ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒު ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގެ ޝަރީއަތް ބާތިލްކޮށްދޭން އެދި ދައުވާ ލިބޭ އެކަކުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި ދައުވާ އުފުލިތާ ވެސް ނުވަ އަހަރު ވެފައިވާއިރު، މިހާތަނަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނުނިމެ އެވެ. އެ މައްސަލަ ދިގުލައިގެންދާތީ، އެތައް ހައްގުތަކަކުން މަހުރޫމްވަމުންދާ ކަމަށް ބުނެ ދައުވާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދެވެ.
ކްރިމިނަލް ކޯޓުން މައްސަލައިގައި 60 އަށް ވުރެ ގިނަ އަޑުއެހުން ތާވަލު ކުރިއިރު، ގިނަ އަޑުއެހުންތައް ކެންސަލްކުރަން ޖެހިފައިވަނީ ދިފާއީ ވަކީލުން ހާޒިރު ނުވާތީ އެވެ. ދައުލަތުން އެދިގެން ކެންސަލްކުރީ އެންމެ އަޑުއެހުމެކެވެ.
ޝަރީއަތް ލަސްވާ މައްސަލަ އޭނާ އެންމެ ފުރަތަމަ ހުށަހެޅީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށެވެ. ނަމަވެސް، އެ ކޯޓުން ނިންމީ ދައުވާ ބާތިލް ނުކުރުމަށެވެ. އެހެންވެ، ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކުރި އެވެ. ހައި ކޯޓުން ވެސް ނިންމީ އިއުތިސާމްއާ ދެކޮޅަށެވެ.
ސުޕްރީމް ކޯޓަށް އިއުތިސާމްގެ ފަރާތުން ހުށަހަޅާފައިވަނީ ހައި ކޯޓުގެ ނިންމުމުގެ އިސްތިއުނާފެވެ.
ޝަރީއަތް ފެށިއިރު އިއުތިސާމް ބަންދުގައި ހުރި ނަމަވެސް 2018 ވަނަ އަހަރު ޝަރުތުތަކާ އެކު ދޫކޮށްލި އެވެ. އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު، ފުލުހުން ހިންގި އޮޕަރޭޝަނުގައި އޭނާ އަނެއްކާވެސް ހައްޔަރުކުރި އެވެ. އެ މައްސަލައިގައި ޓެރެރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އިއުތިސާމްގެ ވަކީލް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ޝަރީއަތް ލަސްވެފައިވަނީ ދައުވާ ފޯމް ބަދަލުކުރުމާއި ކުރިން ނެތް ސިއްރު ހެއްކެއް އިތުރު ކުރަން ދައުލަތުން މަސައްކަތްތަކެއް ކުރުމުން ކަމަށެވެ. ޝަރީއަތް އެހާ ބޮޑަށް ލަސްވެފައިވުމަކީ އިއުތިސާމްއަށް ގާނޫނުއަސާސީން ލިބިދޭ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
އެހެންވެ، އިއުތިސާމްގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ވަކީލް އެދުނެވެ.
ދައުލަތުން އެދުނީ ހައި ކޯޓުގެ ނިންމުން ދަމަހައްޓައިދޭށެވެ. މިއީ ސުޕްރީމް ކޯޓުން އަވަހަށް ނިންމަން ޖެހޭ ބާވަތުގެ މައްސަލައެކެވެ.
ކުނޫޒު ގޮއްވާލަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމާއި އެ ރަށު ވިދުވަރުގޭ ނާސިއު މުހައްމަދުގެ އިތުރުން ހދ. ނާވައިދޫ، ރިވެލި، ޝިމާން ޝަރީފްގެ މައްޗަށެވެ.