ނަޝީދު އިންޓަވިއު ދެއްވަނީ: މިނިވަން އިންތިޚާބެއް އަންނަ އަހަރު ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ވިދާޅުވި
21 އޮކްޓޯބަރ 2017 - 13:30
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންތިޚާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ، އެމަނިކުފާނުގެ ގަބޫލުފުޅު ކުރައްވަނީ 2018 ގައި ހޮވަން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން ނެރޭ އިންތިގާލީ ރައީސެއް ކަމަށާއި އެ ރައީސެއްގެ ދައުރަކީ މުއައްސަސާތައް އިސްލާހުކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ވެރިމީހާގެ މަސައްކަތަކީ އިންތިގާލީ މަރުހަލާއެއްގައި، އިންތިގާލީ މުއްދަތެއްގައި ކުރަން ހުރި މަސައްކަތްތައް. ޚާއްސަކޮށް ޖުޑިޝަރީ އިސްލާހު ކުރުމާއި ވެރިކަމުގެ ކަންކަން އިސްލާހު ކުރުން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިންތިގާލީ ކެންޑިޑޭޓަކު ނެރޭނީ އިދިކޮޅު ކޯލިޝަނުން ގުޅިގެން ނެރޭ ލިސްޓަކުންނެވެ. އެކަން އެގޮތަށް ކުރަން ޖެހެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިދިކޮޅު އެއްވެސް ޕާޓީއަކަށް 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް "ސައިންޓިފިކް ޔަގީންކަމެއް" ނެތުމުންނެވެ. ސައިންޓިފިކް ޔަގީންކަމަކީ ވޯޓުގެ އަދަދުން މޮޅުވުން ކަމަށާއި އެ ޔަގީންކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކަށް، މި އިންތިޚާބުން އެ ބޭފުޅުންނަށް ކާމިޔާބުވާނޭ މަންޒަރެއް ނުފެންނާނެ. ހަމަގައިމު ވެސް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ،
އިންތިގާލީ ރައީސަކު ހޮވުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތް ކަމަށާއި އެކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އިންތިގާލީ ރައީސްގެ ވެސް މެނިފެސްޓޯއެއް އޮންނަން ޖެހޭނެ ކަމަށާއި އެކަންކަން ހާސިލް ކުރެވޭނީ ވެރިކަން ހިންގުމުގެ ނިޒާމް ރަނގަޅަށް އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިގާލީ ރައީސަކު ހޮވަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއިރު އިދިކޮޅު ކޯލިޝަންގެ ހުރިހާ ލީޑަރުންހެން މިވަގުތު ތިއްބެވީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ފަދަ ހާލަތެއްގަ އެވެ. އެގޮތުން ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އޮތްއިރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާންގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް ވަނީ އައިސްފަ އެވެ. ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫނަށް 65 އަހަރު ފުރިފައިވާތީ ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސް
22 October 2017
މިސޮރުވެސް ފެއިލްވެފަ ހުރިސޮރެއް.. މިހާރު މިކަމާ އުޅޭ މީހުންނޫން މުޅިން އާ ސޮރެއް ހޮވަންވީ..
މޫސުމް
22 October 2017
މިހެން ބުނެބަލަ! ރާއްޖޭގެ ހުރިހާވެސް މައްސަލައަކީ ތިމަންނާ ވެރިކަމުގައި ނެތީމައޭ. ތިމަންނާ ވެރިކަމަށް ގެނެވޭނެ ގޮތެއް ހަދައިދީބަލާށޭ. ވެރިކަމާހެދީ ތިމަންމުއުޅެނީ ދެފައި އެއްތާ ނުޖެހިގެންނޭ. ނިދިފިޔަވެސް ނުޖެހިގެންނޭ.
މެންޓަލިސްޓް
22 October 2017
އަބަދުވެސް ހޮވަނީ އިނތިގާލީވެރިއެކޭ ،،، ކޮންމެ 5 އަހަރަކަށް ގައުމު އިސްލާހްކޮށް ކުރީން ގޯސްވެގައިހުރިކަންކަން ރަގަޅުކުރަން އެހެންމީހަކާއި ހަވާލުކުރަނީ ،،، އެހެންއުޚޭއިރު ބައެއް އިނތިގާލީ މަރުހަލާތަށް ވަރަށްދިގުވެގެންވެސް ދޭ ،، މިސާލަކަށް 1978 ގައި ރައީސްމާއުމޫން ހަވާލުވީވެސް ހަމަ އިނތިގާލީ މަރުއަލާއަކާއި ،،، އޭރުގެ އެތެރެކޮއިލްގައި އެއްބަސްވީ 2 ޓާރމްގެ އިނތިގާލީއަކަށްފަހު އިލްޔާސް އިބްރާހިމްއަށް ހަވާލުކުރަން ،، ނަމަވެސް އިސްލާހްކުރަން ހުރިކަންކަން ގިނަވެ އިންތިގާލީ 30 އަހަރަށް ބަދަލުވެގެންދިއައީ ،،، 2012ގައި ވަހީދުވެސް ހަވާލުވީ އިނތިގާލީއަކަށް ،،، އެއީ ޖީއެމްއާރ ބޭލުމާއި ކަންކަން އިސްލާހްކުރަން ،، ޔާމިންވެސް އެހެރީ 5 އަހަރުގެ އިންތިގާލީއެއްގައި ،،، މުގާބޭވެސް އެހުންނަެވީ ދިގުވެގެންވާ އިންތިގާލީއެއްގައި ،،،، ވަރަށްވެދުން
އަމިއްލަޔަށް އަރުވާލެވުނު މީހާ
22 October 2017
ޖަލްސާގަ ޔާމިން ދެއްކި ވާހަކަޔަށް ރައްދެއްޗެސް ނުދެވުނު ކީއްކުރާ ބައިގަޑެއް ތިކަހަލަ ބޭކާރު ގުރޫޕްތައް ގައުމުން ބޭރު ކޮފަ ބައިތިބަންވީ
ތަކުރު
22 October 2017
ދޭތެރެ ބައްދާ ވެރިއެއް ހޮވަން ޖެހުނީތާ؟ ރ މައުމޫން މިކަމާ ވިސްނަވަން ޖެހޭ. 2008 ގަ ވެސް ދޭތރެ ބައްދާ ވެރިއެއް އިންތިގާލީ ވެރިއެއް އަންނަން އުޅުނު.
