ރައީސް ޔާމީން ޗައިނާ އަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ޗައިނާ އަށް ވަޑައިގެންފި އެވެ.


ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާ އަށް މި ވަޑައިގަތީ، އެނގިފައިވާ ގޮތުގައި ސިންގަޕޫރުގައި ދެ ދުވަހު މަޑުކުރެއްވުމަށް ފަހު އެވެ. ރައީސް ޔާމީންގެ އަރިހުގައި ޗައިނާ އަށް ވަޑައިގަންނަވާ ވަފްދު އެމަނިކުފާނާ ސިންގަޕޫރުން ގުޅިވަޑައިގަތީ ރޭގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާއާ ދެމެދު ރަސްމީ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާ އިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިންމު އެއްބަސްވުންތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެކަމަކުގެ އެކަމުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން އަދިއެއް ނުދެ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ޗައިނާގެ އިސްވެރިންނާ ބައްދަލްކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއީ ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް 2014 އާއި 2015 ގައި އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ. އަދި 2014 ގައި ޗައިނާ ރައީސް ރާއްޖެ ވަޑައިގެންފައިވެ އެވެ.

ރައީސް ޔާމީން ޗައިނާ އަށް ވަޑައިގެންނެވިއިރު، އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. ނަމަވެސް ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ދެ ގައުމުން ސޮއިކުރާނެ ކަމެއް އަދިއެއް ނޭނގެ އެވެ.