މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގައިފި

ހއ. މޮޅަދޫ އިންޖީނުގޭގައި ހުރި ތިޖޫރީ ރޭ ވަގަށް ނަގައިފި އެވެ.


ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާދަމް މިއަދު ވިދާޅުވީ، ތިޖޫރީ ވަގަށް ނެގިއިރު، އޭގައި 38،740ރ. ހުންނާނެ ކަމަށެވެ.

ތިޖޫރީ ވަގަށް ނެގީ އިންޖީނުގޭގެ ކައިރީގައި މީހަކު ޑީއުޓީ އަދާކުރަމުން ދިޔަ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދޮރަށް ގެއްލުމެއް ނުދީ ތިޖޫރީ ވަގަށް ނަގާފައި ވަނީ. އެއީ ވަރަށް ފަސޭހަ އިން ހުޅުވޭ ދޮރެއް. އިންޖީނުގެ ކައިރީގައި ޑިއުޓީއަށް މީހަކު ވެސް ހުރި. އެކަމަކު އޭނާ ބުނާ ގޮތުގައި ތިޖޫރީ ގެންދިޔަ ކަން އޭނާ އަށް ވެސް ނޭނގޭ" އަހުމަދު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވި ގޮތުގައި ފެނަކައިން ހިންގަމުންދާ މޮޅަދޫ އިންޖީނުގޭގޭ ތިޖޫރީ ވަގަށް ގެންދިޔަ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ވަނީ އެ ރަށަށް ގޮސްފަ އެވެ. އެކަމަކު، މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

އަހުމަދު ވިދާޅުވީ، މޮޅަދޫއަކީ މީގެ ކުރިން ކުށްކުރުން މަދު ރަށެއް ކަމަށެވެ. އެކަމަކު، ފަހަކަށް އައިސް އެ ރަށުގައި ކުށް ކުރުން އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ މި މަހުގެ ތެރޭގައި ރަށުގެ ކައުންސިލް އިދާރާ އިން ވައްކަން ކުރި މައްސަލަ އެވެ. އެ މައްސަލާގައި މިހާތަނަށް އައިއިރު، މީހަކު ހައްޔަރެއް ނުކުރެ އެވެ.

"ރަނގަޅު ތަހުގީގެއް ކުރިއަށް ގެންގޮސްފިނަމަ، މިކަން ކަން ހުއްޓިދާނެ ކަމަށް ގަބޫލު ކުރަނީ. މޮޅަދޫ އަކީ މީގެ ކުރިން ކުށް ކުރުން މަދު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައި އޮތީ،" އަހުމަދު ވިދާޅުވި އެވެ.

ހއ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ސައިޒުގެ ގޮތުން އެންމެ ބޮޑު މޮޅަދޫއަކީ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ މަދު ރަށެވެ. އެ ރަށުގެ އާބާދީގައި އުޅެނީ 400 އެއްހާ މީހުންނެވެ.