މީޑިއާ ކޮމިޝަނާއެކު ނޫސްވެރިކަން ނެތިގެންދާނެ: އިދިކޮޅު މެމްބަރުން

ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވާލުމަށް ފަހު އަަލަށް މޯލްޑިވްސް މީޑިއާ ކޮމިޝަން ވުޖޫދަށް އައުމާ އެކު، މިނިވަން ނޫސްވެރިކަން ނެތިގެންދާނެ ކަމަށް އިދިކޮޅު މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި ހުނަރާއި އިލްމާ ބެހޭ އެއްވެސް ފޮތެއްގައިވާ އެންމެ "ފޮޅުވަތެއް" ވެސް ބިލުގައި ނެތެވެ. އޭނާ އެ ބިލު ސިފަ ކުރެއްވީ އުތުރު ކޮރެއާގެ ލީޑަރަށް އިޝާރަތް ކުރައްވައި، "ކިމް ޖޮން އުން ބިލް" މިހެންނެވެ.

އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓު.

ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އަބުރުގެ ގާނޫނުގެ ސަބަބުން މިނިވަން ނޫސްވެރިކަން ސަންދޯކަކަށް ލާފައި މޮހޮރު ޖަހައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި މީޑިއާ ކޮމިޝަންގެ ބިލް ފާސްވެ ގާނޫނަކަށް ވުމާއެކު މިނިވަން ނޫސްވެރިކަމާއެކު ސަންދޯއް ވަޅުލެވޭނެ ކަމަށް ވިދާޅުވި އެވެ. އާ ކޮމިޝަނާއެކު އަންޑަގްރައުންޑް މީޑިއާތައް އުފެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ކުރެއްވި ޓުވީޓު.

އިންތި "މިހާރު" އަށް ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލަކީ ނޫސްވެރިންނަށް ވަރަށް ނުރައްކާތެރި ބިލެއް ކަމަށާއި އެ ބިލުގެ ބޭނުމަކީ ނޫސްވެރިކަން އެއްކޮށް ނައްތާލުން ކަމަށެވެ. އަދި އާ ކޮމިޝަނާއެކު ސަރުކާރުގެ އަތް ދަށަށް ދައުލަތުގެ ހަތަރު ވަނަ ބާރު ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާ ކޮމިޝަންގެ ބިލަކީ ސަރުކާރުން މީގެ ކުރިން ހުށަހަޅައި ފާސްކުރި އަބުރުގެ ގާނޫނަށްވުރެ ނުރައްކާތެރި ބިލެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ. އަދި ރާއްޖޭގައި އަމަލު ކުރަމުން އަންނަނީ އުތުރު ކޮރެއާ ފަދަ ހުދުމުހުތާރު ގައުމުތަކުގައި ކަންކަން ކުރަމުން އަންނަ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ އެއްޗެއް މިންގަނޑުން ނެއްޓިފައި ވަނީ. ނޫސްވެރިކަމާ ގުޅޭ ގޮތަކަށް ނާރާ ވާހަކަތައް މުޅިން ހުރީ. މިއީ ވަރަށް ބޮޑު ނުރައްކަލެއް ނޫސްވެރިންނަށް،" އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ ޕްރިންޓް މީޑިއާތައް ރަޖިސްޓްރީ ކުރުމަކީ ދުނިޔޭގެ ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލެއް ނޫން ކަމަށެވެ. ނަމަވެސް މީޑިއާ ކޮމިޝަންގެ ބިލުން ޕްރިންޓް މީޑިއާތައް ރަޖިސްޓްރީ ކުރަން މަޖުބޫރުކޮށްފައި އޮތުމުން އިންތި ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މީޑިއާ ކޮމިޝަންގައި މިނިވަން މެމްބަރުންތަކެއް ތިއްބަވާފާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މޯލްޑިވްސް މީޑިއާ ކޮމިޝަން ބިނާވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ބިލްގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް މެމްބަރުުން އިންތިހާބުކުރުމާއި ވަކިކުރުމުގެ ބާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އެކަމަކު މަޖިލިހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މީޑިއާ ކޮމިޝަނެއް އުފައްދަން ސަރުކާރުން ބޭނުންވަނީ މީޑިއާތަކުގެ އަޑު ކަނޑުވާލައި އެ ތަންތަން ވަގުތުން ބަންދު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

ބިލުގައި އެންމެ ބޮޑު ނުރައްކަލަކީ ގާނޫނުއަސާސީގައި މީޑީއާތަކަށް މަސްދަރު ރައްކާތެރި ހައްގު ލިބިދީފައި އޮތްއިރު، މި ބިލުން އެ ހައްގު ނިގުޅައިގަނެވޭނެ ގޮތަށް އޮތުން ކަމަށް އަމީތު ވިދާޅުވި އެވެ.

"ބިލުން އެބަ މަޖުބޫރު ކުރޭ ސިޔާސީ ބޭފުޅުން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށް ދިނުމަށް،" ކުރިން ދިޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަމީތު ވިދާޅުވި އެވެ.

މީގެ އިތުރުން ނޫސްވެރިން މަސައްކަތް ކުރާ ތަންތަނަށް ފުލުހުން ވަދެ، ނޫސްވެރިންގެ އަތުގައި ބިޑި އަޅުވައި، ޓްރާންސްމިޝަން ހުއްޓާލުމުގެ ބާރު ބިލުން ފުލުހުންނަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ގައުމު ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ މަގްސަދަކީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެ ޓީވީ ބަންދު ކުރުމެވެ. އަދި މިނިވަންކަމާއެކު މަސައްކަތް ކުރާ މީޑިއާތައް ބަންދު ކުރުމަކީ ރައީސްގެ ވިސްނުންފުޅެއް ކަމަށް ވެސް އަމީތު ވިދާލުވި އެވެ.

އަބުރުގެ ގާނޫނުގެ ސަބަބުން މީޑިއާތައް ޖޫރިމަނާ ކުރީމަ، ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހާމަ ކުރުމުގައި ނޫސްވެރިން ފަހަތަށް ޖެހިފައި ނުވާ ކަމަށާއި މީޑިއާ ކޮމިޝަން އުފެއްދުމުގެ ބޭނުމަކީ ސީދާ މީޑިއާތައް ހުއްޓުވާލުން ކަމަށް ވެސް އަމީތު ސިފަ ކުރެއްވި އެވެ.

"އަބުރުގެ ގާނޫނުން މީޑިއާތައް ޖޫރިމަނާ ކުރީމަ، ފާޑު ކިއުންތައް ހުއްޓޭނެ ކަމަށް ގަބޫލު ކުރީ. އެކަމަކު އެކަން ނުހުއްޓުނީމަ، މިހާރު މިއުޅެނީ މީޑިއާތައް ހަރަކާތްތެރި ނުވެވޭ ގޮތް ހަދަން،" އަމީތު ވިދާޅުވި އެވެ.