އުފެދުނީ އެ ސަބަބާ ހުރެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ 10 މެމްބަރުން އެ ޕާޓީން ވަކިވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވަނީ ބައެއް ކަހަލަ ކުށްތަކަށާއި ހައްގުތަކަށް އަރައިގަތީމަ، އެކަން ސަރުކާރުން ދޫކޮށްލަން ޖެހޭ ކަމަށް ގަބޫލުކުރާ ދިވެހިން މިއަދު އުޅެމުންދާ ކަމަށް އިޝާރާތް ކުރައްވައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"އަބަދުވެސް ދައްކާ ވާހަކަ އަކީ ރިޝްވަތާއި ފަސާދައިގެ ވާހަކަ. އެކަމަކު ދީބާޖާއެއް ގޮތަށް ފަށަން އުޅޭ ވާހަކަ އެ އަށް ވުރެ ކުރިން ފުލުސް ސްޓޮޕަކުން ނިންމާލަން ޖެހެނީ މަޖިލީހުގެ ތެރޭގައި އެ ކުރެއްވީ ކީއްހެއްޔޭ؟ ހަމަ ރިޝްވަތާއި ފަސާދަ ބޭނުން ކުރައްވައިގެން ދައުލަތެއް ވައްޓާލަން މަސައްކަތް ކުރެއްވީ. އެހެންވީމަ ނެތެއް ނޫންތޯ އެ ވާހަކަ ވެސް ދެއްކޭކަށް؟ އެހެންވީމަ މިކަހަލަ ހާލެއްގައި އިދިކޮޅު ސިޔާސީ ބޭފުޅުން ތިއްބެވީ،" ރައީސް ވިދާޅުވި އެވެ.
"މަޖިލީހުގެ ތެރޭގައި އަޅުގަނޑުމެންގެ މައްޗަށް ރިޝްވަތާއި ފަސާދައިގެ ވާހަކައިން ބަދުނާމް އައިސް ކުށްވެރިކުރާއިރު، ކުށްވެރި ކުރާ ބޭފުޅުން މި ކަންކަމުގެ އެހީތެރިވެ ސަރުކާރެއް ވައްޓާލަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ކަމެއްތޯ؟"
ރައީސް ވިދާޅުވި ގޮތުގައި މެމްބަރުންގެ ތެރޭގައި ފައިސާ ދައުރުވެ، ނާޖައިޒު ނުފޫޒުތަކެއް މެމްބަރުންނަށް ލިބިފައިވެ އެވެ. އަދި އޭގެ ތެރެއިން ގިނަ މެމްބަރުންނަކީ ސަރުކާރަށް ވަރަށް ވަރުގަދަ ތާއީދެއް ކޮށްގެން ތިއްބެވި މެމްބަރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު ރައްޔިތުން ދިނީ ޕީޕީއެމަށާއި އެމްޑީއޭ އަށް ކަމަށާއި ޖުމްހޫރީ ޕާޓީއަށް ގޮނޑިތަކެއް ލިބުނީ، ޕީޕީއެމުން އެ ގޮނޑިތަކަށް ވާދަ ނުކުރުމުން ކަމަށް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ރައީސް އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ތިން އަހަރަށް ޖަލަށްލައިފަ އެވެ. އަދި ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
ޕީޕީއެމްގެ 10 މެމްބަރަކު އެ ޕާޓީން ވަކިވީ ސަރުކާރާ އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި އެވެ. އަދި ޕާޓީން ވަކިކުރާ، އަދި ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން އެދުމުން، ސުޕްރީމް ކޯޓުން ވަނީ އެގޮތަށް ހުކުމްކޮށްފަ އެވެ. އެހެންވެ، ޕީޕީއެމުން އެދިގެން، އޭގެ ތެރެއިން މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.
ރައީސް ވިދާޅުވީ އިދިކޮޅު ބޭފުޅުން ތަރައްގީގެ ވާހަކަ ދައްކަން ބޭނުމެއް ނުވާ ކަމަށާއި އެބޭފުޅުން އަބަދު ގޮވާލައްވަނީ ޓޫރިޒަމް ސިނާއަތް ހަލާކު ކުރުމަށާއި ބޭރުގެ އެހީއަށް ހުރަސް އެޅުމަށް ކަމަށެވެ.
