ގައުމު ހަމައަކަށް އެޅެން އޮތީ މަޖިލީހަށް ހަރަކާތްތެރިވެވިގެން: މައުމޫން

ގައުމުގައި މިހާރު އޮތް ހަލަބޮލިކަމުން އަރައިގަނެ، ކަންކަން އިސްލާހު ކުރެވެން އޮތީ ރައްޔިތުންގެ މަޖިލިސް މިނިވަންވެ ހަރަކާތްތެރިވާން ފެށިގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިރޭ ވިދާޅުވެއްޖެ އެވެ.


އދ. މާމިގިލީގައި އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާއެއްގައި ދަރިކަނބަލުން ޔުމްނާ މައުމޫން މެދުވެރި ކުރައްވައި ދެއްވި ހިތޯބެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށް ވުމުގެ ބަދަލުގައި ގާނޫނު ހެދުމުގެ ބާރު އޮންނަ ތަނަކަށް މަޖިލިސް ވާން ޖެހޭ ކަމަށެވެ. އަދި ގައުމު އިސްލާހު ކުރެވޭނީ މަޖިލީހަށް ގާނޫނީ ވާޖިބު އަދާކުރެވި، ސަރުކާރު ޒިންމާދާރު ކުރުމަށް މަސައްކަތް ކުރަން ފެށިގެން ކަމަށް ވިދާޅުވި އެވެ.

އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި އެ މަނިކުފާނު ނެރުއްވި ބަޔާނުގައި ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރަން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ މަގާމު ކަށަވަރުކޮށްދީ ގޮނޑިތައް ހިމާޔަތްކުރުމަކީ ވެސް، އެ މަސައްކަތުގެ ބައެއް ކަމަށް ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ ކަންކަމަށް ގެންނަން ޖެހޭ އިސްލާހުތައް ފެށެންވާނީ މަޖިލީހުން. އެ މަޖިލީހުން ފާސް ކުރާ ގާނޫނުތަކާއި ނިންމުންތަކުން... ދައުލަތުގެ ކަންކަން އިސްލާހު ކުރެވޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން ތިއްބަވާ، ރައްޔިތުންގެ މަޖިލިސް ހަރުދަނާކޮށްގެން." އެ މަނިކުފާނު މިރޭ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މިހާރު އެންމެ ފުރަތަމަ ކަމަކަށް، މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު މި ވާހަަކަފުޅު ދެއްކެވީ އިދިކޮޅު ފަރާތްތަކާ ގުޅުނު މަޖިލިހުގެ މެމްބަރުންގެ ތެރެއިން ދިހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށެވެ. އެކަމަކު އެ މަނިކުފާނު ވިދާޅުވީ އެ މެމްބަރުން ވަކިނުވާކަން ޔަގީންކޮށްދޭން ޖެހޭ ކަމަށާއި އަދި ވަކިކޮށްފާނެ ކަމަށް ބިރު ހީވެފައިވާ މެމްބަރުންނަށް ވެސް އެކަން ނުވާނެ ކަމުގެ ޔަގީންކަން ދޭން ޖެހޭ ކަމަށެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަށުގައި ބޭއްވި އެ ޖަލްސާގައި އިއްވި ބަޔާނުގައި މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން، އަދި އެ މީހުން ކުރާ އިސްލާހީ މަސައްކަތުގައި ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުވެގެން ކަމަށެވެ. އަދި އެ ގުޅުމަށް އެއްވެސް ކަހަލަ ބުރުލެއް އެއްވެސް މީހަކަށް ނުފޯރުވެވޭނެ ކަމަށާއި އަޒުމެއް ވެސް ގުޑުވައެއް ނުވެލެވޭނެ އެ މަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވަނީ ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގައުމަށް އައިސްފައިވާ ނުރަނގަޅު ކަންކަން އިސްލާހުކޮށް، ގައުމު ސަލާމަތް ކުރުމަށް އިދިކޮޅު ލީޑަރުން ކުރައްވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.