އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ މައުމޫން ރޭ ބައްދަލުކުރައްވަނީ: އެމަނިކުފާނު ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއްގެ ވާހަކަ ޕާޓީތަކުން އަދި ނުދައްކާ ކަމަށް.
07 ނޮވެމްބަރ 2017 - 10:06
އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބަށް އިންތިގާލީ ކެންޑިޑޭޓަކު ނެރުމާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ދެއްވި "ފިނި ޖަވާބު"ން، އެކަން ކާމިޔާބުވެދާނެތޯ ސުވާލުއުފެދިއްޖެ އެވެ.
އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން އިންތިގާލީ ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ޕާޓީތަކަށް ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ވިސްނުމުގައި، ގޮތްތަކެއް ހޯދަން އެމަނިކުފާނު ވަނީ ގުޅިފައިވާ ޕާޓީތަކުގެ އަތް މައްޗަށް ދޫކޮށްލައްވައިފަ އެވެ. އެ މަޝްވަރާތައް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން ފަށާފައިވާ ކަން އެ ދެ ޕާޓީން ހާމަކޮށްފައިވި ނަމަވެސް އިންތިގާލީ ކެންޑިޑޭޓާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް މައުމޫން ނުދައްކަވަ އެވެ.
މ. ކުނޫޒްގައި އިދިކޮޅު ޕާޓީތަކާ އެކު ރޭ ބޭއްވެވި ބައްދަލުވުމަށް ފަހު މައުމޫން ނިކުމެވަޑައިގަތުމުން، އިންތިގާލީ ކެންޑިޑޭޓާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ވިދާޅުވީ "އަޅުގަނޑުމެން އަދި ތި ވާހަކަ ނުދައްކަން" ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ ދައްކަން އަދި މާ އަވަސް ވާހަކަ އެކެވެ.
"އަދި ތިއީ ތަންކޮޅެއް އަވަސް ވާހަކައެއް. އެހެންވީމަ އެ ވާހަކަ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ނުދައްކަން. މިހާރު ކުރަން ހުރި އެހެން މަސައްކަތްތަކުގެ ވާހަކަ މި ދައްކަނީ،" މައުމޫން ވިދާޅުވި އެވެ.
އެއީ، ސިޔާސީ ލީޑަރުން އިސްވެ ފައްޓަވާފައިވާ އިސްލާހީ އެޖެންޑާގެ މަސައްކަތްތައް ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އެ އެޖެންޑާގައިވާ ކަންކަން ކާމިޔާބުކަމާ އެކު ވަރަށް އަވަހަށް ނިންމާލާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވެވި އެވެ.
"އަޅުގަނޑުމެންގެ އިސްލާހީ ޕްރޮގްރާމް މި ދަނީ ވަރަށް ރަނގަޅަށޭ. ކާމިޔާބުކަމާ އެކީގައޭ. އެހެންވީމާ ލަހެއް ނުވެ ވަރަށް ކާމިޔާބުކަމާ އެކު މި އިސްލާހީ އެޖެންޑާގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލާނަމޭ،" މައުމޫން ވިދާޅުވި އެވެ.
އިންތިގާލީ ކެންޑިޑޭޓަކު ކަނޑައެޅުމާ ގުޅޭ ވާހަކަތައް ޕާޓީތަކުން ނުދައްކާ ކަމަށް މައުމޫން މި ވިދާޅުވީ، ޕާޓީތަކުގައި ހުރި ހިޔާލުތަފާތުވުންތަކާ ހެދި އެކަން ކާމިޔާބު ނުވާނެކަމަށް ފާޑުކިޔަމުން ދަނިކޮށެވެ. ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި، އިދިކޮޅު ކޮންމެ ޕާޓީއަކުން ވެސް އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ބޭނުންވާއިރު އިންތިގާލީ ކެންޑިޑޭޓަކު ކަނޑައެޅުމަކީ ނުވާނެ ކަމެކެވެ.
މީގެއިތުރުން، އިންތިގާލީ ކެންޑިޑޭޓަކާ އެކު އިންތިގާލީ ސަރުކާރެއް ގާއިމްކުރުމަކީ ގާނޫނުއަސާސީ ވެސް ތަންދޭ ކަމެއް ނޫން ކަމަށް ޕީޕީއެމުން ދަނީ ބުނަމުންނެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، އިންތިގާލީ ސަރުކާރު ހިންގާނީ، ޕާޓީތައް ތަމްސީލްކުރާ އިންތިގާލީ ވެރިއެކެވެ. އެ ރައީސްގެ ޒިންމާއަކީ، މިހާރު މަސްހުނިކޮށްފައިވާ ބާރުތައް ވަކިކޮށް، ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އިސްލާހުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ ޖާގަ ހޯދައި ދެއްވުން ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސިހު
09 November 2017
ތިޔަ މައުމޫނެއް ތިޔަކަށް ޖަވާބެއްނުދޭނެ. އޭނާއަށް އެނގޭނެ އޭނާއަކަށް އެޖާގައެއް ނުލިބޭނެކަން. އެކަމަކު އަދިވެސް އޭނާ ބޭނުންވަނީ ވެރިކަން....... ގުނބޯ ހެދިގެން ހުރޭ
ނާބެ
08 November 2017
ސިޔާސީމީހުންނަކީ ލަދެއްހަޔާތެއް އޮންނަބައެއްނޫން
ރެވޭ
07 November 2017
ރައީސް މައުމޫނަކީ ގޮތެއް ހުރިމީހެއްނަމަ ތިޔަ ރީނދޫ މީހުންނާ ވައިވެސް ނޭޅޭނެ، އެ މީހުން މައުމޫނުގެ ޢިއްޒަތާ އަބުރު ކަތިލަނީ ރޯމާދުވާލު، އެކަމު 30 އަހަރު ވެރިކަންކުރެއްވި މި ވިސްނުންފުޅުތޫނު ބޭފުޅާ ވެރިކަމުގެ ދަހިވެތިކަމުގައި އެހެރަ ޤަރުވަނީ.... ދެން ބަލަން ތިބޭ ވާގޮތް! މަށަށް ބޮޑުމަންޒަރުފެނޭ
މަރީ
08 November 2017
އަސްތަ! ރީނދޫ މީހުން މައުމޫންގެ އިއްޒަތާ އަބުރާ ކަތިލީމަ ދޯ މިގޯސްވަނީ؟ މައުމޫންގެ އަމިއްލަ ކޮއްކޯފުޅު ވެރިކަމަށް ވަޑައިން އެހުންނެވީ މައުމޫންގެ އެހީގަ، އެކަމަކު މިއަދު މައުމޫންއަށް އެޖައްސާފަ ހުރި ހާލު އެންމެންނަށްވެސް ފެނޭ. ޔާމީން ތިބުނާ ރީނދޫ މީހުންނަށް ވުރެއް މާ ގޯސްވެއްޖެތާ ދޯ.
