ގެއަަކަށް ވަދެ ވަޅިން ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ ފޭރުމުގައި އެ ގޭގެ މީހަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން އޭނާ ހައްޔަރުކޮށް ތަގުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގަިއވާ ގޮތުން ހއ.ހޯރަފުށި، ލިލީޒް، ޒާހިރު އަލިދީދީ، 44، ހައްޔަރުކުރީ އޭނާގެ އާއިލާ ދިރިއުޅޭ ގެއަށް ވަދެ ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކު ހައްޔަރު ކުރަން ފުލުހުން ދިޔަ އިރު އެމީހާއާ އެކުގައި ހުއްޓާ ފެނިގެންނެވެ. 

ފުލުހުން ކޯޓުގައި ބުނި ގޮތުގައި ފައިސާ ފޭރުމުގެ ޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެެވޭ މީހުންނާ އެކު އެ ޖަރީމާގެ ކުރިން ވެސް ޒާހިރު އުޅުނެވެ. 

ޒާހިރު ކޯޓުގައި ބުނީ އޭނާގެ އާއިލާއަށް ބިރު ދައްކައިގެން ފައިސާ ހޯދިމީހާއާ އޭނާއާ ދިމާވީ އޮންލައިން ގޭމެެއްގެ ތެރެއިން ކަމަށެވެ. ފޭރެން ދިޔަ މީހުން އެ ގޭގެ ތަޅުދަނޑި ހޯދީ އޭނާ ތަނެއްގައި ބަންދުކޮށްގެން ކަމަށާއި އެ މީހުންނާއި އޭނާއާ ގުޅުމެއް ނެތް ކަމަށް ވެސް ދިފާއުގައި ޒާހިރު ބުނެފައި ވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން ޒާހިރު 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ ކޮންމެވެސް ވަރަކަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރުމުންނެވެ. އެގޮތަށް ނިންމީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި އޮންނަ އިޖުރާއަތުގެ ދަށުންނެވެ.