ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ ބިމެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތިން ވިޔަފާރިކުރި މީހުންގެ ޝަރީއަތަށް ދައުވާ ލިބޭ މީހަކު ކޯޓަށް ހާޒިރު ނުކުރެވިގެން އުޅޭ މައްސަލަ ބޮޑުވެއްޖެ އެވެ. 

ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޖޫން 2020 ގައި ހުޅުމާލެ އިން ހައްޔަރުކޮށް، ދައުވާ އުފުލާފައިވަނީ ގދ. ވާދޫ، އަސްރަފީގެ، މުހައްމަދު ޝަރީފް އަދި ގއ. ކޮލަމާފުށި، ކަރަންކާވިލާގެ އަފްސަލް ރަޝީދުގެ މައްޗަށެވެ. 

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ހިންގުމަށް ފަހު ހުކުމް ކުރުމުގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލުކުރީ މި އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހަށެވެ. އޭގެ ފަހުން ހަތް ފަހަރެއްގެ މަތިން އަޑުއެހުން ތާވަލުކޮށްފައިވެ އެވެ. ނަމަވެސް، ދައުވާ ލިބޭ މުހައްމަދު ޝަރީފް ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. 

އޭނާ ކޯޓަށް ހާޒިރުނުވާތީ ބަންދުކޮށްގެން ކޯޓަށް ގެނެސްދޭން ފުލުހުންގެ މައްޗަށް އަމުރެއް ވެސް ނެރެފައިވެ އެވެ. އެ އަމުރާ ގުޅިގެން އޭނާ ހޯދަން ފުލުހުން އޭޕްރީލް މަހުގެ ތެރޭގައި އިއުލާން ވެސް ކުރި އެވެ. އެކަމަކު، މިހާތަނަށް ފުލުހުންނަށް އޭނާ ހޯދިފައެއް ނުވެ އެވެ. 

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ލިބޭ ޝަރީފް ކޯޓަށް ހާޒިރު ނުކުރެވޭތީ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ހިންގުމަށް ވަނީ ހުރަސްއެޅިފަ އެވެ. 

މަސްތުވާތަކެތީގެ ބޮޑު ދައުވާއެއް އޮއްވައި ޝަރީފް ބަންދުން ދޫކޮށްލީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދައުލަތުން އެދިގެން ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވާށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަރީފް އޭގެ ފަހުން ބަންދުކޮށްފައެއް ނުވެ އެވެ. 

އޭނާ ދޫކޮށްލީ އޭނާގެ ކޮނޑު ހުޅުގެ އޮޕަރޭޝަނެއް ކުރަން ރާއްޖެއިން ބޭރަށް ދާން ޖެހޭތީ، ކަރެކްޝަންސްގެ ބަންދުގައި ހުރުމުން ބޭރަށް ފުރުމުގެ އިންތިޒާމު ހަމަނުޖެހި ގިނަ ދުވަސްވާތީ ކަމަށް ބުނެ އެވެ.

ޝަރީފް އަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އަދި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. 

މައްސަލައިގައި ދައުވާ ލިބޭ އަފްސަލްގެ ބޭސްފަރުވާ އަށް ދައުލަތުން އިހުމާލުވާ ކަމަށް ކަނޑައަޅައި އޭނާ ވެސް ހުރީ ބަންދުން ދޫކޮށްލައިފަ އެވެ. 

މި މައްސަލައިގައި ފާސްކުރި ތަނުން 6.8 ކިލޯގެ ކެނަބިސް ފުލުހުންނަށް ފެނިފައިވެ އެވެ.