ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހުންގެ ވަނަވަރު މިއަދު ހާމަކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ "މަސްޖަރީ" ދޯނީގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ތިބީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، 32، އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް، 28 ކަމަށެވެ. އެ މީހުންގެ އިތުރުން މިދިޔަ އަންގާރަ ދުވަހު މާލެއިން އަތުލައިގެން މަސްތުވާތަކެތީގެ މައްސަލައިގައި އިތުރު އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛
- ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ، އަހުމަދު ނަސީރު، 38 އަހަރު
- ކ. މާލެ، މއ. ކަނޑޫގެ، އަލީ އަހުމަދު އަހުމަދު، 37 އަހަރު
- ކ. މާލެ، ހ. ގާޑަންބިޔުޓީ، މުހައްމަދު އަކްރަމް، 27 އަހަރު
- ރ. އިނގުރައިދޫ، އެލެސްކާ، އަބްދުﷲ ވިޝާމް، 26 އަހަރު
- ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުހައްމަދު ޗަރީފް، 34 އަހަރު
- ތ. ތިމަރަފުށީ، ތަޑިރަތްމާގެ، މުހައްމަދު ވަޖީހު، 35 އަހަރު
- ރ. ރަސްގެތީމް، ފީރޯޒްގެ، އަހުމަދު ޝިނާން، 30 އަހަރު
މީގެ ހަފުތާއެއް ކުރިން ފެށި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުންނެވެ.
އެ އޮޕަރޭޝަނުގައި 10 މީހުން ހައްޔަރުކޮށް މާލޭގެ ބައެއް ގެތައް ބަލައިފާސްކޮށްފައި ވާއިރު ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކޮށްފައިވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރިން ވިދާޅުވީ ފުލުހުންގެ އިންޓެލާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އަދި މެރިން ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އަތުލައިގެންފައިވަނީ ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އެކަމަކު އެ އޮޕަރޭޝަނުގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މި މަސްތުވާތަކެތި މާލެއަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ ފަރީދީމަގުންނެވެ. އެ ކާރު ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ހުރީ ދެ ސޫޓްކޭހާއި ދެ ގޯނީގަ އެވެ. ސޫޓް ކޭސްތަކުން ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ކާރުތެެރެއިން އަތުލައިގަތް މަސްތުވާތަކެތި އަޅާފައި ހުރީ ގޯންޏަށެވެ.
ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަދި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެ ތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދުތަކުގެ ވެރިންނަށް އޮޅުވާލައިގެން އެ އެއްޗެހި ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންވެ ކަނޑު އުޅަނދުފަހަރާއި އެއްގަމު އުޅަނދު ގެންގުޅޭ މީހުން އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.