ބަޖެޓަށް ވޯޓު ނުދޭ ބަޔަކަށް ޕްރޮޖެކްޓު ހިންގަން ދަތިވާނެ: މުނައްވަރު

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.


ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ ބަޖެޓަކީ ރައްޔިތުންގެ ހައްގަކަށްވާއިރު، އެއަށް މެމްބަރުން ވޯޓު ދެއްވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުން އިސްކަން ދޭނީ ވޯޓު ދެއްވާ މެމްބަރުންގެ ދާއިރާތަކަށެވެ.

"ބަޖެޓަށް ވޯޓު ނުދެއްވާ ބަޔަކަށް އަޅުގަނޑުމެންނަށް ދަތިވާނެ ނޫންތޯ ޕްރޮޖެކްޓު ހިންގުމުގައި ވެސް. މިއީ ހަގީގަތް. މި އަހަރުތެރޭގައި އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އެބަ ބަޖެޓު ފާސްވެގެން ދާއިރު ކިތައް ބޭފުޅުންތޯ (ވޯޓު ނުދެއްވާނީ). އެހެން ގައުމުތަކުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، އިދިކޮޅު ވާހަކަތައް ދެއްކި ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާ،" މުނައްވަރު ވިދާޅުވި އެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. - .--- ފޮޓޯ: ނިޝާން އަލީ/މިހާރު

މުނައްވަރު ވިދާޅުވި ގޮތުގައި ބަޖެޓަށް ވޯޓު ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކޮންމެ މެންބަރަކު ވެސް ދާއިރާއަށް މަޝްރޫއުތައް ބޭނުންވާ ކަމަށާއި އެހެންކަމުން ބަޖެޓަށް އެއްބާރުލުންދޭން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން އިދިކޮޅު ގިނަ މެމްބަރުންތަކެއް ވަނީ މުނައްވަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްދު ދެއްވައިފަ އެވެ. އަދި މެމްބަރުންގެ ޝަކުވާތަކާ ގުޅިގެން މުނައްވަރުގެ ރާގު ބަދަލުކުރައްވައި، އެފަދަ ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށް ކޮމެޓީގައި ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗަކަށް އިދިކޮޅު ފަރާތްތަކުން ވޯޓު ދޭން ނުޖެހޭ ކަމަށެވެ. އަދި ބޭނުންހާ ގޮތަކަށް ބަޖެޓު ހަދާފައި މަޖިލީހަށް ފޮނުވިޔަސް، ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ މުނައްވަރަށް ރައްދު ދެއްވައިފަ އެވެ.

"ވޯޓު ދޭނީ އަޅުގަނޑުމެންނާއެކު އިށީނދެ، އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހައްލު ގެނައީމަ. ހައްލު ނުގެނެސް ތިޔަބޭފުޅުންގެ އާންމު އުސޫލުން ހުދުމުހުތާރު ގޮތަށް ކަންކަން ކުރަމުންދާ އިރު، (ބަޖެޓަށް) ވޯޓު ނުދޭނަން، ނުވެސް ޖެހޭނެ ދޭކަށް،" ފައްޔާޒް ވިދާޅުވި އެވެ.

"ފަހަރެއްގައި ތިޔަބޭފުޅުންނަށް ޑިމޮކްރަސީ އެނގިނުލައްވަނީ ކަންނޭނގެ. އަޅުގަނޑު ތިޔަބޭފުޅާ އަރިހުން އެދޭނަން ޑިމޮކްރަސީ ކުޑަކޮށް ދަސްކޮށްލައްވަން ޑިކްޝަނަރީ އެއްޗެހި ބައްލަވާލަން. ތިޔަބޭފުޅުން ތި އުޅުއްވަނީ ޑިކްޓޭޓާޝިޕެއް ކުރިއަށް ގެންދަވަން އުޅުއްވާތީ ތި މޭރުމުން ވާހަކަ ދައްކަވަނީ،"

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދަނީ.--- ފޮޓޯ: ނިޝާން އަލީ/މިހާރު

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މުނައްވަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 18 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އަންނަ އަހަރު ހިމަނައިގެން 25 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހަލުވި އަދި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ދައުރެވެ. އެގޮތުން މިހާރު ވެސް 522 މަޝްރޫއެއް ހިނގަމުންދާއިރު، އަންނަ އަހަރު އަލަށް 92 މަޝްރޫއެއް ފެށިގެންދާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރު އެކަނި ވެސް 7.1 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެކަމަކު، މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު، މުޅި ޖުމްލަ 9 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ނުހިންގޭ ކަމަށް ވެސް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މުނައްވަރު ވިދާޅުވި އެވެ

މުނައްވަރު ދެއްކެވި މުހިންމު ބައެއް ވާހަކަތައް:

- މި ހަތަރު އަހަރުގެ ތެރޭގައި 18 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގި

- މިހާތަނަށް ދަރަނި އިތުރުވީ އެންމެ 15 ބިލިއަން ރުފިޔާއަށް

- އެހެން ސަރުކާރުތަކުން 19 ބިލިއަން ރުފިޔާގެ ދަރަނި ނެގި

- އެހެން ސަރުކާރުތަކަށް 9 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތައް ނުހިންގޭ.

"އިދިކޮޅު ފަރާތްތަކުން އަބަދު ދައްކާ ވާހަކައެއް ދަރަނި ބޮޑުވަނީއޭ. އަނެއްކޮޅަށް އަޅުގަނޑު ކައިރީ ބުނަނީ މި ޕްރޮޖެކްޓު ޖަހާލަދޭން ޖެހޭ އެބަ. އެހެންވީމަ ކޮން ކަމެއްތޯ ކުރަންވީ؟ ޕްރޮޖެކްޓުތައް ހިންގައިދޭންވީތޯ؟ ދަރަނި (ލޯނު) ނަގަންވީތޯ؟ އަޅުގަނޑަށް ހީވަނީ މި ސުވާލަށް ޖަވާބު ދެއްވަން ޖެހޭހެން،" މުނައްވަރު ވިދާޅުވި އެވެ.

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގިނަ ކަންކަން ކުރަމުން އަންނަކަން ފާހަގަ ކުރައްވައި، މުނައްވަރު ވިދާޅުވީ މިހާރު ހިނގަމުންދާ 522 މަޝްރޫއުތަކަކީ ތިމާވެށި ރައްކާތެރި ކުރުމަށް 51 މަޝްރޫއު، ތައުލީމީ ދާއިރާއަށް 58 މަޝްރޫއު، ސިއްހީ ދާއިރާއަށް 153 މަޝްރޫއު، ލަފާ ފުރުމުގެ ދަތިތައް ހުރި ރަށްތަކަށް 75 މަޝްރޫއު، އިދާރީ ވަސީލަތްތައް ތަރައްގީ ކުރުމަށް 19 މަޝްރޫއު، ބޯހިޔާވަހިކަމަށް 21 މަޝްރޫއު، މިސްކިތް އިމާރާތް ކުރުމަށް 20 މަޝްރޫއު، ބިން ހިއްކުމާއި މަގުތައް ހެދުމަށް 28 މަޝްރޫއު، މަސްވެރިކަމުގެ ދާއިރާއަށް 13 މަޝްރޫއު ކަމަށެވެ.