ޚަބަރު / ޓެރަރިޒަމް

ތިމަރަފުށީގެ ޓެރަރިޒަމް މައްސަލާގައި ދައުވާކޮށްފި

ޓެރަރިޒަމްގެ އަމަލުތައް ހިންގަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން. (މަތީގައި ވ-ކ) އަބްދުﷲ ޝަރީފް، އިބްރާހިމް ލޫތު، އަބްދުﷲ އިމާދު އަދި އަހްމަދު އަހްސަން. (ތިރީގައި ވ-ކ) އަލީ މުނީޒް، މުހައްމަދު އާސިރު، އަލީ އަރްހަމް މުހައްމަދު އަދި ސަމާހް ޝަރީފް

09 ފެބުރުއަރީ 2021 - 14:32

3 comments

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، އަމިއްލަ ބްލޮގުގައި މިއަދު ވިދާޅުވީ، ތިމަރަފުށީގައި މިދިޔަ އަހަރުގެ ފަހުކޮޅު ދޭން އުޅުނު ހަމަލާ ދިރާސާކޮށް އިއްޔެ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އަށް މީހަކު ހައްޔަރުކޮށް މިދިޔަ މަހުގެ 25 ގައި ވަނީ ދައުވާކުރަން ފޮނުވައިފަ އެވެ. ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ވެސް އާއްމުކޮށްފަ އެވެ. އެ މީހުންގެ ތެރެއިން، އަބްދުﷲ ޝަރީފަކީ ޓެރަރިސްޓް އައިސިސް ޖަމާއަތުން އަމީރުކަމުގެ މަގާމަށް އައްޔަންކޮށް އެކަމުގެ ލިޔުން ވެސް ދީފައިވާ މީހެކެވެ. ހައްޔަރުކޮށް ދައުވާކުރަން ފޮނުވި މީހުންނާއި ދައުވާތަކަކީ؛

އަބްދުﷲ ޝަރީފް، 34، ތ. ތިމަރަފުށި/ ފެހިވިދުވަރު

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

* ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައވާ އާއި

* ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ

އަހުސަން މުހައްމަދު، 32، ތ. ތިމަރަފުށި/ ކެނެރީގެ

* ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ

* ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުމުގެ ކުށުގެ ދައުވާ

އަލީ މުނީޒު، 28، ތ.ތިމަރަފުށި/ ކެނެރީގެ

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާ

* ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ

މުހައްމަދު އާސިރު، 34، ތ. ތިމަރަފުށި/ އަސުރުމާގެ

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ

އަލީ އަރުހަމް މުހައްމަދު، 18، ރ. ކަނދޮޅުދޫ/ ފެހިވިލާ

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

* ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ

* ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ

ޝަމާހް ޝަރީފް، 20، ތ. ތިމަރަފުށި/ ސައިމާ

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

* ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ

އިބްރާހިމް ލޫތު، 21، ނ.ކުޑަފަރި/ ރޯޒްމީޑް

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

* އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ

އަބްދުﷲ އިމާދު، 29، ރ. މަޑުއްވަރި/ ބީޗް ހައުސް

* ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

* ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ

* އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ

* އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ

އެ މައްސަލައިގެ ތަފްސީލު ހިއްސާކުރައްވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެ މީހުންނަށް ދައުވާކުރަން ފޮނުވީ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް އެކަމަށް ހިތްވަރުދީ ޓެރަރިސްޓް ޖަމާއަތްތަކުގެ އަމަލުތަކަކީ ސަބަބުވެރި އަމަލުތަކެއް ކަމަށް ދައްކަން އުޅުމުގެ ތުހުމަތުގައި ކަމަށެވެ.

އޭގެ އިތުރުން އިސްލާމިކް ސްޓޭޓުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ރާވައި އެކަމަށް ހިތްވަރުދީ ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާހް 3" ދޯނި ތެރޭގައި އައިއީޑީ އެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ތައްޔާރުކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެ ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރު ލިބޭފަދަ ކްލާސްތައް ހިންގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުން ދިއުމަކީ ވެސް އެ މީހުންނަށް ދައުވާކުރަން ފޮނުވި ސަބަބުތަކެވެ.

ޝަމީމް ބްލޮގުގައި ވިދާޅުވި ގޮތުގައި، ތިމަރަފުށީގެ ޓެރަރިޒަމް މައްސަލައަކީ ހުޅުމާލޭގައި މިދިޔަ އަހަރު ކުރީކޮޅު ޓޫރިސްޓުންތަކަކަށް ދިން ހަމަލާއަށް ފަހު، ނިޒާމުތައް ޓެސްޓުކުރަން ލިބުނު ފުރުސަތެކެވެ. އެ މައްސަލަ މި ހިސާބަށް ގެނައުމުގައި ޝާމިލްވި ކޮންމެ މީހަކު އެ މީހެއްގެ ރޯލު ފުރިހަމައަށް އަދާކުރި ކަމަށާއި ކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތެއްކަން ޝަމީމް ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގައި ހަމަލާދިން މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ނުކުރެވި ދޫވުމުން ޕީޖީ އަށް ފާޑުކިޔުން އަމާޒުވި އެވެ.

"މާނައަކީ، ކުރިއަށް އޮތް ތަނުގައި މައްސަލައެއް ކުރިމަތިނުވާނެއެކޭ ނޫނެވެ. މައްސަލަ ކުރިމަތިވާނެ އެވެ. ނަމަވެސް، އެކަމުގެ ތެރެއަށް ޒާތީ ތައައްސުބެއް ނުގެނެސް، މައްސަލަ ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު މިހާރު ހިނގަ އެވެ،" ބްލޮގުގައި ވެ އެވެ.

ކުރިއަށް އޮތް ޝަރީއަތުގެ މަރުހަލާގައި ވެސް ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުން، ރާއްޖެ އާއި ބޭރުން ލިބެން ހުރި ވަސީލަތެއް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ކަމަށާއި މައްސަލަ ފަސޭހައެއް ނުވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެކަން އެނގެއެވެ. މި މައްސަލައިގައި ވެސް އަދި އިތުރަށް ރަނގަޅު ކުރެވޭނެ ކަންކަން އެބަހުއްޓެވެ. އެބައި އަޅުގަނޑުމެން މި ދަނީ ދިރާސާ ކުރަމުންނެވެ. ދެން އަންނަ މައްސަލައެއްގައި، މާތްﷲ އިރާދަކުރެއްވިއްޔާ، މިއަށްވުރެ އަދި މާ މޮޅަށް މަސައްކަތް ކުރެވޭނެއެވެ،" އޭނާ ވިދާޅުވި އެވެ.

3 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ2

09 February 2021

ޓެރަރިސްޓުން ތަށް ހިފާ ހައްޔަރުކުރޭ... އެހެންނޫނީ ތަނެއް ގޮއްވާލަފާނެ.

The name is already taken The name is available. Register?

އައްމަޓަ

09 February 2021

ކިހިނެއް ކޯޓުން ނިމޭނެބާ؟

The name is already taken The name is available. Register?

1828

09 February 2021

ސާބިތުވާނެ. ސަބަބަކީ 'ހަރުކަށި'ފިކުރަށްވުން. އަނެއް ސަބަބަކީ އެމްޑީޕީއިން އެބަދުވެސް އެވާހަކަ ދެއްކުން. މަޑިކަށި ފިކުރުގެ މައްސަލައެއް ނުވެސް ބަލަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454