އާ އިންތިޒާމްތަކާ އެކު ފްލެޓްތައް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނަން: އެޗްޑީސީ

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށާއި ފްލެޓްތައް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.


ގާކޮއްޓާއި އަރަބިއްޔާގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލަން އިއުލާންކުރީ، އެ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުންނެވެ. އެ ފްލެޓްތަކަށް ފޯމު ދޫކުރަން އޮތް ދުވަހުގެ ދެ ދުވަސްކުރިން، ގިނަ ބަޔަކު ކިޔޫ ޖެހުނެވެ. މިފަދަ ބޮޑު ކިޔޫއެއްގައި ރައްޔިތުން ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ ފްލެޓް ވިއްކުން މެދުކަނޑައިލީ އެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ބުންޔާމީން މިއަދު ވިދާޅުވީ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ކަނޑައަޅައި ހައުސިން މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ. އެ އިންތިޒާމްތަކަށް މިނިސްޓްރީން ޖަވާބެއް ލިބުމުން ފްލެޓްތައް ވިއްކަން އަލުން ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ފްލެޓްތައް ވިއްކަން އިއުލާންކުރަން،" ބުންޔާމީން ވިދާޅުވި އެވެ.

ހުޅުމާލޭގެ ފިޔަވަތީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބުންޔާމީން ބައިވެރިވެވަޑައިގަންނަވަނީ: ފްލެޓްތައް ވިއްކަން ވަރަށް އަވަހަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ވިދާޅުވި. ---ފޮޓޯ:ރައީސް އޮފީސް

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. އެޗްޑީސީން ކުރިން ނިންމާފައިވާ ގޮތުން ނަމަ، ފްލެޓް ވިއްކާނީ ފޯމް ހުށަހަޅާ ތަރުތީބުންނެވެ. ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާ އެވެ. އެޗްޑީސީން ބުނިގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ހުށަހަޅާ ފަރާތްތަކަށެވެ.

އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާ އިރު ފްލެޓްތައް ދިނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި މީހުންނަށެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކާ ހެދި އެވެ.