ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ، އެމްޑީޕީން ނުކުންނާނެ މީހަކު ނިންމާނީ ޕްރައިމަރީއަކުން: ނަޝީދު

ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެމެރިކާއިން އިންޑިއާއާ އެކު ކުރަމުން އަންނަ މަޝްވަރާތަކުގެ ނަތީޖާއަކަށް ވެގެންދާނީ އަންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ގޮތްވުން ކަމަށާއި ނަމަވެސް އެމްޑީޕީން ވާދަކުރާނެ މީހަކު ކަނޑައަޅަން ޕްރައިމަރީއެއް އޮންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ.


ލަންޑަންގައި "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ކަމަށެވެ. އެމެރިކާ އާއި އިންޑިއާ ގުޅިގެން ކުރާ މަޝްވަރާތަކުން އެ މަގު ތަނަވަސްވާނެ ކަމަށާއި އަދި ޖަލުގައި ތިބި އެހެން ސިޔާސީ ލީޑަރުން ވެސް މިނިވަންކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރިމަތިލުމާއި ނުލުން އެއީ މުޅިން އެހެން ވާހަކައެއް. އަޅުގަނޑުމެން މިތިބީ އިއްތިހާދުގައި. އެހެންވީމަ އަޅުގަނޑުމެން އެންމެން އެކީގައި ގޮތެއް ނިންމަންވާނީ. މިވަގުތު އަޅުގަނޑު އިތުރަށް އަޅުގަނޑު ނުވަތަ އެމްޑީޕީން ބޮޑަށް ބޭނުންވާނީ އިއްތިހާދު އެކީގައި އޮވެގެން ކުރިޔަށް ދެވޭނެ ގޮތެއް ވުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިއްތިހާދުގެ ފަރާތުން ކެންޑިޑޭޓަކު ނެރޭއިރު ވެސް އެމްޑީޕީން ވާދަކުރާނެ މީހަކު ނިންމާނީ ޕްރައިމަރީއަކުން ކަމަށެވެ.

"އިއްތިހާދަށް ދާނީ އެމްޑީޕީގެ ޕްރައިމަރީން ނިންމާ މީހާ. އެމްޑީޕީއަކަށް ނޯންނާނެ އަސާސީ ގަވައިދާ ހިލާފަށް ގޮތެއް ނިންމޭކަށް. ރިޔާސީ އިންތިހާބުގައި ވާދަކުރާނެ މީހަކު އެމްޑީޕީން ކަނޑައަޅަން ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ގެންދަވަނީ 13 އަހަރުގެ ޖަލު ހުކުމެއް އޮތަސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް ވިދާޅުވަމުންނެވެ.

"އަޅުގަނޑަށް ޔަގީންކަން އޮވޭ ކުރިމަތިލެވޭނެކަން. އެހެން ނަމަވެސް ޕާޓީތަކުން ނިންމަންވީ އަޅުގަނޑުމެން ކުރިޔަށް ދާނެ ގޮތެއް. އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެތް ނުހިނގާ. އަދި ހާއްސަކޮށް މިހާރު އެބަ ފެނޭ އެ މަންޒަރު ވަރަށް ބޮޑަށް ތަފާތުވާތަން،" އިންތިހާބަށް ކުރިމަތިލެއްވޭނެ ކަމަށް ކުރައްވާ އުއްމީދު އާކުރައްވަމުން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބު އިންސާފުވެރިވާނީ "އަޅުގަނޑުމެންނަށް ކުރިމަތިލެވޭނެ ގޮތް ވުމުން" ކަމަށެވެ.

"އެހެން ނުހަދާ ރައީސް ޔާމީން އިންތިހާބަކަށް ވަޑައިގަންނަވަންޏާ، ފަށައި ގަންނައިރު ވެސް އެއޮތީ ނުހަމަ ކަމެއް އޭގެ ތެރެއަށް ގެނެވިފައި. އެފަދަ އިންތިހާބެއް އިންސާފުވެރިވުމަށް ވަރަށް އުނދަގޫވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ މެދު ދެކެވަޑައިގަންނަވާ ގޮތް އެމްޑީޕީގެ ގައުމީ މަޖިލިހާ ހިއްސާ ކުރެއްވި ކަމަށާއި އެންމެ ބުއްދިވެރި ގޮތަކީ އިދިކޮޅު އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުން ކަމަށެވެ.

"އަޅުގަނޑުމެން މިއަންނަނީ އެ މަޝްވަރާތައް ގުޅިފައިވާ ޕާޓީތަކާ ކުރަމުން. މި ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުމެން މިކަމުގައި ކުރިޔަށް ދާނެ ވަގުތު ވެސް އަދި އެބަ އޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންޑަންގައި އިއްޔެ "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ.

ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވޭނެ އެވެ.