ޕޮކަންޑިމޭން
22 October 2017
ހިތާމައަކީ އަދިވެސް މީނާ ދައްކާ ވާހަކަ އަޑުއަހާ ދުނިޔޭގެ އާޖުފާޖު ނޭނގޭ މަދުނަމަވެސް ބަޔަކު އަހަރެމެންގެ ތެރޭގައި އުޅޭކަން. "ތިމަންމަނިކުފާނު"ގެ ނަންފުޅު ވޯޓް ކަރުދާހުގައި އޮންނާނެކަން ޔަޤީނޭ، ތިމަންމަނިކުފާނުގެ ނަންނޫން އެހެންނަމެއް އެމްޑީޕީގެ ފަރާތުން ނުޖެހޭނެއޭ، އެކަމާދޭތެރޭ ޝައްކުނުުރާށޭ، ދެދުވަހެއްގެ ތެރޭގައި ރާއްޖެއެބަ އަންނަމޭ، އައިސް ރައީސް ޔާމީންއާ ވާދަކޮށް ބޮޑުތަނުން ކާމިޔާބު ކުރާނަމޭ ކިޔައިގެން ކީހުރިހާ ޅެންތައް އަންބާއަށް ވެގެން މިއޮށް ނިމުނީ.
ސިނަމް
22 October 2017
ނަޝީދުގެވެސް ވެރިކަމުގެ އަޖުމަ އަހަރެމެން ބަލައިފީމު. ވަކި ތަފާތެއް ނުފެނުނު. އެއިރެކޭ މިހާރެކޭ ހަމަ އެއްގޮތް. ސިޔާސީ މީހުންނަށް ފުރައްސާރަކުރުމާއި މީޑިއާއަށް ފުރައްސާރަކުރުމާއި އިސްރާފު ކުރުމާއި ކަރަޕްޝަންއޮތީ އެންމެ މަތީގައި. ކައިރީގައި ތިބި ނުފޫޒު ގަދަ މީހުން ބައިތުލް މާލުން ކެއީ. ގޭންގުކުށްތައްވެސް އޮތީ އިންތިހާގައި. ހެޔޮ ވެރިކަން ކުރައްވަން ލިބުނު ފުރުސަތުގައި އިސްކުރެއްވީ 500 އަހަރު ވެރިކަމުގައި ހުންނެވުމަށް. ބާރުތައް މުށުތެރެއަށް ގެންނެވުމަށް. އެހެންކަމުން މިހާރު ފެންނަންތިބި ސިޔާސީ ލީޑަރުންނާމެދު ދިވެހިން ތިބީ ފޫހިވެ މާޔޫސްވެފައި. އިތުބާރުހިފޭ، ނަމޫނާ ދެއްކޭވަރުގެ މީހަކު ނެތް ފެންނާކަށް. މަނިއްޕުޅުގެ ޕާޓީ ކުދިންކޮޅު ހިފަހައްޓަންވެގެން ތިޔަ ކަހަލަ މޮޅު ވާހަކަ އަބަދުވެސް ދައްކަވާ ދެއްތޯ. އެގޮތުން ދައްކަވާ ވާހަކަފުޅެއް ކަމަށް ބަލައިގެންފިން. ތިޔަ ވާހަކައިން ވާނެ އެއްވެސް ކަމެއް ނެތް.
އިނާ
22 October 2017
މައުމޫނު ވެސް ރައީސް ގެ ގޮނޑި ހޫނު ކޮށްފި،ނަޟީދު ވެސް ކޮށްފި،ވަހީދުވެސް ކޮށްފި،ޔާމީނު އަށް ވެސް ވެއްޖެ.ދެން ތި ނޫން މީހެއް ބޭނުމީ .އިންތިގާލީ 2008 ގައި ވެސް ކި.އެ ބޭކާރު.އެހެން ވީމާ އާ މޫނެއް އިންޟާ ﷲ 2018 އަށް އިންތިޒާރު މި ކުރަނީ .
އައްލަލާމަންޖާނާ
22 October 2017
މަގޭ ވޯޓު މައުމޫނު ނެރުއްވާ ކެންޑިޑޭޓަކަށް
ރުޒާނާ ޗޮއްޕަޓު
22 October 2017
ކަލޭ ބުނާ ގޮތަށް ވެރިން ހޮވަން އުޅޭ ބަޔަކު މި ގައުމުގަ އެބައުޅޭތަ؟ އެހެންނަމަ ހޮވާނީ ކަލޭނު.