ބަޖެޓު ފާސްކުރަން ނަގާ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިދިކޮޅު ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.


ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ބަޖެޓު ފާސް ކުރުމަކީ ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމަކަށްވާތީ މަޖިލީހުން ބަޖެޓް ފާސް ކުރަން ވާނީ ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އާއި މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ޕަބްލިކް އިންޓަރެސްޓުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މި މައްސަލާގައި ވަކި ގޮތެއް ނިންމަންދެން ބަޖެޓަށް ވޯޓަށް އެހުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.

ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސް ކުރުމަށް ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަން ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނެފައިވާކަން، އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ލާޒިމް ކުރާ ކަންކަމުގެ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައި ވަނީ ވަކި ބާވަތްތަކެއްގެ ގާނޫނު ފާސް ކުރުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދު ކުރަން ޖެހޭ ކަންކަމާއި ރައްޔިތުންގެ އަތުން ޓެކުހެއް ނެގުމާއި ރައްޔިތަކު އުފުލަން ޖެހޭ ޝަހްސީ ޒިންމާ ހިމެނޭ، ދައުލަތުގެ އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓަކީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެ އެވެ.

އެހެންވެ، ގާނޫނުއަސާސީގެ 97 ވަނަ މާއްދާގައިވާ ގޮތުން، ދައުލަތުގެ މުދަލާއި ފައިސާ ހަރަދު ކުރުމާއި ހޭދަކުރުމާ ބެހޭ ވަކި ހާއްސަ ގާނޫނަކީ ކޮންމެ އަހަރަކު މަޖިލީހުން ފާސްކުރާ ބަޖެޓް ކަމަށް ވެފައި މަޖިލީހުން ބަޖެޓް ފާސްކުރާ ކުރުމަކީ ގާނޫނެއް ފާސް ކުރުމުގެ ދަރަޖަ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓަކީ "ބޮޑު އޮޅުވާލުމެއް" ކަމަށް ބުނެ ބަޖެޓަށް ވޯޓު ނުދޭން އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައިފަ އެވެ. އެކަމަކު، ސަރުކާރުގެ މެމްބަރުން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ރައްޔިތުންނަށް ކުރިއެރުންތަކެއް ލިބޭނެ ބަޖެޓެކެވެ.