އުމުރުން ދުވަސްވީ މީހެއްގެ ބޭންކް އެކައުންޓުން ނެގި ދޮޅު ލައްކައަށް ވުރެ ގިނަ ރުފިޔާގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް އެ މީހާ ނިޔާވުމުން އެ ފައިސާ އޭނާގެ ވާރިސުންނަށް ދޭން އަންގައި، ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

އަހުމަދު އާސިމް އަދި މުހައްމަދު ހިޝާމް ކިޔާ މީހަކަށް ދައުލަތުން ދައުވާކުރީ 2021 ވަނަ އަހަރު ދުވަސްވީ މީހެއްގެ އެކައުންޓުން ކުންފުންޏެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާ ކުރުމަށްފަހު، އެ ފައިސާ ނަގައިގެން ޑޮލަރު ގަނެފައިވާތީ އެވެ.

އެމީހުން ތިން ފަހަރެއްގެ މަތިން ޖުމްލަ 183،700ރ. ނަގާފައިވާ ކަމަށް ބުނެ ދައުލަތުން އެ މީހުންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ އެވެ.

އޭގެ ތެރެއިން ހިޝާމަކީ ފައިސާގެ ވެރިމީހާއާއެކު އެއް އޮފީހެއްގައި އުޅުނު މީހެކެވެ. އެމީހާއަށް ފޯނުން އަމިއްލައަށް ކުރަން ނޭނގޭ ކަންކަން ކޮށްދިނުމަށް ދެނީ ހިޝާމްގެ އަތަށެވެ. އަދި އެ ޝަރީއަތް ކޯޓުގައި ހިނގަމުން ދަނިކޮށް ވެރިފަރާތް ވަނީ މަރުވެފަ އެވެ.

އެ މައްސަލާގައި ދައުލަތުން އެދުނީ އެމީހުންގެ ކުށަށް އުގޫބާތް ކަނޑައެޅުމާ އެކު، ގެއްލުނު ފައިސާ އަނބުރާ ނަގައިދިނުމަށެވެ. 

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން އެ މީހުން އެ އަމަލު ހިންގާފައިވަނީ ވަރަށް ރޭވުންތެރިކަމާއެކު ދުރާލާ ތައްޔާރުވެގެންކަން އެނގޭ ކަމަށެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން، ދުވަސްވީ މީހާގެ އެކައުންޓުން ފައިސާ ޓްރާންސްފާކޮށްފައިވަނީ ފޯނު ލިބުނު ވަގުތެއްގައި އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ކަމަށް ހުކުމްގައިވެ އެވެ. އަދި އާންމުކޮށް އޯޓީޕީ ފޯނަށް ފޮނުވި ނަމަވެސް، އެ ތިން ޓްރާންސްސެކްޝަންއާ ގުޅޭ އޯޓީޕީ ފޮނުވާފައިވަނީ އީމެއިލްއަށެވެ. 

"ލިބިފައިވާ ހެކިތަކަށް ބަލާއިރު މިއީ ވަރަށް ސިއްރުވެރި ގޮތެއްގައި ރޭވުންތެރިކަމާ އެކު އާސިމާއި ހިޝާމް ގުޅިގެން ހިންގާފައިވާ އަމަލެއްކަން އެނގެ،" ހުކުމްގައިވެ އެވެ.

އެހެންވެ، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ވަނީ ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި ގެއްލުނު 183،700ރ. އަކީ އާސިމާއި ހައިޝަމް އެކުއެކީގައި އަދި ވަކިވަކިން ވެސް ޒިންމާވާން ޖެހޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެ ހުކުމުގައި ކަނޑައެޅި އެވެ. 

އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް ފައިސާގެ ވެރިފަރާތް ނިޔާވެފައިވާތީ،  އެ ފައިސާ ދެ އަހަރު ތެރޭގައި ވާރިސުންނަށް ލިބިދިނުމުގެ ގޮތުން އެ ފައިސާ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން އެ ދެ މީހުންގެ މައްޗަށް އަންގާފައިވެ އެވެ.