ކެފޭގެ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކްރިމިނަލް ކޯޓުން ފުރަތަމަ ފަހަރަށް އަމުރެއް ނެރެފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި މިއަދު ބުނީ ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނީ ހ. ގުންޒަރު ނަމަކަށް ކިޔާ ގެއެއް 90 ދުވަހަށް ބަންދުކުރުމުގެ އަމުރެއް ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ކުރިން އޮންނަ ގޮތުން، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން 24 ގަޑިއިރަށް ބަންދުކުރުމުގެ ނޯޓިސް ނެރުމުގެ ބާރު ފުލުހުންނަށް އޮވެ އެވެ. ނަމަވެސް، އެ އަށް ވުރެ ދިގު މުއްދަތަކަށް ބަންދެއް ނުކުރެވެ އެވެ.

އެ ނޫން ހާލަތްތަކުގައި، އެ ގޭގެ ވެރިފަރާތުގެ ހުއްދައާ އެކު، ޑްރަގްގެ ކެފޭތައް ފުލުހުން ގޮސް ބަންދުކުރެ އެވެ.

އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގައި ވަނީ ގިނަވެގެން ތިން މަސް ދުވަހަށް އެ ފަދަ ތަންތަން ބަންދުކުރުމުގެ އަމުރު ކޯޓުތަކަށް ނެރެވޭ ގޮތް ހަދައިފަ އެވެ. އެ ބަދަލަށް މިދިޔަ މާޗު ހަތް ވަނަ ދުވަހު ވަނީ އަމަލުކުރަން ފަށައިފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފާތިހު ވިދާޅުވީ ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަންތަން މިހާރު މަދުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް އެފަދަ 11 ތަނެއް ބަންދުކޮށްފައިވާ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.

ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ނާއިފް އޭރު ވިދާޅުވީ ކެފޭގެ އުސޫލުން ޑްރަގްސްގެ ވިޔަފާރިކުރާ ތަންތަން ހުއްޓުވަން ކުރާ މަސައްކަތުގެ ދަށުން ހަ ގެއެއްގެ ވެރިންނަށް ދައުވާކޮށް، ޝަރީއަތްތައް ކުރިއަށްދާ ކަމަށެވެ. 

ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ފަސް އަހަރުގެ ޖަލު ހުކުމަކާއި ގިނަވެގެން 100،000ރ. ޖޫރިމަނާ ކަނޑައަޅާފައިވާ ކުށެކެވެ.

އެ ހިދުމަތް ފޯރުކޮށްދޭ ތަނެއްކަން އެނގޭ ހާލު އެކަން ހުއްދަ ކުރުން ނުވަތަ އެކަން ކުރުމުގެ ފުރުސަތު ދިނުމަކީ އެ ތަނުގެ ވެރިފަރާތާއި ކުއްޔަށް ހިފައިގެން އުޅޭ ފަރާތް ނުވަތަ އެ ތަނާ ހަވާލުވެ ހުރި ފަރާތް ކުށްވެރި ވާނެ ކަމެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށް، އެ ފަރާތްތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެ އެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަ ނެތި ވަދެނުކުތުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ މީހުންނާއި އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ މީހުންނަށް ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.