ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީއަށް

ސުޕްރީމު ކޯޓުގެ ފަސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅުއްވައިފި އެވެ.


ފާރިސް ހުށަހެޅުއްވި އެ މައްސަލައިގެ ތަފުސީލު ދެއްވަމުން އޭނާގެ ވަކީލު މައުމޫން ހަމީދު ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަން ޖެހޭ ގަވައިދުތައް، ގާނޫނުގައި ކަނޑައަަޅާފައިވާ މުއްދަތުގައި ހަދާފައި ނުވާތީ އެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އަލީ ހަމީދު މުހައްމަދާއި އާދަމް މުހައްމަދު އަބްދުﷲ އަދި ޑރ. އަހްމަދު އަބްދުﷲ ދީދީ، ފަނޑިޔާރުންގެ ގާނޫނާއި ޖިނާއީ އިޖުރާއާތުގެ ގާނޫނާ ހިލާފުވެފައިވާތީ މައްސަލަ ހުށަހެޅުއްވީ ކަމަށް މައުމޫން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލަައި މަހުގެ ތެރޭގައި އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބުނާ ގޮތުން، ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހުރިހާ ގަވައިދުތަކެއް ސުޕްރީމު ކޯޓުން ހަދަން ޖެހޭ އިރު، ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެ ކަންކޮށް ނިންމަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފައިވާ އިރު ކޯޓުތަކުން އަދިވެސް އަމަލު ކުރަމުން އަންނަނީ ކުރީގެ އުސޫލުތަކަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ލަސްވާތީ މީގެ ކުރިން ވެސް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހަޅަން އޭނާގެ ވަކީލުންގެ ޓީމުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި އޭނާގެ މައްޗަށް ކުރާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.