ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ އެކޮމޮޑޭޝަން އަދި މެއިންޓަނަންސް ބްލޮކްގައި ފޮރުވާފައި ހުރި ހަ ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ޝަރީފް 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖޫން 2020 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގދ. ވާދޫ އަސްރަފީގޭ ޝަރީފާއި އިތުރު މީހަކު ކުރުމަށް ފަހު، އެންސިސްގެ އެކޮމޮޑޭޝަން ބްލޮކް ފާސް ކުރިއިރު އެ ތަނުގެ އެކި ތަންތަނުގައި ފޮރުވާފައި ހުރި 6.5 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު ކުރި ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އެހެން މީހުން ވަދެ ނިކުމެ އުޅޭ ތަނަކަށްވީ ނަމަވެސް އެއީ މުހައްމަދު ޝަރީފް ވެސް ވަދެ އުޅޭ ތަނެއްކަން ހެކިންގެ ބަހުން ކަމަށެވެ. މަސްތުވާތަކެތި އަޅާފައި ހުރި ހޮޅިގަނޑެއްގެ އިތުރުން އެ ސަރަހައްދުން ފެނުނު މަސްތުވާތަކެތި ހޭކިފައި ހުރި ޑިޖަޓަލް ކައްޓާއަކުން ފެނުނު ފިންގަޕްރިންޓާއި އޭނާގެ ފިންގަޕްރިންޓް ދިމާވާ ކަމަށް ހުކުމުގައިވެ އެވެ.
މީގެ އިތުރުން މަސްތުވާތަކެތި އަޅާފައި ހުއްޓާ ފެނުނީ ފުޅިތަކަކުން ކަމަށް ވާއިރު، އެ ބްރޭންޑްގެ ފުޅިތަކެއް އޭނާ ފިހާރައަކުން ގަނެގެންދާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ހުށަހަޅާފައިވާ ކަމަށް ވެސް ހުކުމުގައިވެ އެވެ. ނަމަވެސް ދެން ހުރި ތަންތަނުން ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުވޭނެ ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް މުހައްމަދު ޝަރީފްގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ނިންމައި، އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100،000ރ. އިން ޖޫރިމަނާ ކުރަން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ 23 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އޭނާ ޖަލަށްލާން ހުކުމް ކުރިއިރު، އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު، ފަހުން ހުރީ ދޫކޮށްލައިފަ އެވެ. އަދި ފަހުން އޭނާ ކޯޓަށް ހާޒިރުކުރަން އޭނާ ހޯދަން ވެސް ފުލުހުން އިއުލާންކުރި އެވެ.
އެ މައްސަލާގައި ޝަރީފް ޖަލަށްލާން ހުކުމްކުރި ނަމަވެސް، އެ މައްސަލާގައި ދެން ހައްޔަރުކުރި ގއ. ކޮލަމާފުށީ ކަރަންކާވިލާ، އަފްޒަލް ރަޝީދުގެ ބަޔާ މެދު ގޮތެއް ނުނިންމަ އެވެ.