ހަ ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ. 

ކަސްޓަމްސްއިން އިއްޔެ ބުނި ގޮތުގައި ވައިގެމަގުން އެއާފްރައިޓް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން 6.75 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވަނީ އަތުލައިގެންފަ އެވެ. 

އެ މައްސަލައާ ގުޅުންހުރި ބަންގްލާދޭޝްގެ ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މިރްޒާ އަލް އަމީން އާއި އެމްޑީ މިޒަންނޫރު ރަހްމާނާއި އެމްޑީ ޖިހާދު ބިން އަރީފް އަދި އެމްޑީ އަރްމާން އަލީ އެވެ. 

އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން ޝަރީއަތް ނިމެންދެން ބަންދުކޮށް، އަނެއް ތިން މީހުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. 

ބަންދު އަމުރުގައިވާ ގޮތުން ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ވައިމަގުން އެތެރެކުރި މަސްތުވާތަކެތި ބަލާ އަންނަ ބަޔަކު ހޯދަން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އެ މީހުން އެ ތަކެތި ބަލައި ދިޔުމުންނެވެ. 

ފުލުހުން އެމީހުންގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. މަސްތުވާތަކެތީގެ ގާނޫނު މިހާރު އޮންނަ ގޮތުން މި ތުހުމަތަކީ ސާބިތުވެއްޖެ ނަމަ، މަރުގެ އަދަބު ކަނޑައެޅޭ ކުށެކެވެ.