ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އަހުމަދު ނަސީރު، ހަޒާރުމާގެ ވ. ފުލިދޫ އެވެ. 

އޭނާ ރާއްޖެއަށް އައިިއިރު ޝައްކު ކުރެވިގެން ބަލައިފާސްކުރިއިރު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ބަލެވޭތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ. އަދި އޭނާ ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. 

ބޮޑުކަމުދިޔައިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ބުލެޓް ފެނުނު ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 427 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ. 

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޯށްފައިވާތީ ކުށުގެ ބާވަތުން އާނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި މައްސަލައިގެ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ. 

ފުލުހުން ނަސީރުގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. މަސްތުވާތަކެތީގެ ގާނޫނު މިހާރު އޮންނަ ގޮތުން މި ތުހުމަތަކީ ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ކަނޑައެޅޭ ކުށެކެވެ.