މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކުރަން ހުށަހަޅައިފި އެވެ.

އަބުޗާ ޕެރޯލް ބޯޑުން މިނިވަންކުރި މައްސަލަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ތަހުގީގުކުރަން އެދި ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ މެންބަރު ހުށަހެޅުއްވި ސިޓީގައިވާ ގޮތުން، ޕެރޯލް ދިނުމުގައި އަމަލުކޮށްފައިވާ އިޖުރާއަތްތަކާއި އެ ނިންމުން ނިންމުމުގައި ބައިވެރިވި އަދި ޒިންމާވާންޖެހޭ ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުން މުހިންމެވެ.

ޝަރުތު ހަމަވާކަން ކަނޑައެޅުމަށް ބެލި ލިޔެކިޔުންތަކާއި އެ ނިންމުމަށް ވަސީލަތްވުމަށް ބޭނުންކުރި މިންގަނޑުތައް ބެލުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.

މެންބަރު ކުޑޫގެ ސިޓީގައި އެދިވަޑައިގެންނެވި ކަންކަން: 

  • ޤާނޫނީ އިޖުރާއަތް:  25 އަހަރުގެ ހުކުމެއް އޮތް މީހަކަށް ޕެރޯލްގެ ފުރުސަތު ދިނުމުގައި ތިން ބައިކުޅަ އެއް ބައި ހަމަވި ކަމަށް ނިންމި ގޮތުގެ ގާނޫނީ އިޖުރާއަތަކީ ކޮބައިކަން ސާފުކުރުން.
  • ނިޒާމީ ގޯހެއްތޯ ބެލުން: މިއީ ވަކި މައްސަލައެއްގައި ދިމާވި އިޖުރާއީ ގޯހެއްތޯ ނުވަތަ ނިޒާމީ ގޮތެއްގައި ހިނގަމުންދާ ކަމެއްތޯ ތަހުގީގުކުރުން.
  • އިތުރު ކުށްވެރިން: މިފަދަ ގާނޫނީ އޮޅުވައިލުމެއް ނުވަތަ ނުބައި މާނަކުރުމެއްގެ ތެރެއިން މީގެ ކުރިން އިތުރު ކުށްވެރިންތަކެއް ދޫކުރެވިފައިވޭތޯ ބެލުން.
  • މިނިސްޓްރީގެ ދައުރު: ޕެރޯލް ބޯޑުގެ ނިންމުންތައް ހޯމް މިނިސްޓްރީއަށް އެނގޭ މިންވަރުގެ އުސޫލުތައް ސާފުކުރުން.

"ގާނޫނުއަސާސީ ތަންފީޒުކުރުމުގެ ދަށުން، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރީ ވާޖިބެއްކަމަށްވާތީ، މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގުކޮށްދިނުމަށް އެދެން،" މެންބަރު ކުޑޫގެ ސިޓީގައިވެ އެވެ. 

މައްސަލަ ތަހުގީގުކުރަން މެންބަރު އެދިވަޑައިގެންނެވިއިރު އެކި މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވެސް ވަކިކޮށްފައިވާ ކަމަށް އިއްޔެ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.

އިހުސާން ވިދާޅުވި ގޮތުގައި ގާނޫނާ ހިލާފަށް އަބުޗާއަށް ދިން ޕެރޯލް އުވާލައި، އޭނާ މިހާރު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. 

އިހުސާން ވިދާޅުވީ، އަބުޗާގެ މައްޗަށް 12 އަހަރާއި ހަ މަހުގެ ތިން ހުކުމެއް އިއްވާފައިވާއިރު، އޭނާއަށް ޕެރޯލަށް އެދެވެނީ ހަ އަހަރާއި ތިން މަސް ހަމަވުމުން ކަމަށެވެ. އެ މުއްދަތު ގުނުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައިވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އަބުޗާގެ މައްޗަށް ހުކުމް އިއްވިއިރު ޖަލު ހުކުމުން އޭނާ އެ މައްސަލައިގެ ޝަރީއަތުގެ މުއްދަތުގައި ބަންދުގައި ހުރި ހަތަރު ވަރަކަށް އަހަރު އުނިކުރި އެވެ. އެހެންވެ، ޕެރޯލަށް އެދެވޭ މުއްދަތު ގުނުމުގައި ޕެރޯލް ބޯޑުން ބެލީ އެ މުއްދަތު އުނިކުރުމަށް ފަހު އޭނާ ތަންފީޒުކުރަންޖެހޭ އަދަބުގެ މުއްދަތު ކަމަށްވާ އަށް އަހަރަށެވެ. މުޅި މައްސަލައިގައި ޖަލުގައި ހުންނަތާވީ ފަސް އަހަރާއި 11 މަހެވެ.  

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްތުވަތަކެތި ޓްރެފިކް ކުރާ މީހުންނަށް ޕެލޯލްގެ ފުރުސަތު ދިނުމަކީ ސަރުކާރުގެ ސިޔާސަތާ ވެސް ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް، މި ނިންމުމަކީ ޕެރޯލް ބޯޑުގެ މެންބަރުން ގަސްދުގައި ގޯސް ނިޔަތެއްގައި ކުރި ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ ބޭފުޅުން ވަކިކުރީ ކުށްވެރިވެގެން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ސަރުކާރުން މި ފިޔަވަޅުތައް އަޅާފައިމިވަނީ މި މަހުގެ އެއްވަނަ ދުވަހު ދޫކޮށްލި އަބުޗާގެ މައްސަލަ މީޑިއާއިން ރިޕޯޓްކޮށް އެކަމާ އާންމުންގެ ފާޑުކިޔުން އަމާޒުވުމުންނެވެ.