މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ބޯޓެއްގައި މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށްފައި ވާއިރު އެ މުދާ އިމްޕޯޓްކުރި ކަމަށް އޮތް ކުންފުންޏަށް އެކަން ނޭނގޭނެ ކަމަށް މިކަމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކުރެވޭ ޕާކިސްތާނު މީހާ ކޯޓުގައި ބުނެފި އެވެ.
މިކަން ހިނގިތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން މައްސަލާގައި ހައްޔަރުކުރީ ޕާކިސްތާނު މީހެއް ކަމަށްވާ، އުމުރުން 51 އަހަރުގެ ޒަފަރް އަހްމަދު އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ބޭއްވި މަޖިލީހުގައި ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އެ އަމުރުގައި ގާޒީ އަލީ ނަދީމް ލިޔުއްވާފައިވާ ގޮތުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރަށް ވަނީ ހެކި ލިބިފަ އެވެ. އަމުރުގައިވާ ގޮތުން، މަސްތުވާތަކެތި ފޮރުވާފައި ހުރީ ބްލޫ ސްޓާ ބްރޭންޑުގެ ވޯޓާ ޑިސްޕެންސަރެއްގެ ތެރޭގަ އެވެ.
މަސްތުވާތަކެތި ފެނުނު މުދާ ގެނެސްފައިވަނީ ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއް ކަމަށްވާ "ހޮޓް އެންޑް ކޯލްޑް އެލްއެލްޕީ" ގެ ނަމުގަ އެވެ. އެ މުދާ ރާއްޖެއަށް ފޮނުވާފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކުއާޓްޒް އިންޓަނޭޝަލްއިންނެވެ.
މި މައްސަލާގައި ފުލުހުން ނަގާފައިވާ ބައެއް ހެކިންގެ ހެކިބަހާ ހަވާލާދީ އަމުރުގައިވާ ގޮތުން "ހޮޓް އެންޑް ކޯލްޑް އެލްއެލްޕީ" ގެ ހިއްސާދާރުންނަށް މި ތަކެތި ގެނައިކަމެއް ނޭނގެ އެވެ. އެ މުދަލާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ޒަފަރުއާ ބައްދަލުކޮށް ކުންފުނީގެ ނަމުގައި މުދާ އެތެރެކުރެވިފައިވަނީ އޮޅިގެން ކަމަށް ވެދާނެ ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ ކުންފުނިން މުދާ ފޮނުވާފައިވަނީ ޒަފަރު ބުނެގެން ކަމަށާއި އެ މުދަލަކީ އޭނާ އިންޑިއާގެ ހައިދަރުއާބާދުން ގަނެފައިވާ މުދާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އެ މުދާ ކްލިއާ ކުރަން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނީ ވެސް ޒަފަރު ކަމާއި އޭގެ ސްލިޕް ވެސް އޭނާއަށް ފޮނުވާފައިވާކަން ހެކިންނަށް އެނގޭ ކަމަށް އަމުރުގައިވެ އެވެ. އަދި މި މުދާތައް އެތެރެކުރުމަށް ވަޓްސްއެޕް މެދުވެރިކޮށް ކޮށްފައިވާ މުއާލަމާތްތައް ވެސް ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
މުދާ ޝިޕްމެންޓެއްގެ ތެރެއިން 36 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް އެ މައްސަލައާ ގުޅިގެން އޭރު ދެ ދިވެއްސަކު ހައްޔަރުކުރި އެވެ. އެއީ އެ ތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތު ހައްޔަރުކުރި ހަސަން މަފާޒު، މަދާރުގެ، މ. މުލައް އަދި ވިޝާމް މުހައްމަދު، ހ. ފިލްމީސައިޓް އެވެ. އެ މީހުން ހައްޔަރުކުރީ އެ ޝިޕްމެންޓް ހިފަހައްޓަން ކަސްޓަމްސް އާއި ފުލުހުން ހިންގި އޮޕަރޭޝަނުގައި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ.