ޓީއެސްގެ މާރާމާރީ: ޒަހަމްކޮށްލީ ހަމަނުޖެހުމާ ގުޅުމެއް ނެތް ދަރިވަރެއް

ތާޖުއްދީން ސްކޫލް (ޓީއެސް) ގައި އިއްޔެ މާރާމާރީ ހިންގީ ދެ ކުއްޖެއްގެ ދެމެދުގައި ޖެހުނު މައްސަލައަކުން ކަމަށާއި އެކަމަކު ޒަހަމްވީ އެކަމާ އެއްވެސް ގުޅުން ނެތް ކުއްޖެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.


އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، ކިޔައިދިން ގޮތުގައި އެ މާރާމާރީ ފެށުނީ އިންޓަވަލް ގަޑީގައި ތިރިއަށް ފޭބިއިރު ގްރޭޑް 10 ގެ ދަރިވަރަކު އެހެން ކުއްޖަކު ކޮއްޕާލައި، ސިޑި މައްޗަށް ވައްޓާލުމުންނެވެ. އޭނާ، ރައްދެއްގެ ގޮތުން އަނެއް ދަރިވަރުގެ ގައިގައި ޖެހުމުން މައްސަލަ އިތުރަށް ބޮޑުވީ ކަމަށްވެ އެވެ.

މި ހަމަނުޖެހުން ފެށި ދަރިވަރު އިންޓަވަލަށް ފަހު ކްލާހަށް އެނބުރި ގޮސް، އެ ކްލާހުގެ އެހެން ކުއްޖެއްގެ ގައިގައި ޖެހި ކަމަށް، މައުލޫމާތު ހުރި މީހާ، ކިޔައިދިނެވެ. އެހާ ހިސާބުން މި މައްސަލަގަނޑުގެ އިސް ދެ ދަރިވަރުން ލީޑިން ޓީޗަރުގެ ރޫމަށް ގެންދިޔަ އެވެ. އެކަމަކު ސިޑި މަތިން ފުރަތަމަ ހަމަލާދިން ދަރިވަރު ސްކޫލުން ވެސް ނުކުމެގެން ދިޔައީ ކަމަށް ވެ އެވެ.

އޭނާ އަނބުރާ ސްކޫލަށް ދިޔައީ ސްކޫލް ނިމޭ ގަޑިއާ ދިމާކޮށެވެ. ބެލެނިވެރިން ސްކޫލަށް ވަން ގަޑިގަޑީގައި އެހެން ފިރިހެނަކާ އެކު ވަދެގަނެ، ކަތުރަކުން ބޮލަަށް ހަމަލާދީ ޒަހަމްކޮށްލީ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކުރިން ހިންގި ހަމަނެޖެހުންތަކާ އެއްވެސް ގުޅުމެއް ނެތް ކުއްޖަކަށެވެ. ގްރޭޑް 10 ގެ އެ ދަރިވަރު އޭރު ސްކޫލްގައި މަޑުކޮށްގެން އިނީ އިތުރު ގަޑި ނަގަންވެގެން ކަމަށް ވެ އެވެ.

"ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިން ބެންޗެއްގައި އެއްޗެއް ކާލަން ތިއްބާ ގޮސް އޭގެ ތެރެއިން އެއް ފިރިހެން ކުއްޖާ އަށް ހަމަލާދިނީ،" އެ މައްސަލަ އެނގި ހުރި މީހާ ބުންޏެވެ.

ޒަހަމްވި ކުއްޖާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

މާރާމާރީ ހިންގި ދަރިވަރާއި އޭނާއާ އެކު ސްކޫލަށް ވަން ފިރިހެންމީހާ ހިފެހެއްޓީ ބެލެނިވެރިންގެ ބައެކެވެ. ދަރިވަރާއި އެ މީހާ މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.