މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ރޭގެ ވަގުތެއްގައި ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށް، ތިޖޫރީގައި ހުރި ބައެއް ފައިސާ ފުލުހުން މިއަދު ހޯދައިފި އެވެ.


ފުލުހުން ބުނީ ފެނަކަ އިން ހިންގަމުން އަންނަ އިންޖީނުގޭގައި ހުރި ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރާއި 26 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މޮޅަދޫ އިންޖީނުގޭ ކައިރިން ފުލުހަކު މިއަދު ހިނގާފައި ދަނީ. - ފޮޓޯ: މޮޅަދޫ ކައުންސިލް

މި ދެ މީހުންގެ ތެރެއިން އެކަކުގެ ގެ އާއި އިތުރު ދެ ތަނެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، ފެނުނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.

ތިޖޫރީ ވަގަށް ގެންދިޔައިރު، އޭގައި 38،740ރ. ހުންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވަގަށް ނެގި ތިޖޫރި ހޯދަމުން ދަނިކޮށް، ނެރުގަނޑު ކިޔާ މަގަކަށް އެއްލާލާފައި އޮއްވައި ވަނީ ފެނިފަ އެވެ. ތިޖޫރި ފެނުނުއިރު، އޭގެ ދޮރުފަތް ވެސް ހަލާކުކޮށްލައި، އޭގައި ހުރި ފައިސާތައް ވަގަށް ނަގާފައިވާ ކަމަށް މޮޅަދޫ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި ކުރިން އެ ރަށަކީ ކުށް މަދު ރަށެއް ކަމަށް ވިޔަސް، ފަހަކަށް އައިސް އެ ރަށުގައި ކުށް ކުރުން ވަނީ އިތުރުވެފަ އެވެ.

ރާއްޖޭގެ ރަށްރަށުގެ ތެރެއިން ވެސް ބޮޑު ރަށެއްގެ ގޮތުގައި ބަލާ މޮޅަދުއަކީ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 400 އެވެ.