މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، މީހެއްގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. 

ޔޫސުފް ރިޒާ ކިޔާ މީހެއްގެ މައްޗަށް ދައުލަތުން އުފުލީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. 

ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލީ އޭނާއާ ގުޅުންހުރި އެޕާޓްމެންޓެއް ބަލައިފާސްކުރިއިރު، އެތަނުގެ ތެރެއިން 130 ގްރާމް ކެނެބިސް ފެނިފައިވާތީ އެވެ. އެ ފެނިފައިވަނީ އެޕާޓްމެންޓްގައި ހުރި އެކި ތަންތަނުގައި ރައްކާކޮށްފައި ހުއްޓަ އެވެ. 

ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އުފުލީ އެ އެޕާޓްމެންޓްގެ ތެރެއިން 70 ގްރާމްގެ މެފެޑްރޯން ފެނިފައިވާތީ އެވެ. އެ ތަން ފުލުހުން ބަލައި ފާސްކުރީ އޭނާ ހައްޔަރުކުރުމަށް ފަހު އެވެ. 

ދެ ދައުވާއަށް ވެސް ޔޫސުފް އިންކާރުކޮށްފައިވެ އެވެ. ނަމަވެސް، މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލައި ކްރިމިނަލް ކޯޓުން ނިންމީ ކުށުގެ ރުކުންތައް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. 

ކޯޓުން ކަނޑައަޅާފައިވަނީ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެނގުމާއި ދަތުމުގެ ތެރޭގައިވާ ތަކެތިކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނިފައިވަނީ ޔޫސުފްގެ ހިޔާޒަތުގެ ތެރެއިން ކަން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. 

އެހެންވެ، ކޮންމެ ދައުވާއަކަށް އަދަބެއްގެ ގޮތުން 25 އަހަރުގެ ޖަލު ހުކުމަކާއި 100،000ރ. ޖޫރިމަނާ ކުރި އެވެ. އެއީ ޖުމްލަ 50 އަހަރާއި 200،000ރ. ޖޫރިމަނާ އެވެ. ޖޫރިމަނާގެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ އަންގައިފަ އެވެ.