ޑްރަގު ކެފޭއެއްގެ ގޮތަށް، މަސްތުވާތަކެތީގެ ހިދުމަތް ފޯރުކޮށްދެމުން ދިޔަ އެޕާޓްމެންޓެއް ބަލައިފާސްކޮށް ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި ވިޔަފާރިކުރުން އަދި ޓްރެފިކް ކުރުމުގެ ތުހުމަތުގަ އެވެ. އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 30 ދުވަސް ޖަހައިފަ އެވެ. 

ހަ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން އެ މީހުން ތިބި އެޕާޓުމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާ ވަނީ ފެނިފަ އެވެ. 

އެތަނަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކައި ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ތަނެއް ކަމަށާއި އެތަނުން މަސްތުވާތަކެއްޗާ އެކު ފައިސާތައް ރަބަރު ޕެކެޓަށް ލާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

ތުހުމަތުވާ މީހުން ކޯޓުގައި ބުނީ އެ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ ގުޅުމެއް ނެތް ކަމަށާއި އެކަމަށް އިންކާރުކުރާ ކަމަށެވެ. 

ނަމަވެސް، ހައްޔަރުކުރި ބައެއް މީހުންނަކީ އެ ތަނަށް ވަރަށް ގިނައިން ވަދެ ނުކުމެވާ ތަން ފެންނަ ބައެއް ކަމުގެ ހެކިބަސް ލިބިފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ.