ބްރިޖުގެ 67 ޕަސެންޓު މަސައްކަތް ނިމިއްޖެ

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ 67 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ސީސީސީސީން މިއަދު ބުނެފި އެވެ.


ބޮޑުތަކުރުފާނު މަގު، އުސްފަސްގަނޑުގައި ހުންނަ ސީސީސީސީ ކުންފުނީގެ އޮފީސް ކޮމްޕްލެކްސްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮޖެކްޓް އެގްޒެކްޓިވް މެނޭޖަރު މރ. ލިން ވިދާޅުވީ ބްރިޖުގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މެއިން ބްރިޖްގެ ޕެއާ ފައުންޑޭޝަން މަސައްކަތާއި އެޕްރޯޗް ބްރިޖްގެ ޕެއާ ފައުންޑޭޝަން ނިންމައި، އެޕްރޯޗް ބްރިޖްގެ ޕައިލް ކޮންސްޓްރަކްޝަންގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ މަސައްކަތުގައި ޗައިނާގެ ސީސީސީސީ ކުންފުނީގެ މީހުން އުޅެނީ. - ފޮޓޯ: މިހާރު

ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ އައިބީމްތައް ނުވަތަ ކޮންކްރީޓް ބޮޑެތި ބެރިތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށް ލިން ވިދާޅުވި އެވެ. އަދި ބެރިތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ މެދުގައިި ހުންނަ އެންމެ އުސް ތިން ތަނބުގެ ބޮޑު ބައި ވަނީ ނިމިފަ އެވެ. އަދި ނޮވެމްބަރު މަހުގެ ފަހުކޮޅު ތިން ތަނބު އެއްކޮށް ނިންމުމުގެ މަސައްކަތް ކުރާނެ ކަމަށް ލިން ވިދާޅުވި އެވެ. ލިން ވިދާޅުވި ގޮތުގައި ބްރިޖާ ގުޅޭ ހުރިހާ ކަމެއް އޮތީ "އަންޑަ ކޮންޓްރޯލް" ގަ އެވެ. އަދި ބްރިޖުގެ ހުރިހާ ކަމެއް ކުރިއަށް ދަނީ ވަރަށް "ސްމޫތު" ކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެރިތައް ނިމުމުން، ޑެކު އަޅައި، ޗައިނާގައި މިހާރު ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނީ އެވެ. ބްރިޖުގެ ބައެއްގެ ގޮތުގައި ހިމެނޭ ބޮކްސް ގާޑާ ބީމްތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ބީމްތައް ރާއްޖެ ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ކުރަނީ މަސައްކަތަކީ ބްރިޖުގެ ސުޕަ ސްޓްރަކްޗާ ނިންމުމުގެ މަސައްކަތް،" ލިން ވިދާޅުވި އެވެ.

"އަހަރުމެންގެ ގާބިލްކަން އެބަހުރި މި ބްރިޖުގެ ހުރިހާ މަސައްކަތެއް ކަނޑައެޅިފައިވާ ތާރީހުގައި ނިންމުމުގެ،"

ބްރިޖުގެ ސުޕަސްޓްރަކްޗާ އަންނަ މެއި މަހުގެ ތެރޭގައި ނިމެނޭ އެވެ. ޗައިނާ އާއި ރާއްޖޭގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ބްރިޖުގެ ކަންކަން ކުރިއަށް ދާއިރު، ޝެޑިއުލަށް ވުރެން މާ އަވަހަށް ސީސީސީސީން މަސައްކަތް ނިންމޭނެ އެވެ. ދެ ގައުމުން އެއްބަސްވެފައި އޮތީ އަންނަ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމާށެވެ. އެކަމަކު، ދިވެހި ސަރުކާރުން ބުނެފައިވަނީ އަންނަ ޖުލައި 26 ގައި ބްރިޖު ހުޅުވާނެ ކަމަށެވެ.

ބްރިޖުގެ ބޮޑު ބައެއް ފުރިހަމަވެފައި އޮތް ކަމަށް ސީސީސީސީ އިން ބުނިއިރު، ލިން ވިދާޅުވީ ބްރިޖުގެ ދެކޮޅު ގުޅުވައިދޭ މަގުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ ދެ މަގުގައި އުޅަނދުތައް ދުއްވާއިރު، ޓްރެފިކް ޖޭމް ނުވާނެ ގޮތެއް ބަލައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ލިން ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

ބްރިޖުގެ ފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލަން މަސައްކަތް ކުރި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ނޫސްވެރިންނާ އެކު ބާއްވަން މަސައްކަތް ކުރި ބްރިޖު ޓުއާ އެހެން ދުވަހަކަށް ވަނީ ފަސް ކުރެވިފަ އެވެ.