އެމެރިކާގެ ނިންމުން ހުދުމުހުތާރު، މުސްލިމުންގެ ހިތުގެ ވިންދާ ކުޅެލާނެ: އާދަމް ޝަރީފް

އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ނިންމައި އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީކޮށް އިއުލާން ކުރެއްވުމަކީ މުސްލިމުންގެ ހިތުގެ ވިންދާ ކުޅެލާނެ ނިންމުމެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.


"މިހާރު" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އާދަމް ޝަރީފް ވިދާޅުވީ ގުދުސަކީ މާތްވެގެންވާ އެންމެ މުހިންމު އެއް ބިން ކަމަށްވާ އިރު، އެ ތަނުގައި މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މުސްލިމް ހުރިހާ ގައުމަކުން ވެސް ގުދުސަކީ ފަލަސްތީނުގެ ބިމެއްގެ ގޮތުގައި އޮންނަން ބޭނުންވާ އިރު، އެމެރިކާއަކީ އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމު ކަމަށް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއް ހެން އެމެރިކާގެ ނިންމުމާ ދެކޮޅެވެ. އަދި އެމެރިކާގެ ނިންމުމަކީ އިސްލާމީ ގައުމުތަކުގެ މަޝްވަރާއެއް ނެތި "ކުއްލިއަކަށް" ނިންމި ނިންމުމެއް ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

"އިސްލާމީ ގައުމުތަކުގެ މަޝްވަރާ ނެތި މިގޮތަށް ނިންމުމަކީ މުސްލިމުންގެ ހިތުގެ ވިންދާ ކުޅެލާނެ ކަމެއް. މުސްލިމް ހުރިހާ ރައްޔިތުންގެ ލޮލުން ކަރުނަ އޮހޮރޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވަނީ ލޭއޮހޮރުވުމާއި ބޮޑު ހަމަނުޖެހުމަކަށް ނުގޮސް، ސުލްހަ އަށް ލޯބިކޮށްގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެމެރިކާގެ ނިންމުމަކީ ވަރަށް ދަށު ދަރަޖައިގެ ނިންމުމެއް ކަމަށާއި އެކަން ކުށްވެރި ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ ޑިމޮކްރެޓިކް ކަމަށް ބުނާ، އަދި އެހެން ގައުމުތަކުގައި ޑިމޮކްރަސީ އަށަގެންނެވުމަށް މަސައްކަތް ކުރާ ގައުމަކުން މިފަދަ ޚުދުމުޚުތާރު ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޑިމޮކްރަސީ އަށް އެމެރިކާ އިން ލޯބިކޮށް، އެ ގައުމުގެ އަބުރު ހިފަހައްޓާނަމަ، އެ ގައުމުގެ ނިންމުން އަނބުރާ ގެނައުމަށް އާދަމް ޝަރީފް ގޮވައިލެއްވި އެވެ.

"މިއީ ނާތަހުޒީބު، ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް ހުދުމުހުތާރު ނިންމުމެއް. ގިނަ ބައެއްގެ އަޑު އަހާނަމަ، އެ ނިންމުން އަނބުރާ ގެންދަން ޖެހޭނެ. ދުނިޔޭގެ ސުލްހަ އަށް ލޯބިކުރާ ނަމަ، މަސްލަހަތަށްޓަކައި އެ ނިންމުން އަނބުރާ ގެންދަން ޖެހޭނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާއަކީ އިސްލާމީ އުންމަތް ފަހުރުވެރިވާ ބިނާއެކެވެ. އެ ތަނަށް އެއްވެސް ނިކަމެތި ކަމެއް ނުވަތަ މުގައްދަސްކަން ގެއްލޭނެ އެއްވެސް ކަމެއް ވުމަށް އިސްލާމް ދީން ދެކެ ލޯބިވާ އެއްވެސް މީހަކު ބޭނުން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މި މައްސަލާގައި މަޝްވަރާކޮށްގެން ހައްލެއް ގެނައުމަށް އިސްކަން ދިނުމަށް އާދަމް ޝަރީފް ގޮވައިލެއްވި އެވެ. އަދި "ޖަޒުބާތުގައި ޖެހިގެން" ރުޅި އިސްކޮށް، ލޭ އޮހޮރުވުން ފަދަ އެއްވެސް ކަމެއް ނުކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެމެރިކާގެ ނިންމުމަށް ދެކޮޅު ހަދައި ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ ރައީސް ނިންމެވުމަކީ މެދުއިރުމަތީގެ ސުލްހައަށާއި ބައިނަލްއަގުވާމީ ސުލްހަ އާއި ހަމަޖެހުމަށް ކުރާ ކަންކަމަށް ނޭދެވޭ އަސަރުތަކެއް ފޯރާނެ ކަމެކެވެ. މެދުއިރުމައްޗަށް ދާއިމީ ސުލްހައެއް ގެނެސް، އެ ސަރަހައްދުގައި ލޭއޮހޮރުވުމާއި އަނިޔާވެރިކަން ހުއްޓުވޭނީ ފަލަސްތީނާއި އިޒްރޭލްގެ ވަކި ދައުލަތެއް ގާއިމް ކުރާނެ ފުރުސަތު ފަހިކޮށްދީގެން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އިރުމަތީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ފަހުން އެ ގައުމުން ކަނޑައެޅި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ.