ޚަބަރު / އަބްދުﷲ ޒިޔަތު

ތަހުގީގުގައި ޚިޔާނާތުގެ ތުހުމަތު ޒިޔަތަށް ކޮށްފައެއް ނެތް: ވަކީލް

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު: ޚިިޔާނާތުގެ ދައުވާއެއް ސާބިތުވެ އޭނާ މިހާރު ވެސް ގެންދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން --ފޮޓޯ/މިހާރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ދައުވާ ކުރަނީ އެ މައްސަލާގައި އޭނާގެ މައްޗަށް ކުރިން ތުހުމަތު ކުރުމެއް ނެތި ކަމަށް ޒިޔަތުގެ ވަކީލް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ޒިޔަތުގެ މައްޗަށް ވަނީ ޚިޔާނާތުގެ 30 ދައުވާއެއް އުފުލައިފަ އެވެ. އެ ހުރިހާ މައްސަލަތަކުގައި، ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރަ އެވެ.

އޭގެ ތެރެއިން 15 ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައިރު، މައިގަނޑު އޮތީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމެވެ.

ޒިޔަތުގެ ފަރާތުން ހުށަހެޅުންތައް ހުށަހަޅަމުން އޭނާގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ، ޚިޔާނާތުގެ ދައުވާ ޒިޔަތުގެ މައްޗަށް ކުރާއިރު، އޮކްޓޫބަރު، 2015 ގައި ޒިޔަތު ހައްޔަރު ކުރުމަށް ފަހު، ދިން ލިޔުމުގައި ޚިޔާނާތުގެ ތުހުމަތެއް އޭރު ކޮށްފައިނުވާ ކަމަށެވެ. އޭރު ޒިޔަތުގެ މައްޗަށް ކުރީ ސައްހަ ލިޔުމަކަށް ބަދަލު ގެނައުމާއި މަކަރު ހެދުމުގެ ތުހުމަތުތައް ކަމަށް ޔާމީން ވިދާޅުވި އެވެ.

އެކަމަކު ދައުލަތުން އެކަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ނޮވެމްބަރު، 2015 ގައި އެ މައްސަލައާ ގުޅޭގޮތުން ޒިޔަތާ ސުވާލުކުރި އެވެ. އޭރު ތަހުގީގުގައި ޒިޔަތާ ސުވާލު ކުރަން ފެށިއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައާ ގުޅޭގޮތުން ސުވާލުކުރާ ކަން ބުނެފައިވާނެ ކަމަށާއި އެކަން ތަހުގީގުގެ ވީޑިއޯ ރެކޯޑިން އަށް ބެލުމުން ވެސް އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ޒިޔަތަށް ކުރާ ތުހުމަތު ޖުމްލަ ގޮތެއްގައި އޭނާއަށް ބަޔާން ކޮށްދީފައިވާ ކަމަށް ގަބޫލު ކުރާ ދައުލަތުން ބުންޏެވެ.

އެ ވާހަކައަށް ރައްދު ދެއްވައި، ވަކީލް ޔާމީން ވިދާޅުވީ އެއީ ޚިޔާނާތުގެ އެހެން މައްސަލައަކާ ގުޅޭގޮތުން ނެގި ބަޔާނެއް ކަމަށެވެ. ޔާމީން ވިދާޅުވީ އެ ބަޔާން ނެގީ ޒިޔަތުގެ މިިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މައްސަލައާ ގުޅިގެން ކަމަށާއި އެއީ މިހާރު ހިިނގަމުންދާ ދައުވާތަކާ ގުޅޭ ބަޔާނެއް ނޫން ކަމަށެވެ.

ޒިޔަތުގެ ފަރާތުން ހުށަހެޅި ދެވަނަ ހުށަހެޅުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ 70 ދުވަސް ފާއިތުވެފައި ވާއިރު ވެސް ޝަރީއަތުގެ އަސްލު އަޑުއެހުންތައް ނުފެށި އޮތް މައްސަލަ އެވެ.

މައްސަލައިގެ ލިޔުންތައް ހަވާލު ކުރާތާ 70 ދުވަސް ތެރޭގައި ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށަން ޖިނާއީ އިޖްރާއާތުގެ ގާނޫނު ލާޒިމް ކުރާއިރު، އެކަން އެގޮތަށް ނުކުރުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް ވަކީލް ޔާމީން ވިދާޅުވި އެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ ޒިޔަތަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ކުރިން ހައްޔަރުކުރި މީހެއް ކަމަށާއި އެ ގާނޫނުގައި ކަނޑައަޅާފައިވާ އެ މުއްދަތު އެ މައްސަލާގައި ނުހިނގާނެ ކަމަށެވެ. އަދި ޖުލައި، 2016 ފުލުހުންގެ ބަންދުން ކަރެކްޝަނަލް ސާވިސްގެ ބަންދަށް ޒިޔަތު ބަދަލު ކޮށްފައިވާ ކަން ވެސް ދައުލަތުން ފާހަގަކުރި އެވެ.

ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައިގަތުމުގެ ކުރިން ދައުލަތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ވެސް މިއަދު ވަނީ ހުށަހަޅައިފަ އެވެ. ދައުލަތުން ހުށަހެޅީ ހެކިވެރިންގެ ހެކިބަސް ސިއްރުން ނެގޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށާއި ހެކި ރައްކާތެެރި ކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

ދެ ފަރާތުން މިއަދު ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 15 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ.

ޚިޔާނާތުގެ އެހެން މައްސަލައެއްގައި މިހާރު ވެސް އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޒިޔަތުގެ މައްޗަށް މިހާރު ކުރާ ދައުވާތައް ސާބިތުވެއްޖެ ނަމަ، ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން އެއިން ކޮންމެ ދައުވާއަކަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެހެންވެ، ހުރިހާ ދައުވާތަކެއް ސާބިތުވެއްޖެ ނަމަ ޖުމްލަ 90 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ޒިޔަތަށް އަންނާނެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 14%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454