ހަތަރު ބެއިންނާ ގުޅުން ހިންގި ކަމަށް ބުނާ 75 އަހަރުގެ މީހާ ހައްޔަރުކޮށްފި

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނާ 75 އަހަރުގެ ފިރިހެން މީހާ އާއި އޭނާގެ ބެލުމުގެ ދަށުގައި ހުންނަ ބިދޭސީ މީހާ ހައްޔަރުކޮށްފި އެވެ.


"މިހާރު"އަށް އެނގިފައިވާ ގޮތުގައި 75 އަހަރުގެ މީހާ މާލެއިން ހައްޔަރުކުރީ ރޭގެ ވަގުތެއްގައި އޭނާގެ ގޭގައި އުޅެނިކޮށެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާކަން ފުލުހުން ވެސް ޔަގީންކޮށްދިނެވެ. އަދި ކުދިންނާ ބެހުނު، މި 75 އަހަރުގެ މީހާގެ ބެލުމުގެ ދަށުގައި ހުންނަ ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އުމުރުން ދުވަސްވީ މީހާ ރާއްޖެއިން ފުރުން މަނާކޮށް އޮކްޓޫބަރު ފަސް ވަނަ ދުވަހު ވަނީ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ބޭސް ފަރުވާއަށް ކަމަށް ބުނެ އިންޑިއާއަށް ފުރަން ތައްޔާރުވަނިކޮށެވެ.

މިހާރު މާލޭގައި އުޅެމުން އަންނަ އަދި ރަށުގައި ނުފޫޒު ގަދަ ކަމަށް ބުނާ އެ މީހާ މާލެ އައީ، ހަތަރު ކުދިންނާ ގަދަކަމުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ބެލުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެ ރަށަށް ދިޔުމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ އަންހެން މީހާ ފިލައިގެން މާލެ އައުމުން ދެން އެ ފިރިހެން މީހާގެ ޖިންސީ ޝިކާރައަކަށްވީ ދޮށީ ކުއްޖާގެ ހަގަށް ތިބި ތިން ކޮއްކޮ އެވެ. މީގެ 12 އަހަރު ކުރިއްސުރެ އޭނާ އަންނަނީ އެކި ކުދިންނަށް ޖިންސީ ގޯނާ ކުރަމުން ކަމަށް އޭގެ ތެރެއިން ބައެއް ކުދިން ބުނެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަމުން، އެ ހަތަރު ކުދިންގެ މަންމަ ބުނީ އޭނާގެ ދަރިންނަށް، ދުވަސްވީ މީހާ ޖިންސީ ގޯނާ ކުރާކަން އެނގޭ ކަމަށާއި އެކަމަކު އޭނާ ހަނުހުރީ ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގައި އޭނާގެ އިހުމާލް އޮތް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

"ވަރަށް ބޮޑަށް އިންޒާރުދީ ބިރުދެއްކި. އެއީ އަހަރެން (އެ ވާހަކަ) ބުނެފާނެތީ. އޭނަ ބުނެފައި އޮންނަނީ އެ ކަހަލަ ވާހަކައެއް ދައްކައިފިއްޔާ އަނިޔާކުރާނަމޭ. ދުވަހަކު ވެސް އެ ވާހަކަ ނުދައްކައްޗޭ ކިޔާފައި ބިރު ދައްކާފައި އޮންނަނީ،" މަންމަ ބުންޏެވެ.

ހަތަރުބެއިިންނާ ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ބުނާ މީހާ ވަނީ އެ ކުދިން އުޅޭ ގެ މަރާމާތުކޮށް، ދިރިއުޅެވޭނެ ގޮތް ހަދައިދީފަ އެވެ. އަދި އެ މީހުން ކައިބޮއި ހެދުމަށް، ދަރަންޏަށް އެއްޗެހި ނަގަނީ އެ މީހާގެ ފިހާރައިންނެވެ. ކުދިންނާ ގުޅުން ހިންގީ އެއީ ސަބަބެއް ކަމަށް ބަލައިގެން ކަމަށް އެ ކުދިން ބުނެ އެވެ.