ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލި މައްސަލާގައި، އެކަމުގައި ބައިވެރިވި ފާތިމަތު ހަނާ މަރަން ކޮށްފައިވާ ހުކުމާ މެދު ޝަރުއީ އެންމެ މަތީ މަރުހަލާއިން ގޮތެއް ކަނޑައަޅަން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮންނަތާ އަހަރެއް ފަހުން އަނެއްކާވެސް އަޑުއެހުމެއް ބާއްވައިފި އެވެ.
ހަނާގެ މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅަން ދައުލަތުން 2020 ވަނަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުގައި ދެ އަޑުއެހުމެއް ބާއްވައި، މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ އޭޕްރީލް، 2021 ގަ އެވެ. އޭގެ ތިން އަހަރު ފަހުން އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ނަޖީބުގެ ހަށިގަނޑު ބެއްލެވި ޑރ. އަބްދުﷲ އަދްސަރުގެ ބަސް ހޯދަން ބޭއްވި އެވެ. އެ އަޑުއެހުން އޮތީ ނޮވެމްބަރު 25، 2024ގަ އެވެ.
އޭގެ އެއް އަހަރަށް ވުރެ ވެސް ގިނަ ދުވަސް ފަހުން މިއަދު އަނެއްކާވެސް ވަނީ ހަނާގެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފަ އެވެ. މިއަދު އަޑުއެހުން ބޭއްވީ މައްސަލަ ބައްލަވާ ބެންޗަށް ބަދަލު އައިސްފައިވާތީ އެވެ.
މީގެކުރިން ބެންޗުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ސުޖޫން އެވެ. ބެންޗުގެ ރިޔާސަތުގައި ކުރިން އިންނެވީ މުއުތަސިމް އެވެ.
މުއުތަސިމް އާއި ސުއޫދު އަދި މަހާޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ނެތުމުން، ބެންޗަށް އަލަށް ގެނެސްފައިވަނީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ރިޔާސަތަށް ކަނޑައަޅާފައިވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.
މިއަދުގެ އަޑުއެހުމަކީ ބެންޗު ބަދަލުވެފައިވާތީ، އިޖުރާއަތް ފުރިހަމަކުރަން ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުމުގައި ދައުލަތުން ވަނީ ހަނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައި، ހައި ކޯޓުން ތާއިދުކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ދައުލަތުގެ ވަކީލް މިއަދު ކޯޓުގައި ވިދާޅުވީ ގަސްތުގައި މީހަކު މަރާލުމުގެ ކުށް، ހަނާ ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ދައްކާފައިވާ ވާހަކަތަކާއި ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވިފައިވާ ކަމަށެވެ.
ހަނާގެ ވަކީލް އަހުމަދު ޝިފާއު މިއަދު ޝަރީއަތުގައި ވިދާޅުވީ ނަޖީބު ގަތުލުކުރުމަށް ހަނާ އެއްވެސް އަމަލެއް ހިނގާފައިނުވާ ކަމަށާއި އެފަދަ ކަމެއް ރާވާފައި ވެސް ނުވާނެ ކަމަށެވެ. އަދި ނަޖީބު މަރާލިއިރު، ހަނާ އެ ތަނުގައި ނުވެސް ނެތް ކަމަށާއި އެ ވަގުތު އޭނާއަށް އޮތީ ނިދިފައި ކަމަށް ވަކީލް ފާހަގަކުރެއްވި އެވެ. ނަޖީބު މަރާލިކަން އެނގުނީ ވެސް އެކަން ކުރި މ. މަސްރޫރާ، އަހުމަދު މުއްރަތު އެ ވާހަކަ އޭނާއަށް ކިޔައިދިނުމުން ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަޖީބު މަރާލި ކަމަށް ހަނާ އިއުތިރާފުވެފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެއްވެސް އިރަކު އެކަމަށް ހަނާގެ ފަރާތުން އިއުތިރާފުވެފައިނުވާނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާާޅުވީ ހަނާ ބުނެފައިވަނީ އެކަމުގައި ބައިވެރިވެވުނު ކަމަށާއި އެއީ ނަޖީބު މަރާލުމުގެ ކުރިން އެހެން އަމަލެއް ހިންގަން، އޭނާގެ ގައިގައި ޓޭޕް އެޅުން ފަދަ ކަންކަން ކުރުމުގައި ކަމަށެވެ. ނަޖީބު ގަސްތުގައި މަރާލުމުގެ އަމަލެއްގައި އޭނާ ބައިވެރިވެފައިވާ ކަމަށް ބުނެފައިނުވާ ކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.
"ނަޖީބު މަރާލުމުގައި އޭނާ ބައިވެރިވި ކަމަށް އެއްބަސް ނުވެވޭ ސަބަބަކީ އެކަން ރޭވުމުގައި ވެސް އަދި އެކަން ހިނގިއިރުގައި ވެސް ހަނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަން، އެކަން ބަޔާންތަކުގައި ވެސް ފާހަގަވޭ. އަދި މައްސަލައިގައި ހިމެނޭ އަނެއް ފަރާތުގެ ވާހަކަތަކާއި ބަޔާންތަކުން ވެސް އެކަން ހިނގި ގޮތުގެ ތަފްސީލު އެނގޭ،" ޝިފާއު ވިދާޅުވި އެވެ.
އެހެންވެ، ހަނާގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑަނާޅައި، އޭނާގެ މައްޗަށް އިއްވާފައިވާ އެ ހުކުމުން މިންޖުކޮށްދިނުމަށެވެ.
އެހާ ހިސާބުން މިއަދުގެ އަޑުއެހުން ނިންމާލައި، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ހަނާ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު، މީގެ ފަސް އަހަރު ކުރިން މި މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި އޭނާ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވެ އެވެ. ހަނާ ކުރިން އެކަމަށް އެއްބަސްވެފައިވާތީ އެކަމާ ބެހޭގޮތުން ވެސް ހަނާ ވާހަކަ ދެއްކި އެވެ. ހަނާ ބުނީ އޭރު އެކަމަށް އެއްބަސްވީ އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ގަބޫލު ކުރެވިގެން އަމިއްލަ ނަފްސު ކުށްވެރި ކުރެވުމުން ކަމަށެވެ. އެކަމަކު، މިހާރު އެގޮތަށް ގަބޫލުނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ހަނާ ބުނެފައިވާ ގޮތުގައި ނަޖީބުގެ ކޭޝްކާޑާއި ޕިން ނަމްބަރުު އަތުލައިގެން އެރޭ މުއްރަތާ ދެ މީހުން ރަލާއި އެކި ކާބޯތަކެތި ގެނެސް، ރާ ބޮއެގެން ނިދީ އެވެ. އޭނާ އަށް ހެނދުނު ހޭލެވުނީ މުއްރަތު ވަރަށް ހާސްވެގެން އޭނާ އަށް ގޮވުމުން ކަމަށާއި އޭރު ނަޖީބު މަރައިލާފައިވާ ކަމަށް ހަނާ ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައިި ނަޖީބުގެ ހަށިގަނޑު ފޮރުވަން އުޅުމުގައި ބައިވެރިވީ ވެސް ހާސްވެފައި ހުރިވަރުންނެވެ.