"ޓްވީޓުތަކުން، ސޯޝަލް މީޑިއާއިން، ހަބަރުތަކުން ފަލަ ސުރުހީ، އެއް ވަނަ ސަފްހާ އަބަދުވެސް ނަގާފައި ހުރީ މި ކަހަލަ ހަބަރުތަކުން. މި ބޭފުޅުން ކުރައްވާ ކަންތައްތަކަށް އަޅުގަނޑަށް އެއްގޮތަކަށް ވެސް ދެކޮޅެއް ނުޖެއްސޭ،" ވަޒީރުންނާއި މަޖިލީހުގެ މެމްބަރުން ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރަކުން ވެސް ބަލަން ވާނީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދިނުމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރީގައި ކުރި ވަރަށް ވުރެ ރަނގަޅަށް އަދި ހަލުވިކަމާއެކު ނިންމުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ބަލަނީ ކޮން ކަހަލަ ފިކުރެއް އޮތްތޯ ނޫން ކަމަށާއި ރައްޔިތުން ކަމަށްވާނަމަ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބެން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތައް އަޑު އައްސަވާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި އިދިކޮޅު ބޭފުޅުންގެ ވާހަކަތަކުގަ އާއި މުޒާހަރާތަކުގައި ރައްޔިތުންގެ ތަރައްގީ އަށް ބޮޑެތި މަޝްރޫއުތައް ހިންގަން ބޭނުން ނުވާކަން އަޑުއައްސަވާފައި ނުވާ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ވާހަކަތައް އެބޭފުޅުން ނުދައްކަވަނީ ރައްޔިތުންނަށް އެކަމުގެ ހަނދާންތައް އާވެދާނެތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑާ ޖަދަލެއް ނުކުރައްވާ ސިޔާސީ ބޭފުޅުންނެއް ރަށްރަށަށް މިދޭ ހިދުމަތުގެ ވާހަކަ އިން. އެކަން ކަމަކާ އަޅުގަނޑަކާ ޖަދަލެއް ނުކުރައްވާ. އަދި ރަށްރަށުގެ ރައްޔިތުންގެ އިހްލާސްތެރި ހިތުގެ އެންމެ ފުންމިނުން އަންނަ ޝުއޫރުތައް އެބޭފުޅުން އަޑު އައްސަވާ. އެވާހަކަ ވެސް ނުދައްކަވާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުންގެ ޕޯޑިއަމެއް ކައިރިއަށް ވަޑައިގެން ކުރީގައި ދެއްކެވިފައި ހުރި ވާހަކަތަކާއި ކުރީގައި ކަންތައްތައް ކުރެވިފައި ހުރި ގޮތުން އެ ވާހަކަތައް ރައްޔިތުންނަށް ހުށަހަޅުއްވަން ލަދުވެތިކަމެއް ހުރެ އެވެ. ނަމަވެސް މި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ "ކައްޗަށް ދުއްވާ" ބޭފުޅުން ނޫން ކަމަށާއި މިއީ ދާ ގޮތަށް އަމާން އައްސޭރިއަކަށް ވާސިލްވާން ބޭނުންވާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަން
02 November 2017
ހަސަނަށް ހީވާނެ ފުޅަށް ބުޑުން މީހަކު ދަންޏާ އެއުޅެނީ ކެޔޮގަނޑު ކަނޑާށޭ. މީދިވެހިން ޒަމާނުއްސުރެ ބުނެ އުޅޭ ހަރު ބަހެއް.
މެންޓަލިސްޓް
02 November 2017
މަނިކުފާނާޢި ހާދަ ވައްތަރު މީހެއްގެ ވީޑިއޯތަކެށް އެބަހުއްޓޭ އިިދިކޮޅުމީހުންހަދާފައި ،،، އަޅޭނިކަން ބައްލަވާލަބަލަ ،،، އޭގައި ހުންނަނީ މަނިކުފާނުއާޢ ވައްތަރުމީހެއް އެމްއެމްއޭ ކައިރީ އޮތްޕިކަޕެއްގައި ،،، ދެން އެމީހާ ކިޔަނީ ފުލުހުން ޔުނީފޯމްބާލައިގެން އަންނާށޯ ތިމަންނާފައިސާދޭނަމޯ ،،، ސަރުކާރު ވައްޓާލަންވީއޭ ،،، ދެން އަނެއްވީޑިއޯއެއްގައި ހުންނަނީވެސް ޕިކަޕްއެއްގައި ،،، އެދުވަހު ހުންނެވީ ފުލުހުންގެ އޮފިސަރުންނާޢިއެކު އަރާ ވާހަކަފުޅުދައްކަވަން ،،، އަޅުގަނޑުވެސް ވަރަށް ހިއްހަމަނުޖެހުނު އެވީޑިއޯތަށް ބަލާފައި ،، އެކަހަލަ ކަންކަން ކުރާކަށް ނުވާނެ ،، ފޭކްވީޑިއޯ އިދިކޮޅުމީހުން ހަދައިގެން މަނިކުފާނާއި ވައްތަރު އަޑަކާއި މީހަކު އެނިމޭޓްކޮއްގެން އަގުވައްޓާލަނީ ،،، އަޅުގަނޑު އެދެން އެމީހުންގެ މައްޗައްވެސް ފިޔަވަޅުއަޅަން ،،، ވަރަށްވެދުން
އައްޑޫ ބެއްޔާ
02 November 2017
ކޮއްމެވެސް މީހަކު ބުނެބަލަ، 2012 ވަނަ އަހަރު ޖަނަވަރީ ފަހުކޮޅު، 700 ފުލުހުން ގަނެގެން ސަރުކާރު ވައްޓާލާނަމޭ ބުނީ ކާކުތޯ.
