"ކަލައިދޫގައި ބްލެކްމެއިލް ކުރީ ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ"

ލ. ކަލައިދޫގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕުކޮށް، އެ ކުއްޖާ ބްލެކްމެއިލް ކުރީ ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މިއަދު ބުނެފި އެވެ.


އަންހެންކުއްޖާ ރޭޕްކުރި ކަމަށް އޭނާގެ އާއިލާއާ ހަވާލާދީ ކަލައިދޫގެ ބައެއް މީހުން ބުނި ނަމަވެސް، އެ މައްސަލައިގައި މީހަކު ހައްޔަރު ކުރީ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގަ އެވެ. އެކަމަކު މައްސަލައިގެ ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.

ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، އުމުރުން ވިއްސަކަށް އަހަރުގެ ފިރިހެންމީހާގެ ބަންދަށް އިސްދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ކަލައިދޫގެ ބައެއް މީހުން ބުނީ ހައްޔަރު ކުރި ޒުވާނާ އާއި އަންހެން ކުއްޖާއަކީ ދެ ރަހުމަތްްތެރިން ކަމަށެވެ. އަދި ފިރިހެންމީހާ ގަދަކަމުން އަންހެން ކުއްޖާއާ ޖިންސީ ގުޅުން ހިންގީ، ދެ މީހުން ސައިކަލުގައި އިސްދު އަށް ގޮސް އައި މަގުމަތީގައި، ދެ ރަށް ދޭތެރޭގައި އޮންނަ ވަލުތެރޭގައި ކަމަށް އެ މީހުން ބުންޏެވެ.

"އެ އަމަލު ހިންގުމަށް ފަހު އަންހެން ކުއްޖާ ބަރަހަނާކޮށް ފޯނުން ފޮޓޯ ނެގީ. އަދި އެ ވާހަކަ ދައްކައިފިނަމަ ފޮޓޯތައް ލީކުކޮށްލާނެ ކަމަށް ބިރު ދައްކަމުން ދިޔައީ،" އަންހެންކުއްޖާގެ އާއިލާއާ ގުޅުން އޮންނަ ކަލައިދޫ މީހަކު ބުންޏެވެ.

ބްލެކްމެއިލް ކުރި ނަމަވެސް އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަންހެންކުއްޖާގެ އާއިލާއިން ކަމަށް އޭނާ ބުންޏެވެ.

މިދިޔަ ބުދަ ދުވަހު މާލޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ވެސް ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާގެ ބަންދަށް ވެސް، ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.