މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރުމުގެ ކުށްތަކުގައި ޖަލަށްލާފައިވާ މީހުންނަށް ޕެރޯލްގެ ފުރުސަތު ދެން ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ވެސް ޕެރޯލަށް އެދެވެ އެވެ. ނަމަވެސް، މި ސަރުކާރުން ތަސްދީގުކުރި މަސްތުވާތަކެތީގެ ގާނޫނުގެ އާ އިސްލާހުގައިވާ ގޮތުން މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް ޕެރޯލަށް އެދުމުގެ ފުރުސަތެއް ނުލިބެ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް މީގެ ފަހުން ޕެރޯލްގެ ފުރުސަތު ނުދިނުމަކީ ސަރުކާރުގެ ސްޓޭންޑް ކަމަށެވެ. އެއީ، ޕެރޯލްގެ ގާނޫނުގައިވާ ޖަލުގެ މުއްދަތު ހަމަކުރި ކަމުގައިވިޔަސް، މަސްތުވާތަކެތި ގާނޫނު އޮތް ގޮތުން އެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ގާނޫނީ މާނަކުރުން ޕެރޯލްގެ ބޯޑަށް ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

ނަމަވެސް، އެގޮތަށް އަމަލުކޮށްފި ނަމަ، އެއީ ގާނޫނުގެ އާ އިސްލާހުގެ ކުރިން ހިނގާފައިވާ ކަންކަމަށް އެ އިސްލާހު ތަންފީޒުކުރެވުމެވެ. އެއީ އާންމު ގާނޫނީ އުސޫލުތަކާ ހިލާފުވާ ކަމެކެވެ. 

ޕެރޯލްގެ މައްސަލަ ބޮޑުވެފައިވަނީ އައްޑުއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހިމް (އަބުޗާ) ގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ ޖަލަށް ލާފައި ވަނިކޮށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރުމުންނެވެ. އެ ނިންމުން ބާތިލުކޮށް އޭނާ އަލުން ޖަލަށް ގެންގޮސްފައިވާއިރު، ޕެރޯލް ބޯޑު މެންބަރުން ވެސް ވަނީ ވަކިކޮށްފަ އެވެ. 

އަދި ޕެރޯލް ބޯޑުގެ މަސައްކަތްތައް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. 

ޕެރޯލްގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތީގެ ތިން ބާވަތެއްގެ ކުށް ފިޔަވައި އެހެން ކުށްތަކުގައި ޖަލުގައި ތިބޭ މީހުންނަށް ޕެރޯލްގެ ފުރުސަތު ލިބޭނީ އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުންނެވެ. 

އެ މީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޒުކުރަން ޖެހެނީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ތެރެއިން އެ ކުށެއް ކުރުމުގައި ހިމެނުނު މަސްތުވާއެއްޗަކީ ޑައިމޯފިން ނަމަ އެ މަސްތުވާއެއްޗެއްގެ ހަތަރު ގްރާމަށް ވުރެ މަތީ އަދަދެއް ހިމެނޭ ކުށާއި ކެނެބިސް ނުވަތަ ކެނެބިސް މިކްސްޗާ ނުވަތަ ކެނެބިސް ރެސިން ނަމަ އެ މަސްތުވާއެއްޗެއްގެ 14 ގްރާމަށް ވުރެ މަތީ އަދަދެއް ހިމެނޭ ކުށް އަދި  އެހެން ބާވަތެއްގެ މަސްތުވާއެއްޗެއް ނަމަ އެ މަސްތުވާއެއްޗެއްގެ އެއް ގްރާމަށްވުރެ މަތީ އަދަދެއް ހިމެނޭ ކުށެވެ. 

ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހެއްގެ ވަކި ޝަރުތުތަކެއް ފުރިހަމަވުމުން ޕެރޯލަށް އެދެވެ އެވެ. އެއީ:

  • ހުކުމުގެ ބައެއް ފުރިހަމަކުރުން: ތަންފީޒުކުރަމުންދާ ޖަލު ހުކުމުގެ ވަކި ބައެއް (އާންމުގޮތެއްގައި ތިންބައިކުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައި) ޖަލުގައި ހޭދަކޮށްފައިވުން.
  • އަހުލާގު ރަނގަޅުވުން: ޖަލުގައި ހޭދަކުރި މުއްދަތުގައި ކުށްވެރިޔާގެ އަހުލާގު ރަނގަޅުވެ، ޖަލުގެ ގަވާއިދުތަކަށް ބޯލަނބާފައިވުން.
  • ރިހެބިލިޓޭޝަން ފުރިހަމަކުރުން: ޖަލުގައި ހިންގާ ދީނީ، ތައުލީމީ ނުވަތަ މަސައްކަތްތެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އިސްލާހުވާން މަސައްކަތްކޮށްފައިވުން.
  • މުޖުތަމައަށް ނުރައްކަލެއް ނެތުން: އޭނާ މުޖުތަމައަށް ދޫކޮށްލުމުން އާންމުންގެ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ބޯޑަށް ގަބޫލުކުރެވުން.
  • އިސްތިސްނާ ކުށްތަކެއްގައި ހިމެނިފައި ނުވުން: ބައެއް ބޮޑެތި ކުށްތައް (މިސާލަކަށް: މީހުން މެރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، އަދި ޓެރަރިޒަމްގެ ކުށްތައް) ސާބިތުވެފައިވާ މީހުންނަށް ޕެރޯލް ލިބުމުގައި ހަރުކަށި އުސޫލުތަކެއް އޮވޭ. ނުވަތަ ބައެއް ހާލަތްތަކުގައި ޕެރޯލް ނުލިބޭ.