އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކޮށްފި އެވެ. 

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އަބުޗާ ވަނީ މި މަހުގެ އެއްވަނަ ދުވަހު ޕެރޯލްގެ ދަށުން ދޫކޮށްލައިފަ އެވެ. ޕެރޯލްއަކީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުށްވެރިއަކު، އޭނާގެ ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ވަކި ޝަރުތުތަކަކާ އެކު މުޖުތަމައަށް ދޫކޮށްލުމެވެ. 

އަބުޗާއަށް ޕެރޯލްގެ ފުރުސަތު ޕެރޯލް ބޯޑުން ދީފައިވާއިރު، އޭނާ ބަންދުން މިނިވަންކޮށްފައިވަނީ ޕެރޯލް ގާނޫނުގައި ބުނާ ޝަރުތައް ކުރުމަށް ފަހު އެވެ. އެ ޝަރުތަކާ ހިލާފުވާނަމަ، އަލުން ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭނެ އެވެ. ނަމަވެސް، އަބުޗާއަށް ޕެރޯލްގެ ފުރުސަތު ދިނީ ކޮން ޝަރުތަކެއް ފުރިހަމަވާތީ ކަމެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ. 

ޕެރޯލްގެ ކަންކަން ހިންގަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޕެރޯލް ބޯޑުންނެވެ. ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ޕެރޯލަށް އެދެވެ އެވެ: 

  • ހުކުމުގެ ބައެއް ފުރިހަމަކުރުން: ތަންފީޒުކުރަމުންދާ ޖަލު ހުކުމުގެ ވަކި ބައެއް (އާންމުގޮތެއްގައި ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި) ޖަލުގައި ހޭދަކޮށްފައިވުން
  • އަހުލާގު ރަނގަޅުވުން: ޖަލުގައި ހޭދަކުރި މުއްދަތުގައި ކުށްވެރިޔާގެ އަހުލާގު ރަނގަޅުވެ، ޖަލުގެ ގަވާއިދުތަކަށް ބޯލަނބާފައިވުން
  • ރިހެބިލިޓޭޝަން ފުރިހަމަކުރުން: ޖަލުގައި ހިންގާ ދީނީ، ތައުލީމީ ނުވަތަ މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އިސްލާހުވާން މަސައްކަތްކޮށްފައިވުން
  • މުޖުތަމައަށް ނުރައްކަލެއް ނެތުން: އޭނާ މުޖުތަމައަށް ދޫކޮށްލުމުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ބޯޑަށް ގަބޫލުކުރެވުން
  • އިސްތިސްނާ ކުށްތަކެއްގައި ހިމެނިފައި ނުވުން: ބައެއް ބޮޑެތި ކުށްތައް (މިސާލަކަށް: މީހުން މެރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، އަދި ޓެރަރިޒަމްގެ ކުށްތައް) ސާބިތުވެފައިވާ މީހުންނަށް ޕެރޯލް ލިބުމުގައި ހަރުކަށި އުސޫލުތަކެއް އޮވޭ. ނުވަތަ ބައެއް ހާލަތްތަކުގައި ޕެރޯލް ނުލިބޭ

އުމުރު ދުވަހުގެ ހުކުމުގެ ގޮތުގައި ބަލާ 25 އަހަރުގެ ހުކުމެއް އިއްވާފައިވާ އަބުޗާގެ މައްޗަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް، ކުށުގެ ތުހުމަތުގައި އޭނާ ބަންދުކުރީ އޮކްޓޯބަރު، 2020ގަ އެވެ. އެހެންކަމުން އޭނާ ޖަލު ބަންދުގައި ހޭދަކުރާތާ ހަ އަހަރު ވަނީ ވެފަ އެވެ. 

ޕެރޯލްގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ ތިން ބާވަތެއްގެ ކުށް ފިޔަވައި އެހެން ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ. 

އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރަން ޖެހެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނަމަ، އެ މަސްތުވާއެއްޗެއްގެ ހަތަރު ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށާއި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗާ ނުވަތަ ކެނެބިސް ރެސިން ނަމަ، އެ މަސްތުވާއެއްޗެއްގެ 14 ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށް އަދި  އެހެން ބާވަތެއްގެ މަސްތުވާއެއްޗެއްނަމަ، އެ މަސްތުވާއެއްޗެއްގެ އެއް ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށެވެ. 

ނަމަވެސް، މިހާރު މަސްތުވާތަކެތީގެ ގާނޫނަށް ގެނެސްފައިވާ ބަދަލުން، އެ ބަދަލަށް ފަހު ކުށް ސާބިތުވާ މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ މީހުންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ. 

ފުލުހުން 2020 ވަނަ އަހަރު އޮކްޓޯބަރު މަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭނާއާ އެކު އިތުރު 17 މީހަކު ވެސް އެ އޮޕަރޭޝަނުގައި ހައްޔަރުކުރި އެވެ.

އެ އޮޕަރޭޝަނުގައި އަބުޗާ ޑިންގީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަނިކޮށް ކަނޑުމަތިން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި ވަގުތު، މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކައި ވެސްލި އެވެ. އެކަމަކު، ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ނެގުމަށް ފަހު އަބްޗާ ހައްޔަރުކުރި އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އަބްޗާގެ މައްޗަށް އުފުލިއިރު، އޭނާ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހެދި އެވެ. އިއުތިރާފުގެ މައްޗަށް ބަލައި، އަބްޗާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅިއިރު، އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ. އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުގައި 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ކުޑަކުރި އެވެ. 

ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބްޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.

ފުލުސް އޮފީހުން ކުރިން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން އަބުޗާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިން އަށް ފަހަރަކު ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްތުވާތަކެތީގެ އިތުރުން ޖަމާއަތް ހަދައިގެން ރޭޕްކުރުމުގެ މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 2019 ވަނަ އަހަރުގެ މެދު ތެރޭގައި އޭނާ ހައްޔަރުކުރުމުން ވެސް ކޯޓާ ހިސާބުން ދޫވީ އެވެ. ކޮނޑުގައި އަޅުވައިގެން ތިބި ދަބަސްތަކަކުން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިންކާރު ކުރަމުން ބުނެފައި ވަނީ، އެ ފަހަރު ދައުވާ އުފުލި މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި މީހެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ މީހަކު އެހީތެރިކަމަށް އެދުމުން ލޯންޗުގައި ގެންގޮސްދިނީ ކަމަށް ބުންޏެވެ.

އަބުޗާގެ ނެޓްވޯކުން އެ ފަހަރު ވެސް މަސައްކަތްކޮށްފައި ވަނީ، އެ މަސްތުވާތަކެއްޗަކީ އެތަނުން އެކެއްގެ އެއްޗެއް ކަމަށް ބުނެ އެ މީހާ އޭގެ ޒިންމާ ނަގައި ދެން ތިބި އެންމެން ސަލާމަތްކުރާށެވެ. މުއްދަތު މަޖިލީހުގައި އެކަކު އެތަކެއްޗާ ހަވާލުވެ އެހެން އެންމެން އިންކާރުކުރީ އެވެ.