4 ބިލިއަން ރުފިޔާގެ ދަރަނި ދައްކައިފިން، މިއީ ރިކޯޑެއް: މުނައްވަރު

ސަރުކާރުން މިހާތަނަށް ދަރަނީގެ ގޮތުގައި ހަތަރު ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށާއި އެއީ ރިކޯޑެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.


ބަޖެޓު ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވި ގޮތުގައި ސަރުކާރުން ދަރަނި ނަގަނީ ދެއްކޭނެ ގާބިލްކަން ހުރެގެންނެވެ. އެގޮތުން މި ސަރުކާރުގެ ދަރަނި 15 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަން މުނައްވަރު ފާހަގަ ކުރެއްވި އެވެ. އަދި ސަރުކާރުން ދަރަނި ނެގުމުގެ އިތުރުން ކުރީގެ ސަރުކާރުތަކުގެ ދަރަނިތައް ވެސް އަދާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި އިތުރުވަމުން ދިޔަ ނަމަވެސް، ކުރީގެ ސަރުކާރުތަކަށް ނުހިންގޭހާ ގިނަ މަޝްރޫއުތަކެއް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގަމުން އަންނަ ކަމަށާއި މި ސަރުކާރުގައި ޕީއެސްއައިޕީ ޕްރޮގްރާމްތަކަށް 18 ބިލިއަން ރުފިޔާ އިތުރުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ކޮމެޓީގެ މުގައްރިރު ނިހާނު، މިއަދުގެ ބައްދަލުވުމުގައި. - ފޮޓޯ: މިހާރު/ ނިޝާން އަލީ

ކުރީގެ ސަރުކާރުތަކަށް ފާޑު ވިދާޅުވަމުން މުނައްވަރު ވިދާޅުވި ގޮތުގައި 2009 އިން 2013 އަށް ދައުލަތުގެ ދަރަނި 14 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވެ އެވެ. ނަމަވެސް ޕީއެސްއައިޕީ ޕްރޮގްރާމްތައް އެންމެ ނުވަ ބިލިއަން ރުފިޔާ އަށް ވެސް ކުރިއަށް ގެންދެވިފައި ނުވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މި ހަތަރު އަހަރު ތެރޭގައި ކުރިއަށް ގެންގޮސްފިން، 18 ބިލިއަން. ދެ ގުނައަށް ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފިން. އަދިވެސް ކުރިއަށް ގެންދާނަން. އެހެންވީމަ އަޅުގަނޑަށް ހީވަނީ ދަރަނީގެ ވާހަކަ ނުދައްކަންވީހެން،" ދެ ގަޑިއިރަށް ވުރެ ގިނަ އިރަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ލޯނު ހޯދުމަށް ސެންޓްރަލް ބޭންކްގައި "ޓަކި ޖަހާފައި" ނުވާނެ ކަމަށާއި މިއީ އިގްތިސާދީ ގޮތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ބޭންކުން ދަރަނި ނެގުމަކީ އިންފްލޭޝަނާއި ރިޒާވަށް އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރަކީ ތަންދޮރު ދަންނަ، އިގްތިސާދީ ތަސައްވުރެއް އެނގި، އަޅުގަނޑުމެން ރައީސަކީ ވަރަށް ރަނގަޅަށް މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކުރައްވާ ބޭފުޅެއް،" މުނައްވަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން، މުނައްވަރު ވިދާޅުވީ އެ ތަންތަނުން ނުވާނެ ކަމަށް ބުނި ގިނަ ކަންކަން ރާއްޖެ އިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އައިއެމްއެފްއަކީ ޔޫރަޕާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒާއެކު، އެހެން ގައުމުތަކަށް "ހަން ފަތުރަމުން" އަންނަ ބައެއް ކަމަށާއި އެ ތަންތަނުން ދައްކާ ވާހަކައާ ޗެލެންޖް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެމްބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ނިޝާން އަލީ

"ވޯލްޑް ބޭންކުން ކީކޭތޯ ބުނީ މީގެ 40 އަހަރު ކުރިން، ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީ ނުހިންގޭނެއޭ. އަޅުގަނޑުމެން ވާނީ ދައްކައިދީފައި، ޓޫރިޒަމް އިންޑަސްޓްރީ ހިންގޭނެކަން،" މުނައްވަރު ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން މުހިންމު ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، އިގްތިސާދީ އަދި ސިޔާސީ ހަމަޖެހުމަކީ މުހިންމު ކަމެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ. އިގްތިސާދީ ހަމަޖެހުން ގެނެވޭނީ ފުރަތަމަ ސިޔާސީ ހަމަޖެހުން ގެނެވިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޖީއެސްޓީ އަދި ބީޕީޓީ ގާނޫނަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ އަހަރުގެ އާމުދަނީ އަށް 700 މިލިއަނެއްހާ ރުފިޔާ އިތުރުވާނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް މާކެޓަށް ނުކުމެ ބޮންޑް ވިއްކުމުގެ ސަބަބުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓްތަކަށް ހަރަދު ކުރަން ރާއްޖޭގެ މާލީ އިދާރާތަކުގައި ހުންނަ ފައިސާ އިތުރުވެފައިވާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިގްތިސާދީ ތަސައްވުރެއް އޮތްކަން ފާހަގަ ކުރައްވައި، މުނައްވަރު ވިދާޅުވީ މިހާރު ފަށާފައި ހުރި މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދު ކުރިއަށް ދާނެ ކަމަށެވެ. އަދި ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.