އަލިބެއްޔާ
07 November 2017
އެމީހެއްގެ ކުރިމަގު ކޮށާނީ އެމީހަކު. ނަޝީދުގެ ކުރިމަގުއޮތީ އިންތިގާލީ މަރުހަލާއެއް ނިމިގެން. އެހެންވީމާ އެކަމަށް އޮތް އެންމެ ކުރުމަގުގެ ވާހަކަ ނަޝީދު އެދެއްކެވީ. މައުމޫނުގެ ހުރިހާވެސް ހަކަތައެއްހުރީ އޭނާގެ ދަރިފަސްކޮޅަށް ވެރިކަން ފުރޮޅާލުމަށް. ގާސިމް ގާސިމަށްޓަކައި. އަދާލަތްވެސް ގާސިމަށްޓަކައި. ދެންކިހިނެއްކަމެއްނޭނގެ އެއްކެންޑިޑޭޓެއް ނެރޭނީ.
އަސްތާކުޅުދުއްފުށިޓަވަރުން ވިދާޅުވަނީ
07 November 2017
ފަލަކީ ހިސާބުން ދައްކާގޮތުން މަނިކުފާނު މިހާރު ތިހެންއުޅުންމާރަނގަޅެއްނޫން ސަބަބަކީ އެއްފަހަރު ބުނާނެ ނަސީދަކީ އެވެނިމިވެނި މީހެކޭ އަނެއްފަހަރުބުނާނެ އޮލަނބެކޭ އެހެންވެ މިހެންމިބުނީ
ބޭޝަރަމް
07 November 2017
އިބްތިގާލީ ރައީސްއަކަށް ހޮވަންޖެހޭނީ މައުމޫނު!
ޒުވާނުން2018
07 November 2017
ރައީސް ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނުގެ ހިޔާލޭ، ރައީސް ނަޝީދަށް ފެންނަ ގޮތޭ. ފައިނަލް ގޮތްކަމަކަށް އެއްވެސް އިރަކު ވިދާޅެއް ނުވޭ. އަހަރެމެން ތިބޭނީ ރައީސް ނަޝީދު ނިންމާ ގޮތެއްގެ މަތީގައި.
ރާތިބް މޫސާ ރަސްރަނި ބަގީޗާ އު
07 November 2017
ރައީސް ނަޝީދު ކިބައިން އެދެނީ އިންތިގާލީ މަރުހަލާގެ ވިސްނުންފުޅަކީ ރަގަޅު ގޮތެކޭ ގައްޔޫމަކު ނޭދުނަސް ތިގޮތް ބަދަލު ނުކުރައްވައްޗޭ. އިތުރު ގައްޔޫމަކު ވެރިކަމަށް އައުމަކީ އެހާ ހިތްއެދޭގޮތެއް ނޫނޭ.
ފޫހި
07 November 2017
އޭބަލަ މިތިބަ ކޮމެންޓްކުރާ މީހުންނޭ.... ނަޝީދު ބުނެފިތަ ތިމަންނަ ބޭނުންވާމީހެކޭ އިންތިގާލަށް ގެންނާނީ. ހުރިހާ ޕާޓީތަކުން ވާހަކަ ދައްކާފަ ހުރިހާ ޕާޓީތަކުން ތާއީދުކުރާ އިތުބާރުކުރާ އެކަކު ނެރޭށޭ ތިމަންނަޔަށް ފެންނަނީ، މިއީ ހަމަ ޙިޔާލެކޭ ބުނީވެސް. މީހަކު އެއްޗެއް ބުނާއިރަށް ތެޅި ގަންނާކަށް ނުވޭތާ އަދި. މި ދިވެހިން ހަމަ އެއެއް މިއެއް ނުބަލާ ކޮމެންޓްކުރާނެ.
އަބްދުއްލާ
07 November 2017
އިންތިގާލީ ސަރުކާރެއްގެ ވާހަކަޔަކީ ގާނޫނުއަސާސީގަ ނެތް ވާހަކަ އެއްވީމާ މައުމޫނު އެއަށް ޖަވާބުދޭން ބޭނުންނުވީ