އަޕަ ސައުތު ޕޮލިސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގއ. މާމެންދޫގެ ދެ ގެޔަކުން 17.7 ކިލޯ ޑްރަގް ހޯދައި އެ މައްސަލާ ގުޅުންހުރި ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން ބުނީ "މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި" މި މަހުގެ ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަކީ؛

  • އަޒުހަދު ނަސީމް، 29،  ގއ. މާމެންދޫ / ފިޔާތޮށިވިލާ
  • ރިޝްފާން ރާމިޒު، 29، ގއ. މާމެންދޫ / ރޯޝަނީގެ

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު އިތުރު ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ. 

މި ދެ މީހުންގެ ތެރެއިން އަޒުހަދަކީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހެކެވެ. އެފަހަރު އޭނާ ހައްޔަރުކުރީ  މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ހަނީފް، 36، އާ އެކުގަ އެވެ. މަސްތުވާތަކެތި ފެނުނީ ދޯންޏަކުންނެވެ. 

އަޒްހަދު މިނިވަންވެފައި ހުރީ ކީއްވެ ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި މިހާތަނަށް ފެނުނު މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ދެ މީހުންނާ ގުޅުން ހުރި ދެ ގެ ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް އެ ދެ ތަނުން ފެނުނު ތަކެއްޗެވެ. 

 އިއްޔެ މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ވެސް  ކިލޯއަކަށް ވުރެ ގިނަ ޑްރަގާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ތިން ޒުވާނަކު ހައްޔަރުކޮށްފައިވެ އެވެ.

އެ އޮޕަރޭޝަނުގައި މާފަންނު ގެއެއް ބަލާ ފާސްކުރިއިރު 1.7 ކިލޯގެ ޑްރަގާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ 230 ވޭޕް ކާޓްރިޖް އަދި 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.