ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް 11.9 ކިލޯއަށްވުރެ ގިނަ ޑްރަގް އެތެރެކުރި ދެމީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އިންޑިއާ ދެ މީހުން ކަމަށްވާ، ޔުތިޝް ރާޖް ރާޖަން، 27، އާއި އީޝްވަރުމުރިތީ ޝަންމުގަމް، 24، އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައި އިރު ގެނައި ޑްރަގާ އެކު ކަމަށެވެ.

އެ މީހުން ފުލުހުންނާ ހަވާލުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިިންމަން ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކަސްޓަސްއިން އިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލް އެވެ.

އެ ތަކެތީގެ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން އިއްޔެ ބުންޏެވެ.