ކޮންމެ ނޫސްވެރިއެއްގެ އަތުން ހަތް މިލިއަންގެ ރުފިޔާ ނަގައިދޭން ނަސްރުﷲ އެދެފި

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ "މިހާރު"ގެ ނޫސްވެރިންނާ ދެކޮޅަށް ކުރާ އަބުރުގެ ދައުވާގައި ކޮންމެ ނޫސްވެރިއެއްގެ އަތުން ބަދަލުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ނަގައިދޭން އެދިއްޖެ އެވެ.


އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމުގައި ހުރުމަށް ފަހު މަގާމުން ވަކިވެފައިވާ ނަސްރުﷲ އަބުރުގެ ދައުވާކުރީ ހުއްދަ ނެތި ހަތަރު މީހަކު ހައްޖަށް ފޮނުވިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރި މައްސަލަ މީޑިއާތަކުގެ ރިޕޯޓް ކުރުމުންނެވެ.

އެ މައްސަލާގައި "މިހާރު" ގެ ފަސް ނޫސްވެރިއަކާ ވީ މީޑިއާގެ މައްޗަށް ވެސް ނަސްރުﷲ ދައުވާކުރި އެވެ. އެކަމަކު "މިހާރު" ގެ މުއިއްޒު އިބްރާހީމާ ދެކޮޅަށް ކުރި ދައުވާ މިއަދު ނަސްރުﷲ ވަނީ އަނބުރާ ގެންގޮސްފަ އެވެ. ވީމީޑިއާގެ އިތުރުން އޭނާ ދައުވާ ކުރާ ނޫސްވެރިންނަކީ "މިހާރު"ގެ އަހުމަދު އަބްދުﷲ ސައީދު، ފަޒީނާ އަހުމަދު، އާސިމާ ނިޒާރު އަދި މުހަންމަދު ޔާމީނަށެވެ.

ކޮންމެ ނޫސްވެރިއަކަށް ވަކިވަކިން ކުރި ދައުވާގައި އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންމެ ނޫސްވެރިއެއްގެ އަތުން ހަތް މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. އެ ދައުވާކުރަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ.

އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ކޯޓުން ނިންމީ އިތުރު ބައްދަލުވުމެއް އަންނަ ހަފުތާގައި ބޭއްވުމަށެވެ. އެ މައްސަލައިގެ ޝަރީއަތް ހިންގާނީ ޑިސްޕިއުޓްގައި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެވެ.

ހުއްދަ ނެތި ހައްޖަށް ހަތަރު މީހަކު ފޮނުވި މައްސަލާގައި ދައުލަތުން މިހާރު ވަނީ ނަސްރުﷲ ގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލާގައި ދެ ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކުރެ އެވެ.