މިދީބުގެ އަދީބު
02 November 2017
މަނިކުފާނު ވަނީ ވިދާޅިވެފައި ފައިސާ ހޯދާގޮތް ނުބެލުމަށް، ނުހަލާލު ފައިސާ ގޭގެއަށް ވަނަސް އެހުރިހާ ކަމެއް އަދީބާ ހަމައިން ވަނީ ނިމިފައި
ތެއާސާ.
02 November 2017
ރައްޔިތުންގެ މަޖިލިސް ތެރެއިން، އިދިކޮޅު ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން އަޅުގަނޑު ހަދާނަށް އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވެފައިވާ މި ބަސްކޮޅެވެ. "ޑިމޮކްރެސީއެއްގައި އިދިކޮޅު ފަރާތްތަކުން ކުރަންޖެހޭކަމެކޭ ސަރުކާރު ޖަވާބުދާރީކުރުވަމުން ކުރުވަމުންގޮސް ސަރުކާރު ވައްޓާލުމަކީ"
ކާޖާ
01 November 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން، އިދިކޮޅު ސިޔާސީ ލީޑަރުން މަސައްކަތް ކުރެއްވީ ސަރުކާރު ވައްޓާލަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. - ވިސްނާށެވެ. ރިސްވަތުގެ ވާހަކަ ދައްކަން ރީއްޗެއް ނޫންތޯއެވެ. އަމިއްލަ މީހެއްގެ އެކައުންޓަށް އެއްފަހަރާ މިހާ ގިނަ ފައިސާ ޖަމާވި އިރު ބޭންކިން ނިޒާމުގެ ތެރެއިން މިކަން ދޫވެގެން ދިޔަގޮތެއް ބަލަންޖެހެއެވެ. ރާއްޖޭގެ ގާނޫނުތައް މިކަން މިހާ ފަސޭހައިން ކުރުމަށް ޖާގަ ދޭތޯއެވެ.
ފިނިފެންމާ
01 November 2017
ބަޢާވާތްކޮށް ނަޝީދުގެ ވެރިކަން ވައްޓާލީ މީނާ.ކޮބާ ހެޕަނިން މިނިސްޓަރ
ބޮން
01 November 2017
ހަމަ ރިޝްވަތާއި ފަސާދަ ބޭނުން ކުރައްވައިގެނެއް ނޫންތޯ މަޖިލީހުގެ މެޖޯރިޓީ ހޯދީ އަދި އޭގެ ބޭނުންކޮށްގެން ގަނޫނޫތައް އެގޮތް މިގޮތް ހަދައި މުއައްސަސާތައް ވާ ކޮށްލާފައިވަނީ؟؟!!
އަލިބެއްޔާ، އެކުވެރިސުވައިދީބް
01 November 2017
> އެއްފުޅައްމަތީން ފުންމާލި ބަކަރި އަނެއް ފުޅައްމަތީން ފުންމާލާނެއެވެ. > ކިތަންމެވަރަކަށް ދޮންކުރިޔަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. > ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ. > ބަޅެއްގެ ނަގޫ ސަންފާއޮނަކަށްލާފައި އޮތަސް ތެދެއް ނުވާނެއެވެ. > ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ. > ހިތިކަދޫ އަޅާ ވެލަކަށް، ފެން ދިނުމުގެ ބަދަލުގައި މާމުއި އަޅަމުން ގެންދިޔަޔަސް، އެވެލުގައި އަޅާނީ ހަމަ ހިތިކަދުލެވެ. > ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމަޔަށް ނެންގަސް އޮންނާނީ ކައްޗަށެވެ. ޝުކުރިއްޔާ!
އުދުހޭ
01 November 2017
7 ގުދު އޮންނަ މީހާއަށް ފެންނަނީ ކުރިމަތީ ހުންނަ މީހާގެ އޮތް އެއް ގުދު.