މަސްތުވާތަކެތި ބޭނުން ކުރުމުގެ އަމަލުތައް ހިންގުމަށް ބޭނުން ކުރަމުންދިޔަ ތަނެއްގެ ވެރިފަރާތެއްގެ މައްޗަށް ފުރަތަމަ ފަހަރަށް ކުށް ސާބިތުވެ، އޭނާ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގ. ޕެލިކަން ކިޔާ ގޭގައި ކުއްޔަށް ދީފައި ހުރި ތަނެއްގައި މިދިޔަ ޖެނުއަރީ މަހު މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހިމް ނާޒިމްގެ މައްޗަށް ދައުލަތުން ކުރީ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމަށް ނުވަތަ ޕެޑްލް ކުރުމަށް ނުވަތަ ބޭނުން ކުރުމަށް ނުވަތަ އުފެއްދުމަށް އެއިން ކަމެއް ކުރާކަން ގަބޫލުކުރެވޭ ހާލަތުގައި، އެތަނެއްގެ ވެރިފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަ ކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ގޭގައި ކުއްޔަށް ދީފައި ހުރި ތަނެއްގައި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރުމުގެ މައްސަލަތަކާ ގުޅިގެން އެ ތަން އެކިފަހަރު ފާސްކޮށް، އެކިފަހަރުމަތިން ފުލުހުން އެ މީހާއަށް އެކަން އަންގާފައިވާ ކަމަށެވެ. އަދި އެ ތަން އެހެން ބަޔަކަށް ކުއްޔަށް ދީފައިވަނީ އޭނާކަން ހެކިތަކުން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ތަން ކުއްޔަށް ދީފައިވަނީ އެހެން ބަޔަކަށް ކަމަށް ވިޔަސް، ކުށުގެ އަމަލުތައް ހިންގާކަން ފުލުހުންގެ ފަރާތުން ތަކުރާރުކޮށް އެންގުމުން ވެސް ކުލީގެ އެއްބަސްވުން އޭނާ ދަމަހައްޓާފައިވާތީ އެ ކުށުގެ އަމަލު ހިންގުމަށް އޭނާ ފުރުސަތު ދީފައިވާ ކަމަށް ބަލަންޖެހެ އެވެ.
އެހެންވެ، އޭނާ އެ ތަނުގައި މަސްތުވާތަކެތީގެ އަމަލުތައް ހިންގާކަން އެނގި ހުރެ އެ ތަން އެކަން އޭނާ ހުއްދަ ކުރިކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެ ސަބަބުތަކަށްޓަކައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.