ފްލެޓްތަކުގެ ތަޅުދަނޑި ދިން އިރު ވެސް އޭސީސީގެ ތަހުގީގެއް ނުނިމުނު!

މި ސަރުކާރުން 2014 ގައި ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ދޫކުރި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށް އެތަނުގައި ދިރިއުޅެން ފަށާއިރު ވެސް، އެ ފްލެޓްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތަކުގެ ތަހުގީގެއް ނުނިމެ އެވެ.


އެ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، މައްސަލަ ބަލައި އިންސާފުވެރި ހައްލެއް ހޯދައިދޭން އެދި އެތައް ބަޔަކު ވަނީ އޭސީސީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަން ތަހުގީގުކުރަން، އޭސީސީގެ ހާއްސަ ޓީމުތަކެއް ހައުސިން މިނިސްޓްރީގައި ވެސް ހަރަކާތްތެރިވި ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

އޭސީސީން ބުނީ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް އެބަދާ ކަމަށެވެ. އެހެންވެ ތަފްސީލު ހާމައެއް ނުކުރި އެވެ.

އެކަމަކު، އެ ފްލެޓްތައް ލިބުނު މީހުންނާ މިހާރު ވަނީ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އެތަންތަނުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވާލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ. މީގެ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބޭ މީހުންގެ މައުލޫމާތު އާއްމުކުރެ އެވެ.

ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ. ކުރިމަތިލީ އެއް ބަޔަކު ބުނާ ގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހަކުން ފޯނު ކޯލްތަކެއް އަ އެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާ އެކު ކަމަށާއި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. ހެއްކެއްގެ ގޮތުގައި ބައެއް ލިއުންތައް ސޯޝަލް މީޑިއާގައި ވެސް އާއްމުކޮށްފައިވެ އެވެ.

އެކަމަކު މި ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިހެން ބުންޏަސް، ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަން ބުނަން އެ މިނިސްޓްރީން ވަނީ އިންކާރުކޮށްފަ އެވެ. އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުން އެދުމުން އެ މުއައްސަސާ އަށް ވެސް އެ މައުލޫމާތު ފުރަތަމަ ހިއްސާއެއް ނުކުރި އެވެ.