"ދެ ގޮތުން ވެސް ބަލިކުރެވޭނެ. އަޅުގަނޑު ދެކޭ ގޮތުގައި ވަކިވަކިން ކުރިމަތިލިއަސް ދެން އަންނާނީ ދެވަނަ ބުރަކަށް. އެހެންވީމަ އޭރު އޮންނާނީ އަޅުގަނޑުމެންނަށް އެކީގައި ތިބެވޭނެ ގޮތް ވެއްޖިއްޔާ އެކީގައި އޮންނާނީ. ގިނަ ބުރުތަކަކަށް ގެންދިއުމަށް ވުރެ އެއް ފަހަރުން މިކަން ނިންމޭނެ،" ކުރީގެ ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެކަނި ވެސް ރައީސް ޔާމީން ބަލިކުރެއްވޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއަށް ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތައް އެކަނިމާއެކަނި ނުގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

"ބައިވަރު އިސްލާހު ގެންނަން އެބަހުރި. ޝަރީއަތްކުރުމުގެ ދާއިރާއަށް ގެންނަން ޖެހޭ އިސްލާހުތައް އެބަހުރި. ފުލުހުންގެ ތެރެއަށް ސިފައިންގެ ތެރެއަށް، ވަކި މުއައްސަސާއެއް ނެތް އިސްލާހު ގެންނަން ނުޖެހޭ. އަޅުގަނޑުމެން އުއްމީދުކުރާ ގޮތަށް ހުރިހާ ކަމެއް ވެސް ބަދަލުވާން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް އިސްލާހީ އެ ބަދަލުތައް ގެންނަން ޖެހޭނީ އެއް އަހަރުގެ ތެރޭގަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް ގެންނަން ޖެހޭނީ އެއް އަހަރުން. މާ ގިނައިން ދަންމާނެ ކަމެއް ނެތް. އަޅުގަނޑުގެ ނަޒަރުގައި އިންތިގާލީ ވެރިކަމެއް އެއް އަހަރަށް ވުރެ ދިގުވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެ އަދި އެ ކެންޑިޑޭޓަކު ނެރޭނެ ގޮތަކާ މެދު ވެސް އެއްބަސްވާން ޖެހޭނެ ކަމަށެވެ. އަދި އެ ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުވުމަށް ފަހު ކުރާނެ ކަންތައްތަކަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ކެންޑިޑޭޓުގެ ވެރިކަން ނިމުމަކަށް ގެންނާނެ ގޮތެއް ވެސް އެއްބަސްވާން ޖެހޭނެ. އަދި ދެހާސް ނަވާރަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުކުންނާނެ ގޮތަކަށް ވެސް އެއްބަސްވާން ޖެހޭނެ. މިއީ އަޅުގަނޑު މިހާރު މިދެކޭ އޮނިގަނޑަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންތިހާބަށް އެމްޑީޕީން ނެރޭނެ ވަކި ބޭފުޅަކު އެބަ ހުންނެވިތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ކައިރީގައި އަހައިފި ނަމަ ބުނާނީ އެއީ އެމަނިކުފާނު ކަމަށެވެ.

"އެމްޑީޕީ ގިނަ މީހުން ބުނާނީ އަޅުގަނޑޭ. ބައިވަރު ސަބަބުތަކާ ހުރެ އެ މީހުން އަޅުގަނޑޭ ބުނަނީ. އެހެންވީމަ އެ މީހުން އެދޭނީ ވެސް އެ ގޮތް. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ މީހާއާ ދިމާއަށް ނުބަލައި އަޅުގަނޑު މި ދަންނަވާ ގޮތަކީ ހިނގާށޭ އިހަށް އުސޫލްތައް ކަނޑައަޅަން. ކިހިނެއްހޭ އެ މީހާ ހޮވާނީ؟ ކީއްހޭ ކުރާނީ؟ ކިހާ ދުވަހަކުހޭ އެ މީހާ ހުންނާނީ؟ އެއަށް އިހަށް އެއްބަސްވުމެއް ހޯދަންވީ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް ވިދާޅުވި ގޮތުގައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ވެއްޖެ ނަމަ މަގާމުގައި ދެމިހުންނަވާނީ ވެސް އެއް އަހަރުގެ މުއްދަތަކަށެވެ.

"އެކަމަކު ސާފު އެއްބަސްވުންތައް އަޅުގަނޑުމެން ބޭނުންވޭ. އެމްޑީޕީ ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންނާ އެކީގައި އޮންނަ އެއްބަސްވުމެއް މި ހޯދަނީ. އެއީ ގުޅިފައި އޮންނަ ބޮޑު އިއްތިހާދަކަށް ވާނީ. އަޅުގަނޑުގެ ނަޒަރުގައި ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ދާންވީ،" ނަޝީދު ވިދާޅުވި އެވެ.