މަސްތުވާތަކެތި ފޮރުވާފައި ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް ދިޔަ މީހަކު 18 އަހަރަށް ޖަލަށްލައި، 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމްކޮށްފި އެވެ. 

ކްރިމިނަލް ކޯޓުން މިދިޔަ ހޯމަ ދުވަހު އެ ހުކުމް އިއްވާފައިވަނީ ސ. މީދޫ ހުދުވިލާގޭ އަލީ މުފާވިޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. 

އެ ދައުވާ އޭނާގެ މައްޗަށް ކުރީ ޑިސެމްބަރު، 2023 ގައި މަސްތުވާތަކެތި ފޮރުވާފައިވާ ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް އޭނާ ގޮސްފައިވާތީ އެވެ. އެ ފޮށިގަނޑަކީ އެހެން މީހެއްގެ ނަމުގައި އޮތް ފޮށިގަނޑެއް ކަމަށްވާތީ އޭނާ އެ ފޮށިގަނޑު ނަގަން ދިޔައީ ފޮށިގަނޑުގައި ނަން އޮތް މީހާގެ ސިޓީއަކާއި އައީޑީކާޑް ކޮޕީ ހިފައިގެންނެެވެ. 

އެ ފޮށިގަނޑަކީ އިތުރަށް ބަލަންޖެހޭ ފޮށިގަނޑެއް ކަމަށްވާތީ މުފާވިޒުގެ ހާޒިރުގައި އެ ފޮށިގަނޑު ކަނޑައިގެން ކަސްޓަމްސުން ބެލިއިރު، ފޮށިގަނޑުގައި ހުރި ފޮތްތަކުގައި ފޮރުވާފައި މަސްތުވާތަކެތި ހުއްޓެވެ. ތަހުލީލު އެނގުނު ގޮތުގައި އެ ފޮށީގައި ކިލޯއަކަށް ވުރެ ގިނަ ގްރާމްގެ މެތުކެތިނޯން ހުއްޓެވެ. 

އެހެންވެ، އެ ފޮށިގަނޑު ފުލުހުންނާ ހަވާލުކޮށް، މުފާވިޒުގެ އަތުން އެ ފޮށިގަނޑު ބަލާ އަންނަ މީހާ ހޯދުމަށްޓަކައި ކޮންޓްރޯލްޑް އޮޕަރޭޝަނެއް ކުރިއަށް ގެންދަން މަސައްކަތްކުރި އެވެ. ނަމަވެސް މުފާވިޒު އެ ފޮށިގަނޑާ ހަވާލުވާން އައީ މީހަކު ބުނެގެން ކަމަށް ބުނެ އެ މީހާއާ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދިން ނަންބަރަށް ގުޅިއިރު ފޯނަށް ޖަވާބު ދީފައި ނުވާތީ އެ އޮަޕަރޭޝަން ކުރިއަށް ނުގެންދެވެ އެވެ. 

އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް ނޭނގޭ ކަމަށާއި އަދި އެ ފޮށިގަނޑު ބަލާ ދިޔައީ ޕޭޖެއް ޑެލިވަރީ އޯޑަރެއް ފުރިހަމަ ކުރުމަށް ކަމަށް މުފާވިޒު ބުނެފައިވެ އެވެ. 

ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު މަފާވިޒުގެ ދައުރަކީ މަސްތުވާތަކެތި ހުރި ފޮށި ވަކި މީހަކާ ހަމައަށް ގެންގޮސްދިނުމުގެ ދައުރު ކަމަށެވެ. އަދި އެ ފޮށި ރާއްޖެ އެތެރެކޮށް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދިނުމުގެ ބައިވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ މުފާވިޒު ކަމަށް ހުކުމުގައިވެ އެވެ. 

މުފާވިޒުއަކީ އެ ސިލްސިލާގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ މީހަކަށް ވާއިރު، އެ ފޮއްޓާ ހަވާލުވެ  ވަކި މީހަކާ ފޮށި ހަވާލުކުރަން އުޅުނުކަން މުފާވިޒުގެ ބަހުންނާއި ހެކިންގެބަހުން އެނގޭ ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ކުށުގެ އަމަލުގެ ރުކުން ފުރިހަމަވާ ކަމަށް ކަނޑައެޅި އެވެ. 

ފޮއްޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތް އޭނާއާ ހަވާލުކުރި މީހާ ސިއްރުކޮށްފައިވުމުން މުފާވިޒުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމްގައި ފާހަގަކޮށް، ކުށުގެ ނިޔަތުގެ ރުކުން ވެސް ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވެ އެވެ. 

އެހެންވެ، މުފާވިޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމާއެކު، 75،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އިއްވި އެވެ.

ނަމަވެސް ހުކުމުގެ ކުރިން އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމުން އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ 15 އަހަރާއި ނުވަ މަހާއި 27 ދުވަހުގެ ޖަލު ހުކުމެކެވެ.