ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ.

އެއީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

ކަސްޓަމްސްއިން ބުނީ، އެ ދެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްގެ އޮފިޝަލުން އެ މީހުންގެ ލަގެޖު ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި ފުރަތަމަ މަރުހަލާގައި ކުރެވުނު ތަހުލީލުތަކުން އެތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 3.34 ކިލޯ ހުރި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެ މީހުން އިތުރަށް ތަހުގީގު ކުރުމަށްޓަކައި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.