ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތައިލެންޑުން ހައްޔަރުކުރީ ދިވެހި ފުލުހުން މީގެ ހަ އަހަރު ކުރިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމުގެ ތުހުމަތަށް ހައްޔަރުކުރި މުހައްމަދު ވިސާމް ކަން އެނގިއްޖެ އެވެ. 

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން އެކަކީ ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް ކަން ވަނީ ހާމަވެފަ އެވެ. 

ވިޝާމަކީ "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުުހުން ތުހުމަތުކުރި އެކަކެވެ. 

އެ މައްސަލައިގައި އޭނާ ހިމެނޭ ގޮތަށް 10 މީހެއްގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް، ފަހުން ދައުލަތުން ތިން މީހެއްގެ ދައުވާ ނޫނީ އެހެން މައްސަލަތައް އަނބުރާ ގެންގޮސްފަ އެވެ. އަނބުރާ ގެންދިޔަ ދައުވާގެ ތެރޭގައި ވިޝާމްގެ މައްޗަށް އުފުލި ދައުވާ ވެސް ހިމެނެ އެވެ. 

ވިޝާމްގެ މައްޗަށް އޭރު އުފުލި ދައުވާ އަނބުރާ ގެންގޮސްފައިވަނީ ދައުލަތުން ބުނެފައިވާ ގޮތުން މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް މިހާރު ހުރި ގޮތުން އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެކި ނެތް ކަމަށް ގަބޫލު ކުރެވޭތީ އެވެ. 

ތިން މީހެއްގެ ދައުވާ ދައުލަތުން ކުރިއަށް ގެންދިޔައިރު، އޭގެ ތެރޭގައި ވިޝާމްގެ އިތުރުން ދެން ބޮޑެއް ކަމަށް ތުހުމަތުކުރާ ސ. ހުޅުދޫ، ދޭލިއާގޭ، އިރުފާން ތަގިއްޔު ހިމެނެ އެވެ. އެވެ. ދެން ކުރިއަށް ގެންދިޔައީ ދ. މާއެނބޫދޫ، އަނބުގަސްދޮށުގޭ، އަހްމަދު ނަސީރު ހ. ގާޑަންބިއުޓީ، މުހައްމަދު އަކްރަމްގެ މައްޗަށް ކުރި ދައުވާ އެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ ކުށް ސާބިތު ނުވާ ކަމަށެވެ. 

މި މީހުން އެތެރެކުރި މަސްތުވާތަކެތި ސަޕްލައިކޮށްދިން މީހުންނަށް އަގު އަދާކުރާނެ ކަމުގެ ގެރެންޓާއެއްގެ ގޮތުގައި ޕާކިސްތާނަށް މީހަކު ފޮނުވައި ޑްރަގް ނެޓްވޯކުގެ ބެލުމުގެ ދަށުގައި މީހަކު ބެހެއްޓި ކަމަށް ވެސް ފުލުހުން ކުރިން ތުހުމަތުކުރި އެވެ. އެއީ ގެއްލިގެން ހޯދަން ޖޫން 2021 ގައި އިއުލާނުކުރި މުހައްމަދު މިސްބާހު ކިޔާ މީހެކެވެ.

މިފަދަ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށް އެކަމަކު ސަލާމަތްވި ވިޝާމް ތައިލެންޑުން ހައްޔަރުކުރީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކަށް އެ މީހުން ފޮނުވާފައި ހުރި ޕާރުސަލްތަކެއްގައި މަސްތުވާތަކެތި ހުރެދާނެ ކަމަށް ބުނެ އެ އޮފީހުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.  

އެ ޕާރުސަލްތަކުން ނުބައި ވަސް ދުވާތީ ކާގޯ އޮފީހުން އެ ތަކެއްޗާ ހަވާލުނުވުމުން އެ މީހުން އެ އެއްޗެހި ގެންގޮސް ބެހެއްޓީ ސޫކުމްވިޓް ސަރަހައްދުގައި ވިޝާމްމެން ތިބި ކޮޓަރީގަ އެވެ. ފުލުހުން އެ ކޮޓަރި އާއި ޕާރުސަލްތައް ބަލައި ފާސްކުރިއިރު، ޖުމްލަ 2.37 ކިލޯގެ ކްރިސްޓަލް މެތު (އައިސް) އާއި ގާތްގަނޑަކަށް 10 ކިލޯގެ ކެނަބިސް އަތުލައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެ މަސްތުވާތަކެތި ފޮރުވާފައި ހުރީ ތަރުމޯސް އަދި ކުޑަކުދިންގެ އަންނައުނުތަކުގެ ތެރޭގައި ކަމަށް ވެސް ނޫސްތަކުގައި ބުންޏެވެ.

ތައިލެންޑް ފުލުހުން އެ އޮޕަރޭޝަންގެ ފޮޓޯތައް އާންމުކޮށް ބުނި ގޮތުގައި، އެ ދިވެހިންނަކީ ގްރޫޕަކާ ގުޅިގެން މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއް ހިންގަމުންދިޔަ ބައެކެވެ. ނަމަވެސް، އެ މީހުންނަށް ކުރާ ތަހުމަތުތަކަށް ތަހުގީގުގައި އިންކާރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.