އައްޑުއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލާގައި ޕެރޯލް ބޯޑުގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
އަބުޗާ ދޫކޮށްލި މައްސަލައިގެ ތަހުގީގެއް ހިންގަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
މައްސަލަ ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށާއި ހަމައެކަނި ބޯޑު މެންބަރުން ވަކިކުރުމަކުން ނުނިމޭ ކަމަށެވެ. އެކަން ހިނގި ގޮތް ބަލައި، އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނެ ނަމަ އެކަން ވެސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު ވިދާޅުވީ ޕެރޯލް ބޯޑުގެ މެންބަރުން މަސައްކަތްކުރީ ކޮން ގޮތަކަށްތޯ ބަލަންޖެހޭ ކަމަށާއި އެ މީހުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެކަން ތަކުރާރު ނުވާނެ ކަން ކަށަވަރުކުރުމަށް ވެސް މިކަން ހިނގައިދިޔަ ގޮތް ބެލުން މުހިންމު ކަމަށް މެންބަރު ވިދާޅުވި އެވެ.
މެންބަރު ޝާހިދު ވަނީ ޕެރޯލް ބޯޑު ކޮމިޓީއަށް ހާޒރުކުރަން ހުށަހަޅައިފަ އެވެ. އެ ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުން އެއްބަސްވެ، ތާއީދު ކުރެއްވި އެވެ.
ނަމަވެސް، މި ވަގުތު ބޯޑުގައި އެއްވެސް މެންބަރަކު ނެތުމުން ފުރަތަމަ ލިޔުމުން މައުލޫމާތު ސާފުކުރަން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވި ހުށަހެޅުން ވެސް ފާސްކުރި އެވެ.
އަބުޗާ ދޫކޮށްލި މައްސަލާގައި ޕްރޯލް ބޯޑުން އަމަލުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށްވާތީ ސަރުކާރުން އެ ނިންމުން ބަދަލުކުރަން އެންގި އެވެ. ނިންމުން ބަދަލުކޮށް އަބުޗާ އަލުން ޖަލަށް ގެންގޮސްފައިވާއިރު، ސަރުކާރުން ވަނީ ޕެރޯލް ބޯޑުގެ މެންބަރުން ދޫކޮށްލައިފަ އެވެ. ނަމަވެސް، ޕެރޯލް ބޯޑު މެންބަރުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވެފައިވާ ގޮތުގައި އަބުޗާގެ މައްޗަށް 12 އަހަރާއި ހަ މަހުގެ ތިން ހުކުމެއް އިއްވާފައިވާއިރު، އޭނާއަށް ޕެރޯލަށް އެދެވެނީ ހަ އަހަރާއި ތިން މަސް ހަމަވުމުން ކަމަށެވެ. އެ މުއްދަތު ގުނުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަބުޗާގެ މައްޗަށް ހުކުމް އިއްވިއިރު ޖަލު ހުކުމުން އޭނާ އެ މައްސަލައިގެ ޝަރީއަތުގެ މުއްދަތުގައި ބަންދުގައި ހުރި ހަތަރު ވަރަކަށް އަހަރު އުނިކުރި އެވެ. އެހެންވެ، ޕެރޯލަށް އެދެވޭ މުއްދަތު ގުނުމުގައި ޕެރޯލް ބޯޑުން ބެލީ އެ މުއްދަތު އުނިކުރުމަށް ފަހު އޭނާ ތަންފީޒުކުރަންޖެހޭ އަދަބުގެ މުއްދަތު ކަމަށްވާ އަށް އަހަރަށެވެ. މުޅި މައްސަލައިގައި ޖަލުގައި ހުންނަތާވީ ފަސް އަހަރާއި 11 މަހެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވަތަކެތި ޓްރެފިކް ކުރާ މީހުންނަށް ޕެލޯލް ދިނުމަކީ ސަރުކާރުގެ ސިޔާސަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.
ނަމަވެސް، މި ނިންމުމަކީ ޕެރޯލް ބޯޑުގެ މެންބަރުން ގަސްދުގައި ގޯސް ނިޔަތެއްގައި ކުރި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ބޭފުޅުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.