ގއ. މާމެންދޫގެ ދެ ގެއަކުން 17.7 ކިލޯގެ މަސްތުވާތަކެތި ފެނުނުއިރު އެރަށުގައި ވެސް ނުހުންނާނެ ކަމަށް އެ މައްސަލާގައި ހައްޔަރުކުރި އެކަކުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.
މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި މިމަހުގެ ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުވާ ދެ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގއ. މާމެންދޫ، ފިޔާތޮށިވިލާ އަޒުހަދު ނަސީމާއި އެރަށު ރޯޝަނީގޭ ރިޝްފާން ރާމިޒެވެ. އަދި އެ މައްސަލައާ ގުޅިގެން އަޒުހަދުގެ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން އަދި ހެކިބަސްދޭ ފަރާތްތަކުގެ ހެކިބަހުގެ ރިޕޯޓް ހިމެނޭ ކަމަށެވެ.
އެ އަމުރުގައިވާ ގޮތުން ފެނުނު މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ބާވަތުގެ ޕެކެޓްތަކެއް އޭނާގެ ގެއިން ފެނިފައިވެ އެވެ. އަދި އެ މައްސަލާގައި 17 ކިލޯގެ ޑްރަގް ފެނިފައިވާއިރު، އޭނާއަކީ އެ ބާވަތުގެ ރިކޯޑު އޮތް މީހެއް ކަމަށް އަމުރުގައިވެ އެވެ.
އެ އަމުރުގައިވާ ގޮތުން މަސްތުވާތަކެތި ފެނުނީ އަޒުހަދުގެ ގެއާ ޖެހިގެން ހުރި ގެއަކުން ކަމަށް އޭނާގެ ވަކީލުން ބުނެފައިވެ އެވެ. އަދި އޭރު އޭނާ ރަށުގައި ނެތް ކަމަށާއި އެ ތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.
އަޒުހަދަކީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހެކެވެ. އެފަހަރު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ހަނީފްއާ އެކުގަ އެވެ. އެ މައްސަލާގައި މަސްތުވާތަކެތި ފެނުނީ ދޯންޏަކުންނެވެ.
އޭގަފަހުން އަޒްހަދު ދޫވެފައި ހުރީ ކީއްވެ ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.