ޖަލްސާއެއްގައި މައުމޫން ވާހަކަދައްކަވަނީ: ސަރުކާރުގައި ކޮރަޕްޝަން ގިނަވުމަކީ ގައުމަށް ހުރި ގޮންޖެހުމެއް ކަމަށް ވިދާޅުވި
02 ނޮވެމްބަރ 2017 - 22:56
ސަރުކާރު ހިންގާ ޕީޕީއެމްގެ ހަރުދަނާ، ގައުމީ އަދި ދީނީ މިސްރާބު ގެއްލި ސަރުކާރުގައި ހީނުކުރާ މިންވަރަށް ކޮރަޕްޝަން ފެތުރިފައި އޮތުމަކީ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި، އިއްވި މައުމޫންގެ ހިތޯބެއްގައި ވިދާޅުވީ މީގެ ހަ އަހަރު ކުރިން އެމަނިކުފާނު ޕީޕީއެމް އުފެއްދެވީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ޑިމޮކްރަސީގެ އުސޫލުތަކާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ދައުލަތުގެ ތިން ބާރު މުސްތަގިއްލުކޮށް ދެމެހެއްޓުމަށް ކަމަށެވެ. އެކަމަކު މިހާރު ފެންނަނީ އެ މަގުސަދުތަކާ ހިލާފަށް، ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ނިއުޅައިގަނެ، އަދުލު އިންސާފު ގާއިމު ނުކުރެވިފައިވާ ތަން ކަމަށާއި މިއީ ވެސް ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހއ. ދިއްދޫގައި މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ޕާޓީތަކުގެ މެމްބަރުން އަދި އެ ރަށުގެ މީހުން ބައިވެރިވަނީ. --ފޮޓޯ/ޓުވިޓާ
އިދިކޮޅު ޕާޓީތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެ ޖަލްސާގައި މައުމޫނަށް ބައިވެރިވެ ވަޑައިނުގެންނެވުމުން، އެމަނިކުފާނުގެ ހިތޯބު ވިދާޅުވެދެއްވީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
އެ ހިތޯބުގައި މައުމޫން ވިދާޅުވި ގޮތުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާ ގުޅިވަޑައިގެން އެ މަނިކުފާނު އިސްލާހީ މަސައްކަތް ފެއްޓެވީ ވެސް އެ ގޮންޖެހުންތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރާށެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ރަށުގެ ބައެއް މީހުން ބައިވެރިވަނީ. --ފޮޓޯ/ ޓުވިޓާ
އޭގެ އިތުރުން، ރައްޔިތުންގެ ނިއުޅައިގެންފައިވާ އަސާސީ ހައްގުތައް އަނބުރާ ހޯދައިދީ، އަދުލު އިންސާފު ގާއިމުކޮށް، ރައްޔިތުންގެ މަޖިލީހުގެ ގަދަރާތް އިއްޒަތް އުފުލައި މެމްބަރުންނަށް ޒިންމާދާރުކަމާއެކު ވާޖިބުތައް އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ގުޅިފައިވާ ޕާޓީތަކުން ކުރަމުން މި ގެންދާ އިސްލާހީ މަސައްކަތުގައި ނުގުޑާ ފަދަ އަޒުމަކާއެކު މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބޭނަމެވެ. މި މަސައްކަތަކީ ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެން ކުރަން ޖެހޭނެ ގައުމީ މަސައްކަތެކެވެ." އިދިކޮޅު ފަރާތްތަކާއެކު އިސްލާހީ މަސައްކަތުގައި ބައިވެރިވާ ހުރިހާ އެންމެންނަށް ޝުކުރު ދަންނަވަމުން މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި އެ ރަށުގެ ގިނަ ބަޔަކު ބައިވެރިވަނީ. --ފޮޓޯ/ ޓުވިޓާ
އެ މަނިކުފާނު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ނުހައްގުން ހުކުމްތަކާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށް ވިދާޅުވެ، އެ ހުކުމްތައް ބާތިލް ކުރަން ގޮވާލައްވައިފަ އެވެ. އަދި މަޖިލީހުގެ އެހެން ބައެއް މެމްބަރުން މައްޗަށް ކުރާ ތުހުމަތުތަކާއި ދައުވާތައް ވެސް ހުއްޓާލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޭ
05 November 2017
މި ކޮރަޕްސަނޭ ކިޔައިގެން ވާހަކަ ދެއްކީމަ އަންނަނީ ހަމަ ހިނި.... ލޮލް
އާދަނު
05 November 2017
ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޝަން ހުންނާނެ. އެކަން ފާއިތުވި ސަރުކާރުތަކުގެ އޯޑިޓް ރިޕޯޓްތަކުން އެނގެން ހުންނާނެ. މިހާރު މިވާގޮތަކީ، މިސަރުކާރޭ ކިޔައިގެން ހަގީގަތްނެތް ދޮގުވާހަކަ ދެއްކުން ނޫން އެހެން އެއްވެސް ވާހަކައެއް ދެއްކޭކަށް ނެތް. ދިވެހިން މިހާތަނަށް ތަޖްރިބާކޮށްފައިނުވާފަދަ ތަރައްޤީ އެބަ ގެނެސްދޭ. އަތްމަތި ތަނަވަސް އުފާވެރި ދުވަސްތަކެއް ދިވެހިން މިހާރު ގުނަމުން މިދަނީ.
ފާތުން
05 November 2017
ދުނިޔޭގެ ތަހްޒީބީ ގައުމުތަކުގައި ވެރިކަންކޮށްފައި އެމަގާމުން ދުރުވާ މީހުން އުޅޭ ރީތި އުޅުން ބަލައިގެން މިގައުމުގެވެސް އެފަދަ މީހުން ތިބޭނަމަ ގައުމުގެ ދަރިންގެ އިލްމީ ފެންވަރު ރަނގަޅުވެ ދުނިޔޭގެ ތަހުޒީބާށް ދިވެހިންވެސް ލޯހުޅުވޭކަމަށް ބެލުނީސް
މެންޓަލިސްޓް
04 November 2017
މަނިކުފާނު ހަނދާންއެބަހުރިތޯ ޑްރަގްކޮންޓްރޯލްކުރަންވެގެން ސުކޫލްތަކުގައި ވޯކްޝޮޕްހިނގެވިޒަމާން ،،، ހުރިހާ ސުކޫލްއެއްގައި އެކަން ހިނގަވާ ނިމުނުއިރު އެބޯކުދީން އިނތިހާހަށް ގިނަވެގެން ދެއްތޯ ދިއައީ ،، މަނިކުފާނުގެ ވެރިކަން ނިމިގެންދިއައިރު ރާއްޖޭގެ ތަފާސްހިސާބު ދައްކާގޮތުން ގާތްގަޑަކަށް 30 ހާސް ޒުވާނުން އެކަމުގައި އުޅޭކަމަށްވޭ ،،، އެވީގޮތެއް އެބައިނގޭތޯ ؟؟ އެއީ ނޭންގިތިބެ އެޕްރޮމޯޓް ކުރެވުނީ ،،، އެމެސެޖް 100 އެއްހާ މީހުންނަށް ދާއިރަށް އެކަން އެހެންހިސާބެއްގައި ފެށޭނެ ،، ހަމައެގޮތަކަށް ކަރަޕްޝަންއޭ ކިޔާކިޔާ މިހާރު އެކަން މިއޮތީ އިންތިހާއަށް ބޮޑުވެ މިހާރުގެ ވިޔަފާރީގެ ސްޓޭންޑަޑްއަކަށް ބަދަލުވެފައި ،،، ވީމާ ޔުނިވާސް އަށް ބުރޯޑްކާސްޓް ކުރަމުންދާ ވާހަކަަތަށް ބުނެލާއިރު ކުޑާކޮށް ވިސްނާލަންވާނެ ،، ނުބައިކަންކަމުގެ ވާހަކަ ގިނައިންދެއްކުމަކީ އެފާރމޭޝަންއެއް ،،، އޭގެން އެކަންކުރާ އެހެންމީހުން އެކިދިމާލުން ގިނަވާނެ ،، ވަރަށްވެދުން
ހޮޓްކިންގ
03 November 2017
ޔާމީނަށް އާދޭސްކުރަން މައުމޫނުގެ ބައިވެރިވުން ކިހާވަރަކަށް އޮތްތޯ އެފްޕީއައިޑީ މައްސަލަ ބަލާފައި ހާމަ ކޮށްދޭން. މައުމޫނަކީވާ ކަރަޕްޝަންގެ ވާހަކަ ދައްކަން ހާދަ ހުދުބޯކިރުފޮދެއްހާ ސާފު ބޭފުޅެކޭދޯ؟ ކޮބައިތަ އެއްކަލަ އެމްޑީޕީން ކުރިޔަށް ގެންދިޔަ ރިޔާސީކޮމިޝަނުންވެސް ކަމެއް ނުފެނުނީތަ؟ އެކަމަކު އޭރު ހުރި އޯޑިޓަރ ޖެނެރަލް ތީމުގެއާއި ބެހޭގޮތުންވެސް ހާދަ ކޮރަޕްޝަނުގެ ވާހަކަ ތަކެއް ރިޕޯޓްގައި ހިމެނިއޭ.
ސޮރީ ޒަޢީމް
03 November 2017
މިހާރު މަނިކުފާނަކީ ހަަމަ ސުމެއް.
ސަނާ
03 November 2017
ޒައީމަށް އަބަދުވެސް ރަނގަޅުގޮތް އެނގިވަޑައިގަންނަވާ ވަރަށް އުފާވޭ މަނިކުފާނުގެ ހިތްވަރަށް ހަމަ ސާބަސް
ކިޖާ
03 November 2017
މައުމޫނުވިދާޅުވިއަސް ތެދެއްވާނީ ތެދަކަށް މިސަރުކާރުން ޑަބަލް ޓެކްސްނަގާ ކާބޯތަކެތި ދެގުނަކޮށްގެން ނެގިހާލާރި ބޮޑުންގެ ޖީބަށް އަޅާލީމާ ހަގީގަތުގަވެސް އެއީ ނިކަމެތި ރައްޔިތުންނަށް ގޮންޖެހުމެއް
ދެކޮލު
03 November 2017
މައުމޫނުގެ ދަރިންގެ %50 އެތިބީ އެވިދާލުވާ ކަރަޕްޓް ސަރުކާރުގަ އިސްމަގާމުތަކުގަ. ޥަރައް ގިނަމީހުން ރަގަޅުވަޒީފާއެއް ހޯދުމައް މަރުދަންޖެހެނީ. ކަރަޕްސަން ހުއްޓާލުމައް ވާހަކަދައްކާ އާއިލާއިން އެކަމުގަ ބައިވެރިވުމުން، ދެކޮލެއްނުޖެހޭ
މައުމޫން ގައްޔމް
03 November 2017
މައުމޫން ހުރިހާކޮޅަކުންވެސް ފައިދާނަގާނެ. ސޭފްސައިޑްއަށއ އެކުޅެނީ.
އަތްފުނާ
02 November 2017
މައުމޫނުގެ ވެރިކަމުގައި އަދި ވެރިކަމުން ފޭބުމަށްފަހު ހިނގާދިޔަ ކޮރަޕްށަންގެ ވާހަކަ ފޮތެއްގެ ސިފާގައި ލިޔާނަމަ ، ޞޮފުހާތައް ގިނަކަމުން އެއް އަހަރު ދުވަހުންވެސް މި ވާހަކައެއް ލިޔާ ނުނިމޭނެ
ވެލާ
03 November 2017
ކޮރަޕްޝަން ސަރުކާރެއްގައި އޮތުމާ ސީދާ ރައީސަކު ކުރުމާ ވަރަށްތަފާތު ދޯ