ތ. ތިމަރަފުށީގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އަދި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަން ރޭވި ކަމަށް ބުނެ ދައުލަތުން އުފުލި ގިނަ ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމައި ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލާގައި 8 މީހެއްގެ މައްޗަށް ހަތް ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އެއީ ތިމަރަފުށީ، ފެހިވިދުވަރުގޭ، އަބްދުﷲ ޝަރީފާއި އެ ރަށު އަސްރަފީވިލާ، އަހުސަން މުހައްމަދާއި ހަމަ އެގޭ އަލީ މުނީޒާއި އެ ރަށު އަސުރުމާގޭ، މުހައްމަދު އާސިރާއި އެ ރަށު ސައިމާ، ސަމާހް ޝަރީފާއި ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދާއި ރ. މަޑުއްވަރީ، ބީޗްހައުސް، އަބްދުﷲ އިމާދު އަދި ނ. ކުޑަފަރީ، ރޯޒްމީޑް، އިބްރާހިމް ލޫތުގެ މައްޗަށެވެ.
ކުށް ސާބިތުވެފައިވަނީ އަލީ މުނީޒާއި އަލީ އަރުހަމް މުހައްމަދާއި އަބްދުﷲ އިމާދު އަދި އިބްރާހިމް ލޫތުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ޓެރަރިޒަމްގެ އެކި ދައުވާތައް ދައުލަތުން ކުރީ ފެބްރުއަރީ 2021 ގަ އެވެ.
އަބްދުﷲ އިމާދާއި އަލީ މުނީޒު އަދި އަރުހަމްގެ މައްޗަށް ޓަރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވިއިރު އެ ކުށުގެ އަދަބެއްގެ ގޮތުން އިމާދާއި އަރުހަމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެކަމަކު އިމާދު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
މުނީޒުގެ މައްޗަށް އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު ޖަލުގައި ހުރި މުއްދަތު އުނިކުރުމުން އޭނާގެ ވެސް ތަންފީޒު ކުރާނެ އަދަބެއް ނެތެވެ.
އަރުހަމްގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ދައުވާ ވެސް ކުރިއިރު އަދަބެއްގެ ގޮތުން އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު އަދަބެވެ.
އިމާދާއި ލޫތުގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވެސް ސާބިތުވި އެވެ. އަދަބެއްގެ ގޮތުން އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް އެ ދެ މީހުން ޖަލުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތެވެ.
މި މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމާއި ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމި އެވެ.
އޭގެ މައިގަނޑު ސަބަބަކީ ހުކުމްގައިވާ ގޮތުން މައްސަލާގައި ހުށަހަޅާފައިވާ މޮބައިލް ފޯނަކުން ނެގިފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިފައިވާތީ އެވެ.
މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން އަރުހުމް ފިޔަވައި މައްސަލާގައި ދައުވާ ލިބޭ އެންމެން ވަނީ ޖަލުން މިނިވަންވެފަ އެވެ.
މި ނިންމުން އިސްތިއުނާފު ކުރުމާ މެދު، މައްސަލައިގެ ރިޕޯޓްތައް ލިބުމުން ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ބުންޏެވެ. މައްސަލައިގައި މިއަދު ހުކުމް އިއްވާފައިމިވަނީ ކްރިމިނަލް ކޯޓުގައި މައްސަލަ އޮންނަތާ ފަސް އަހަރު ފަހުންނެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި އިސްލާމިކް ސްޓޭޓުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ، ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އައިއީޑީ އެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ތައްޔާރުކުރުވުމަށް ތައްޔާރީތައްވަމުން ދިޔަ އެވެ.
ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެ ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭފަދަ ކްލާސްތައް ހިންގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމަކީ ވެސް އެ މީހުންނަށް ދައުވާކުރަން ފޮނުވި ސަބަބުތަކެވެ.
ދޯނިން ހައްޔަރުކުރި މީހަކު އައިސިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗް ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އެގޮތުން 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވި ކަމާއި އެ ދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާކުރާ ގުދަން ފަޅާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.