ޚަބަރު / ރާއްޖެ-ޗައިނާ

ޗައިނާގެ ސިލްކް ރޫޓް އެއްބަސްވުމުގައި ރާއްޖެ ބައިވެރިވެއްޖެ

ރައީސް އަބްދުﷲ ޔާމީން މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ބިޒްނެސް ލީޑާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

07 ޑިސެމްބަރ 2017 - 20:14

ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމްކުރާ ސިލްކް ރޫޓުގައި ރާއްޖޭން އެއްބާރުލުން ދިނުމަށް ނިންމައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗައިނާގެ ފަރާތުން އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަންގް ޔީ އެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ދެ ގައުމުގެ ސަރުކާރުގެ އިސް ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ޗަައިނާގެ ރައީސްގެ "ވަން ބެލްޓް، ވަން ރޯޑް" ގެ ޝިއާރުގެ ދަށުން ހިންގާ މައިގަނޑު އެއް މަޝްރޫއަކީ "މެރިޓައިމް ސިލްކް ރޫޓް" ގެ މަޝްރޫއެވެ. އެ މަޝްރޫއަށް ރާއްޖެ އިން ފުރިހަމަ އެއްބާރުލުން ދިނުމަށް، ދިވެހި ސަރުކާރުން މީގެ ކުރިން ވެސް އޮތީ ނިންމައިފަ އެވެ.

ސިލްކް ރޫޓަކީ އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ޗައިނާ އާއި އޭޝިއާގެ އިތުރުން އެފްރިކާ އަދި އޯޝޭނިއާގެ ގައުމުތައް ގުޅުވައިދޭ ވިޔަފާރީގެ މަޝްރޫއެކެވެ. ސަރުކާރުން ދެކޭ ގޮތުގައި މި މަޝްރޫއުގެ ސަަބަބުން ވިޔަފާރީގެ އާ ދޮރުތައް ހުޅުވި، ރާއްޖޭގެ އިގްތިސާދު ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ އެވެ.

ދުނިޔޭގައި އިގްތިސާދު ގޮތުން ދެ ވަނަ އަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ ޗައިނާ އިން ހިންގާ އެ މަޝްރޫއުގައި ރާއްޖެ ބައިވެރިވާން ޑިސެމްބަރު 2014 ގައި ނިންމި އިރު، މި މަޝްރޫއުގެ ދަށުން ޗައިނާ އިން އިސްކަންދެނީ އެކި ގައުމުތަކުގައި އިންފްރަސްޓްރަކްޗާ މަޝްރޫއުތައް ހިންގާށެވެ.

އެ ގޮތުން، ޗައިނާ އަށް މުހިއްމު އަދި ސްޓްރެޓީޖިކް ސަރަހައްދުތަކުގައި ހުންނަ ގައުމުތަކުގައި ބްރިޖާއި އެއާޕޯޓާއި ބަނދަރުތައް ހަދަން ލޯނާއި އެހެން ގޮތް ގޮތުން ޗައިނާ އިން އެހީ ދެ އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ރާއްޖޭން އަންނަނީ ޗައިނާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުންނެވެ. އެ ގޮތުން، ސަރުކާރުން ހިންގާ ބޮޑެތި ހުރިހާ މަޝްރޫއުތަކަކަށްހެން ޗައިނާ އިން ލޯނު ދީފައިވާ އިރު، ޗައިނާއާ އެކު މިހާރު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ.

ޗައިނާ އިން ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓުތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް، އާ ރަންވޭއަކާއި ފިއުލް ފާމަކާއި ކާގޯ ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަޝްރޫއަށް ޗައިނާ އިން ދަނީ ބޮޑު ހޭދައެއް ކުރަމުންނެވެ. މީގެ އިތުރުން، ޗައިނާގެ ބައެއް އަމިއްލަ ކުންފުނިތަކުން ވެސް އަންނަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގަ އާއި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ.

ސިލްކް ރޫޓުގައި ހިމެނޭ އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ މެމްބަރަކަށް ވެސް ރާއްޖެ ވަނީ ވެފަ އެވެ. އެއީ އިންފްރަސްޓްރަކްޗާ މަޝްރޫއުތަކަށް ލޯނު ދޭން ހެދި ބޭންކެކެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބެލްޓް އެންޑް ރޯޑް މަޝްރޫއުތަކަށް 124 ބިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އިގްތިސާދީ އަމިއްލަ މިނިވަން ކަމާ މެދު ކަންބޮޑުވުން އެކުލެވޭ މަޝްރޫއެއްގައި އެއްވެސް ގައުމަކުން ބައިވެރިވާން ބޭނުމެއް ނުވާނެ ކަމަށް ބުނެ އަވައްޓެރި އިންޑިއާ އާއި ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ އެމެރިކާ އިން ވަނީ އެ މަޝްރޫއުގައި ބައިވެރިވާން ދެކޮޅު ހަދައިފަ އެވެ.

0 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 3%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454